އާސެނަލް މޮޅުވިޔަސް އާޓެޓާގެ ނުރުހުން ރެފްރީއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ސަންޑަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން--

އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލެންޑް އަތުން 2-0 އިން އާސެނަލް މޮޅުވި މެޗުގައި ސަންޑަލެންޑަށް ޕެނަލްޓީއެއް ދިނުމަށް ރެފުރީ ނިންމި ނިންމުމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

މިއީ މި ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ލީގުގެ އެއްވަނައިގައި އާސެނަލް އޮތް ނަމަވެސް އޭނާ ފާޅުކުރި ނުރުހުމެކެވެ.

ސަންޑަލެންޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ 55 ވަނަ މިނެޓުގައި އެންޒޯ ލެ ފީ ފޮނުވާލި ޕެނަލްޓީ، އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ ވަނީ ކާމިޔާބުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން ބްރޫނޯ ގިމަރައެސް ވަނީ އާސެނަލަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑާއެކު ލީޑު ނަގައިދީފައެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބުކަޔޯ ސަކާ ޕެނަލްޓީއަކުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ކަށަވަރުކޮށްދިންއިރު، މިއީ އެންމެ ފަހުގެ ޗެމްޕިއަނުން ލީގުގައި ކުޅުނު ހަތަރު މެޗުން ހޯދި ހަތަރުވަނަ މޮޅެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ--

"މިއީ ވަރަށް މުހިންމު މޮޅެއް. ނަމަވެސް މެޗުގެ ނަތީޖާ މުޅިން ތަފާތު ގޮތަކަށް ނިމުމުގެ ފުރުސަތު އޮތް. މި ފެންވަރުގެ މުބާރާތެއްގައި މިފަދަ ނިންމުންތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން. މިއީ ސީޒަނެއްގެ މިސްރާބު ބަދަލުކޮށްލާފާނެ ފަދަ ކަންކަން" ކޯނަރެއްގެ ތެރެއިން އާސެނަލުގެ އެޒްރީ ކޮންސާ، ސަންޑަލެންޑުގެ ޑެން ބަލާޑް ހިފެހެއްޓި ކަމަށް ނިންމައި ރެފުރީ ޖޯން ބްރޫކްސް ޕެނަލްޓީ ދިނުމުން، ޓީއެންޓީ ސްޕޯޓްސްއާ ވާހަކަދައްކަމުން އާޓެޓާ ބުންޏެވެ.

މީގެއިތުރުން އާޓެޓާ ބުނީ އެ މަންޒަރު ޔަގީންކުރަން 10 ފަހަރު ބެލި ކަމަށާޢި މި ފެންވަރުގައި އެއީ ޕެނަލްޓީއަކަށް ވުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެއްވެސް ލީގެއްގައި ޕެނަލްޓީއެއް ނޫންކަމަށްވެސް އާޓެޓާ ބުންޏެވެ.

ވަރުގަދަ ކުޅުމެއް ދެއްކި ސަންޑަލެންޑާ ދެކޮޅަށް އާސެނަލަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، އެ ޓީމުން ވަނީ ހިތްވަރާއެކު ކުޅެ، ވޭތުވެދިޔަ 22 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް މިދިޔަ ސީޒަނުގައި ލީގު ތަށި ހޯދުމުގައި ދެއްކި ސާބިތުކަން މި މެޗުގައިވެސް ދައްކާފައެވެ.

މި ސީޒަން ފެށުނު ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުގައި އާސެނަލް ކޮޅަށް ލަނޑެއް ވަދެފައިނުވާއިރު، މީގެ ތެރޭގައި މިދިޔަ ހަފުތާގެ މެދުތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި ނާޕޮލީ އަތުން ހޯދި މޮޅުވެސް ހިމެނެއެވެ.

comment ކޮމެންޓް