ސަރުކާރުން އަލަށް އުފެއްދި ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ރާއްޖޭގެ ދީނީ ކަންކަމަށް އައު ރޫޙަކާއި ދިރުމެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމް ދީނުގެ ހިދާޔަތް ލިބިގަތްތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައެވެ.
ރައީސް ވިދާޅުވީ ވަގުފަކީ އިސްލާމީ ފިޤުހުގައި ނުހަނު މަތިވެރި މަޤާމެއް ދެވިފައިވާ ކަމެއް ކަމަށާއި، މިއީ އިންސާނިއްޔަތަށް ފައިދާހުރި އެތައް ކަމެއް އެކުލެވޭ ނިއުމަތެއް ކަމަށެވެ. މީގެއިތުރުން، ވަގުފުގެ ނިޒާމަކީ އިޤްތިޞާދަށް ވަރުގަދަ ބާރެއް ލިއްބައިދީ، މުޖުތަމައުގެ ފަރުދުންނަށް އޭގެ ހެޔޮ މަންފާ ފޯރުކޮށްދިނުމުގެ އެންމެ ވަރުގަދަ ތަނބު ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމީ ތާރީޚުގެ އަލީގައި މި ނިޒާމުގެ މުހިންމުކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ތާރީޚުގައި ވެސް އެކި ރޮނގުތަކުން ގާބިލު މީހުން ބިނާކުރުމަށާއި މުޖުތަމައުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ވަގުފުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެވެ.
12 ސެޕްޓެމްބަރު 2026: ދިވެހިރާއްޖެ އިސްލާމް ދީނުގެ ހިދާޔަތް ލިބިގަތްތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސްގެ ދެކަނބަލުން -- ފޮޓޯ ރައީސް: އޮފީސް"ފިކުރީ ޢިލްމީ ސިކުނޑިތައް އުފެއްދިފައިވޭ. ވަސީލަތުގެ ގޮތުން މިސްކިތްތައް ބިނާކުރެވިފައިވޭ. ލައިބްރަރީތަކާއި އިސްލާމީ މަރުކަޒުތަކާއި އަދި އެ ނޫނަސް، އިސްލާމީ މުޖުތަމަޢުގެ އާންމު ބާއްޖަވެރިކަމަށް ބޭނުންވާ މާއްދީ މާނަވީ ފުރުސަތުތައް ވަޤުފުގެ ތެރެއިން އުފައްދައި އޭގެ މަންފާ އުއްމަތަށް ފޯރުވައިދެވިފައިވޭ،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ އިސްލާމީ ވެށި ހަރުދަނާކުރުމަށްޓަކައި ދީނީ ކަންކަމަށް ކުރެވޭ ޚަރަދުތައް އިތުރުކުރަން ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޒަމާނާ އެއްގޮތަށް މިސްކިތްތައް ބިނާކުރުމާއި، ޝަރުޢީ ހަމަތަކުގެ މަތިން ހިންގޭ ވިޔަފާރީގެ ދާއިރާތައް އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ ޚާއްސަ ތަސައްވުރެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މާތް ﷲގެ ވާގިފުޅާއެކު މިއަދު މި އުފެއްދި ޤައުމީ ވަޤުފު ކުންފުނި ވެގެންދާނީ، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށް. އަޅުގަނޑުމެންގެ ހޭދަޔާއި ހެޔޮކަމުގެ ބުރަދަން ރަމްޒުކޮށްދޭ ތިލަފަތަކަށް. މި ކުންފުނި ވެގެންދާނީ އިރާދަކުރެއްވިއްޔާ ގައުމީ އިޖުތިމާއީ އަދި އުމްރާނީ ވެށްޓަށް ލިބޭ ޚާއްސަ ޒީނަތަކަށް. 2040 ވަނަ އަހަރާ ހަމަޔަށް ދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ވަށާޖެހޭ ތަރައްގީގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާނޭ ވަސީލަތަކަށް،"
މިއަދު އުފެއްދެވި "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" އަކީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން، އާމްދަނީ ލިބޭނެ ފަދަ ވަޤުފު އިމާރާތްތަކާއި ވިޔަފާރި މަޝްރޫއުތައް ތަރައްގީކޮށް ހިންގުމެވެ.