އާއިލީ ގުޅުމަކަށް ބެލުމެއް ނެތި، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެންމެންގެ މައްޗަށް ޤާނޫނު ހިނގާނެ: ލަންކާ ރައީސް

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ---

އާއިލީ ގުޅުމަކަށް ބެލުމެއް ނެތި، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެންމެންގެ މައްޗަށް ގާނޫނު ހިނގާނެ ކަމަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ ވިދާޅުވެއްޖެއެވެ.

ލަންކާގެ ރައީސް އިއްޔެ މިހެން ވިދާޅުވީ، ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) އިން އަނޫރާދަޕޫރާގައި ބޭއްވި އެއްވުމަށާއި ރާޖަޕަކްސަ އާއިލާއަށް އަމާޒުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ހޮނިހިރު ދުވަހު ޕޮލޮންނަރޫވާގައި ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އިން ބޭއްވި ދަނޑުވެރިންގެ އެއްވުމެއްގައި ވާހަކަދައްކަވަމުން ރައީސް ދިސާނަޔަކަ ވިދާޅުވި ގޮތުގައި، ދައުލަތުގެ ފައިސާ ވަގަށް ނެގި އެއްވެސް ބަޔަކާ މެދު އެ ސަރުކާރުގެ ހަމްދަރުދީއެއް ނެތެވެ.

"މިހާރު ރޯން ތިބުމުގެ ބަދަލުގައި، ވައްކަން ނުކުރަން ބައްޕަ ކުރިން އެ މީހުންނަށް އަންގަން ޖެހޭނެ. މަންމަ ކަމަށް ވިޔަސް ނުވަތަ މާމަ ކަމަށް ވިޔަސް، އެންމެންގެ މައްޗަށް ގާނޫނު ހިނގާނެ،" ރާޖަޕަކްސަ އާއިލާއަށް ނިސްބަތްކުރައްވައި އޭނާ ވިދާޅުވިއެވެ.

https://www.sun.mv/226980

މީގެ އިތުރުން، ސަރުކާރުން މަސައްކަތްކުރަމުން ދަނީ އެއްވެސް ބަޔަކާ މެދު ޒާތީ ހަސަދަވެރިކަމެއް އޮވެގެން ނޫން ކަމަށާއި، ނަމަވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އިސްވެ ހުންނަވައިގެން އަނޫރާދަޕޫރާގައި ކުރިއަށްގެންދިޔަ އެސްއެލްޕީޕީގެ އެއްވުމަށް ވެސް ރައީސް ދިސާނަޔަކަ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އެއްވުމަކީ އާންމު ރައްޔިތުންގެ މަސްލަހަތުގައި ބާއްވާ އެއްވުމެއް ނޫނެވެ. އަދި އެއީ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ފަރާތްތަކުން ގާނޫނުން ސަލާމަތްވުމަށް ކުރާ މަސައްކަތެއް ކަމަށް ވެސް ތުހުމަތުކުރެއްވިއެވެ.

"ސީއައިޑީން އެތަނަށް ހިނގައްޖެ ނަމަ، އެ އެންމެން އެއްތަނަކުން ހިފޭނެ،" ލަންކާގެ ރައީސް ވިދާޅުވިއެވެ.

މި އެއްވުމުގައި ވާހަކަދައްކަވަމުން މަހިންދަ ރާޖަޕަކްސަ ވަނީ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ދައުލަތުގެ ތަހުގީގީ އިދާރާތައް ސިޔާސީކޮށްފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ރައީސް ދިސާނަޔަކަ މި މޭރުމުން ވާހަކަދައްކަވާފައިވާއިރު، އެސްއެލްޕީޕީގެ ނޭޝަނަލް އޯގަނައިޒަރު ނަމާލް ރާޖަޕަކްސަ މިހާރު ހުންނެވީ ކޮރަޕްޝަންގެ މައްސަލައެއްގައި ރިމާންޑް ޖަލުގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސްރީލަންކަން އެއާލައިންސްގެ ބޯޓުތަކެއް ގަތުމާ ގުޅޭ މައްސަލައެއްގައި ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަން (ސިއާބޮކް) އިން ހިންގާ ތަހުގީގަކާ ގުޅިގެންނެވެ. ޖަލުގައި ހުންނަވައިގެން ނަމާލް ރާޖަޕަކްސަ ވަނީ އަނޫރާދަޕޫރާގައި ބޭއްވި އެއްވުމަށް މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި އޭނާ ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސީ ނުފޫޒަށް ބޯނުލަނބާނެ ކަމަށާއި، މި ދަތިތަކުގެ ސަބަބުން އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

އެންޕީޕީ ސަރުކާރުން ވެރިކަމަށް އައީ ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވައުދުވަމުންނެވެ. އަދި ކުރީގެ ރާޖަޕަކްސަ ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. މި ތަހުގީގުތައް މިހާރު ވެސް ކުރިއަށްދާއިރު، ސަރުކާރުން ބުނެފައިވަނީ ކުށްވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެ ކަމަށެވެ.

comment ކޮމެންޓް