އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޓަމިލްނާޑޫގެ ޗީފް މިނިސްޓަރު ވިޖޭގެ ފޭކް ވީޑިއޯތަކެއް ހަދައި، މީހުންނަށް ގެއާއި ސައިކަލު ދޭނެ ކަމަށް ބުނެ އޮޅުވާލި މައްސަލައެއްގައި ދިއްލީން މީހަކު ހައްޔަރުކޮށްފިއެވެ.
ޗެންނާއީ ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގައި ދިއްލީގެ ބުރާރީ ސަރަހައްދުން ހައްޔަރުކޮށްފައިވަނީ ނީރަޖް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ "ވިޖޭ ތަލަޕަތީ ހެލްޕް" ގެ ނަމުގައި އޮގަސްޓު 20 ގައި ފޭސްބުކް ޕޭޖެއް ހަދައި، އޭއައި މެދުވެރިކޮށް އުފައްދާފައިވާ ވީޑިއޯތަކާއި ފޮޓޯތައް އާންމުކުރި ކަމުގެ ތުހުމަތުގައެވެ. ފުލުހުން ބުނީ އެ ޕޭޖުގައި ވިޖޭއާއި ވެރިކަންކުރާ ޕާޓީގެ ފޮޓޯތައް ބޭނުންކޮށްފައިވާ ކަމަށާއި، ޗީފް މިނިސްޓަރުކަމަށް ވަޑައިގަތުމަށްފަހު މުޅި އިންޑިއާގެ ރައްޔިތުންނަށް އެހީތެރިވާނެ ކަމަށް ލިޔެފައިވާ ކަމަށެވެ.
އެ ޕޭޖުގައި 90 ފޮލޯވަރުން ތިބިއިރު، 167 ޕޭޖެއް ފޮލޯކުރަމުންދިޔައެވެ. އަދި ޕްރޮފައިލްގައި ހިމަނާފައިވާ މޯބައިލް ނަންބަރަކީ ތުހުމަތުކުރެވޭ ނީރަޖްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރެއް ކަމަށް ތަހުގީގުކުރާ ފަރާތްތަކުން ބުނެއެވެ. ފުލުހުން ކޯޓުގައި ބުނި ގޮތުގައި، އެ ޕޭޖުން ވަނީ "ކްރޯރްޕަތީ" ޕްރޮގްރާމެއްގައި ވިޖޭ ބައިވެރިވާ މަންޒަރު ފެންނަ ރީލްތަކާއި، އާންމުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަން އިއުލާންކުރާ މަންޒަރު ދައްކުވައިދޭ އޭއައި ފޮޓޯތައް ދައުރުކޮށްފައެވެ. މިއީ ވިޖޭގެ ރަސްމީ ނިންމުންތަކެއް ކަމަށް އާންމުންނަށް ހީކުރުވުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
މި މައްސަލަ ޗެންނާއީގެ އަންނަ ނަގަރްގައި ހުންނަ ސައިބާ ކްރައިމް ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުގައެވެ. ދިއްލީގެ ތިސް ހަޒާރީ ކޯޓުން ވަނީ، ނީރަޖް ޗެންނާއީއަށް ގެންދިއުމަށްޓަކައި ދެ ދުވަހުގެ ޓްރާންސިޓް ރިމާންޑެއް ބުރާސްފަތި ދުވަހު ޗެންނާއީ ފުލުހުންނަށް ދީފައެވެ.
އެޑިޝަނަލް ޕަބްލިކް ޕްރޮސިކިއުޓާ އަމަން ގޯރަވް މެދުވެރިކޮށް ފުލުހުން އެދުނު ގޮތަށް ކޯޓުން ނެރުނު އަމުރުގައި ވަނީ، މިއަދުގެ ކުރިން ގްރޭޓާ ޗެންނާއީގެ ސައިދާޕެޓްގައި ހުންނަ ކޯޓަކަށް އޭނާ ހާޒިރުކުރުމަށް އަންގާފައެވެ.
ތަހުގީގުކުރާ އޮފިސަރު ކޯޓުގައި ބުނި ގޮތުގައި، އެކި ސްޓޭޓްތަކުން އޮޕަރޭޓްކުރާ ކަމަށް ބެލެވޭ މި އެކައުންޓްތަކަކީ ހަމައެކަނި މާލީ މަންފާއެއް ހޯދުމަށް ހިންގި އަމަލެއް ނޫނެވެ. ފުލުހުން ބުނީ މިއީ ވިޖޭގެ އަބުރު ކަތިލުމަށާއި، އާންމުންނަށް އޮޅުވާލުމުގެ އިތުރުން ދައުލަތުގެ އެތެރޭގެ ސަލާމަތަށްވެސް ނުރައްކާވެދާނެ ފަދަ، ރޭވިގެން ހިންގާފައިވާ ސައިބާ ކުށެއް ކަމަށެވެ.