60000ރ އިން މަތިން އާމްދަނީ ލިބޭ 60000 މީހުން ރާއްޖޭގައި އެބަތިބި

ދައުލަތުގެ ޓެކްސް އިދާރާ-- ފޮޓޯ/ސަން

މިދިޔަ އަހަރުގެ ނިޔަލަށް އިންކަމް ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ވަކިވަކި ފަރުދުންގެ ގޮތުގައި 60،000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ރިޕޯޓުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް އިންކަމް ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި ޖުމްލަ 86،637 ފަރާތެއް ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ އަމިއްލަ ފަރުދުންގެ ގޮތުގައި ރަޖިސްޓްރީވި 60،489 މީހުންނާއި، ކުންފުނިތަކާއި އެހެނިހެން ވިޔަފާރިތަކުގެ ގޮތުގައި ރަޖިސްޓްރީވި 25,865 ފަރާތެކެވެ.

މީގެ އިތުރުން މި އަހަރުގެ ތެރޭގައި 29 ފަރާތެއް ވަނީ އިންކަމް ޓެކްސް ދެއްކުމުން ޑީ-ރަޖިސްޓްރީ ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ފަރުދުންނާއި 21 ކުންފުންޏެވެ.

އިންކަމް ޓެކްސް ގާނޫނުގެ ދަށުން، މުސާރަ އަދި އިނާޔަތްތަކުގެ ގޮތުގައި މަހަކު 60،000 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ވިތުހޯލްޑިން ޓެކްސް ނަގަން ފަށާފައިވަނީ އެކެއް އޭޕްރީލް 2020 ގައެވެ.

މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މުވައްޒަފުންގެ މުސާރައިން ނަގާ ވިތުހޯލްޑިން ޓެކްސްގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއެވެ. އެގޮތުން މުޅި ވިތުހޯލްޑިން ޓެކްސްގެ 55.2 އިންސައްތައަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިން ދައްކާފައިވާ ޓެކުހެވެ.

ދިއްގަރަށް ދިޔަ ފަތުރުވެރިންތަކަކަށް އެރަށުން މަރުހަބާ ކިޔަނީ --- ފޮޓޯ/ އަލީ ޝާފީ

ހަމައެއާއެކު އިންކަމް ޓެކްސް ގާނޫނު ބަޔާންކުރާ ގޮތުގައި އަހަރަކު 720،000 ރުފިޔާއަށްވުރެ އިތުރަށް ޓެކްސް ނެގޭ އާމްދަނީ ލިބޭ ފަރާތްތަކާއި، އަމިއްލަ ވިޔަފާރިތަކުން، އިންޑިވިޖުއަލް އިންކަމް ޓެކްސް ނުވަތަ ޕާސަނަލް އިންކަމް ޓެކްސް ދައްކަން ޖެހެއެވެ. ދެހާސް ސައުވީސްވަނަ އަހަރުގެ ޓެކްސް އަހަރަށް ބަލާއިރު މި ޝަރުތު ފުރިހަމަވެގެން 1،454 ފަރާތަކުން ވަނީ ޓެކްސް ބަޔާން ހުށަހަޅާފައެވެ. މިއީ އޭގެ ކުރީ އަހަރުގެ 1،397 އާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

ވަކިވަކި ފަރުދުންގެ އަތުން ޓެކްސްގެ ގޮތުގައި 2025 ވަނަ އަހަރު ލިބިފައިވަނީ 172.08 މިލިއަން ރުފިޔާއެވެ. މިއީ ޖުމްލަ ލިބުނު އިންކަމް ޓެކްސްގެ އެންމެ 3.3 އިންސައްތައެވެ. އެންމެ ބޮޑު އާމްދަނީއެއް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ ކުންފުނިތަކުގެ އަތުންނެވެ. ވަކިވަކި ފަރުދުންގެ ޓެކްސް ރިޕޯޓްކުރުމުގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވިފައިވަނީ ތަޢުލީމީ ދާއިރާއާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިންނެވެ.

މަހަކު ފަސްދޮޅަސްހާސް ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ މުއްސަނދިންނަށް އާސަންދައިގެ ފުލް ކަވަރޭޖް ދިނުން ހުއްޓާލަން ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާނުކުރައްވާފައެވެ.

ރައީސް ޑރ. މުއިއްޒު މިދިޔަ ހޯމަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މުއްސަނދިންނާއި އިންކަމް ޓެކްސް ދައްކާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން އާސަންދަ ދޭ އުސޫލު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން 60،000 ރުފިޔާއިން މަތީގެ މުސާރަ ލިބޭ ފަރާތްތަކަށް މިހާރު އޮންނަ އުސޫލުން ފުލް ކަވަރޭޖް ދިނުން ނިމުމަކަށް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު އާސަންދަ ދެމުން އަންނަ ގޮތަކީ އެންމެ އިންސާފުވެރި އަދި ރަނގަޅު ގޮތެއް ކަމަށް ބޭރުގެ މާލީ އިދާރާތަކުންނާއި ފަންނީ މާހިރުން ވެސް ގަބޫލެއް ނުކުރެއެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އާސަންދައިގެ ޚިދުމަތް ލިބޭނީ "ކޯ-ޕޭ" އަދި "ޕްރީ-ޕޭ" ގެ އުސޫލުން ނުވަތަ ކޮންމެ އަހަރަކު ސަރުކާރަށް ވަކި ފީއެއް ދައްކައިގެން ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.

comment ކޮމެންޓް