ދެ އަހަރުތެރޭ ނިންމާ ގޮތަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތާއި އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒުގެ ބިންގާ އަޅައިފި

ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތާއި އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި އިމާރާތްކުރާ އެންމެ ބޮޑު މިސްކިތާއި އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.

އެ މިސްކިތާއި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރާއި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަހްޔާ ޙަސަން އަލް ގަހްތާނީގެ އިތުރުން، އެ މަޝްރޫއާ ހަވާލުވެފައިވާ ސައުދީގެ އަލްރާޖިޙީ ކުންފުނީގެ ސީއީއޯ ބަންދަރު ޢަބްދުﷲ އަލްރާޖިޙީއެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައި ބިންގާ އެޅި "ޖާމިޢުއްސުލްތާން މުޙައްމަދު ބުން އަބްދުﷲ"އަކީ ރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތެވެ. މިއީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރާ މިސްކިތެކެވެ.

ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތާއި އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒު ހުންނާނެ ގޮތުގެ ކުރެހުމެއް ---- ފޮޓޯ/ މިނިސްޓަރު ޝަހީމް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، އެ މިސްކިތް ބިނާކުރުމަކީ މީގެ 20 އަހަރުކުރިން ހުޅުމާލޭގެ ތަސައްވުރުގައި އޮތް ކަމެއް ކަމަށެވެ.

މިގޮތުން، ކުރިން އެ މިސްކިތް ބިނާކުރުމަށް ހަމަޖެހިފައި އޮތީ މިހާރު ހުޅުމާލެ ސެންޓްރަލް ޕާކުގެ ގޮތުގައި ބޭނުންކުރާ ބިމުން ބައެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރު އެ މިސްކިތުގެ މަސައްކަތް ކާމިޔާބުވީ، ރައީސް މުއިއްޒު އެ ކަމަށް ދެއްވި ޚާއްސަ އަހަންމިއްޔަތު ކަމުގެ ސަބަބުން ކަމަށް ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތާއި އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒު ހުންނާނެ ގޮތުގެ ކުރެހުމެއް ---- ފޮޓޯ/ މިނިސްޓަރު ޝަހީމް

މިނިސްޓަރު ވިދާޅުވި ގޮތުގައި، އިސްލާމީ ހަޟާރަތާ ބެހޭ މަރުކަޒުގައި ރާއްޖެ އިސްލާމްވި ގޮތާއި 900 އަހަރު ވަންދެން އިސްލާމީ ހަޟާރަތު ތަރައްގީވެގެން އައި ގޮތް ކިޔައިދޭނެ ކޮޓަރިތަކާއި ހޯލްތައް ހުންނާނެއެވެ. އަދި، މިއީ ފަތުރުވެރިންނަށް ވެސް ޒިޔާރަތްކުރެވޭނެ ގޮތަށް ޑިޒައިންކޮށްފައިވާ ތަނެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއީ، މަދުވެގެން 10،000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް އިމާރާތްކުރާ މިސްކިތެކެވެ.

މިނިސްޓަރު ވަނީ، ގިނަވަގެން ދެ އަހަރުގެ ތެރޭގައި މި މިސްކިތުގެ މަސައްކަތް ނިންމަން ގަދަ އަޅާ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންދެއްވާފައެވެ.

comment ކޮމެންޓް