މެކްސިކޯގެ މެދުތެރޭގައިވާ ޕުއެބްލާ ސްޓޭޓްގެ ސިއެރާ ނޯޓޭ ސަރަޙައްދުގެ ފަރުބަދަމަތީގެ ޖަންގަލީގެ ތެރޭގައި ސިއްރުން ހިންގަމުންދިޔަ ކްރިޕްޓޯކަރަންސީ މައިންކުރާ ފާމެއް ފުލުހުން އަތުލައިގަނެފިއެވެ.
ޓްލައޯލާ ކިޔާ ހިސާބެއްގައި ހުރި މި ފާމް ފުލުހުންނަށް ހޯދުނީ، އެތަނުން ދުވި ގަދަ ވަހަކާއި، އެ ސަރަޙައްދުގެ ކުދި އާބާދީތަކަށް ބޭނުންވާ ވަރަށްވުރެ މާ ބޮޑަށް އެތަނުން ކަރަންޓު ބޭނުންކުރަމުން ދިޔުމުގެ ސަބަބުންނެވެ.
މި އޮޕަރޭޝަންގައި ފުލުހުން ވަނީ ކްރިޕްޓޯކަރަންސީ މައިންކުރުމަށް ބޭނުންކުރާ 300 ގްރެފިކްސް ޕްރޮސެސިން ޔުނިޓް (ޖީޕީޔޫ) އާއި، 80 މީޑިއަމް-ވޯލްޓޭޖް ޓާމިނަލް އަދި 8 ސެޓެލައިޓް އެންޓަނާ ހޯދާފައެވެ. މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލާއިރު އާދައިގެ ވަރެއްގެ އޮޕަރޭޝަނެއް ނަމަވެސް، މިއީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން މި ސަރަޙައްދުން ހޯދުނު މިފަދަ ހަތަރުވަނަ ކްރިޕްޓޯ ފާމެވެ.
މިކަމަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭންގުތަކުން ނުވަތަ ކާޓެލްތަކުން ފައިސާ ދޮވުމަށް ބޭނުންކުރާ އާ އުކުޅެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. މެކްސިކޯގެ ސެކިއުރިޓީ އެނަލިސްޓެއް ކަމަށްވާ ޑޭވިޑް ސޯސެޑޯ ވިދާޅުވި ގޮތުގައި، ޑްރަގް ކާޓެލްތަކުން މިހާރު ވަނީ ކުރިއަށްވުރެ މާ ޒަމާނީ ފެންވަރަކަށް އެމީހުންގެ ކުށްތައް ފުޅާކޮށްފައެވެ. އަދި މިފަދަ ފާމެއް ހިންގުމަށް ޓެކްނިކަލް ތަޖުރިބާއާއި ބޮޑު މާލީ އެހީތެރިކަމެއް ބޭނުންވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބްލޮކްޗެއިން އެނަލިޓިކްސް ކުންފުންޏެއް ކަމަށްވާ ޗެއިންއެނަލިސިސް އިން ހާމަކުރާ ގޮތުގައި، 2025 ވަނަ އަހަރު މުޅި ދުނިޔޭގައި ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކްރިޕްޓޯ މުއާމަލާތްތައް ވަނީ ދެގުނައަށް އިތުރުވެފައެވެ. އެގޮތުން ކުށްކުރާ ފަރާތްތަކާ ގުޅުންހުރި އެކައުންޓުތަކަށް 154 ބިލިއަން ޑޮލަރު ވަދެފައިވާއިރު، އޭގެ ކުރީ އަހަރު މި އަދަދު އުޅުނީ 59 ބިލިއަން ޑޮލަރުގައެވެ.
ޗެއިންއެނަލިސިސްގެ ލެޓިން އެމެރިކާގެ ސްޕެޝަލިސްޓް ކައިއޯ މޮއްޓާ ވިދާޅުވީ، ލެޓިން އެމެރިކާގެ ކާޓެލްތަކުން ފައިސާ ދޮވުމަށް ކްރިޕްޓޯ ބޭނުންކުރުން އިތުރުވަމުންދާ ކަމަށެވެ. އަދި މިފަދަ ފާމްތައް ހަދަނީ ކަރަންޓުގެ އަގު ހެޔޮ ސަރަޙައްދުތަކުގައި ނުވަތަ ކުށްކުރާ ގްރޫޕްތަކުގެ ބާރު ހިނގާ ހިސާބުތަކުގައި ކަރަންޓު ވަގަށް ނަގައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ކްރިޕްޓޯ މައިންކުރުމުގައި އެންމެ ބޮޑު ޚަރަދެއް ހިނގަނީ ކަރަންޓަށެވެ. ކެމްބްރިޖް ޔުނިވަސިޓީގެ ހިސާބުތައް ދައްކާގޮތުން އެންމެ ބިޓްކޮއިނެއް އުފެއްދުމަށް ގާތްގަނޑަކަށް 45,000 ޑޮލަރު ޚަރަދުވާއިރު، މިހާރު ބިޓްކޮއިންއެއްގެ އަގު އުޅެނީ 78,000 ޑޮލަރުގައެވެ. މެކްސިކޯގެ އިބެރޯއެމެރިކާނާ ޔުނިވަސިޓީގެ އެނާޖީ ތެފްޓް އެކްސްޕާޓް ސެމިއުއެލް ލިއޯން ވިދާޅުވި ގޮތުގައި، ކަރަންޓު ވަގަށް ނަގައިގެން މިކަން ކުރާނަމަ، މިއީ އެއްވެސް ޚަރަދަކާ ނުލައި ހޯދޭ ވަރަށް ބޮޑު ފައިދާއެކެވެ. މެކްސިކޯގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ފާމުން ކައިރީގައިވާ ހައިޑްރޯއިލެކްޓްރިކް ޑޭމަކުން ކަރަންޓު ވަގަށް ނަގާފައިވޭތޯ ތަޙުޤީޤުކުރަމުންނެވެ.
މި ފާމް ހިންގަމުންދިޔައީ އެންމެ ކައިރީގައި އޮންނަ އަވަށާ ދެ ކިލޯމީޓަރު ދުރުގައެވެ. ނަމަވެސް އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް އެއް ކިލޯމީޓަރު ދުރަށްވެސް މެޝިންތަކުގެ އަޑު އިވެމުންދިޔަ ކަމަށް މައުލޫމާތު ދީފައިވެއެވެ. މިދިޔަ އަހަރުވެސް އުތުރު ޕުއެބްލާގެ ހައިޑްރޯއިލެކްޓްރިކް ޑޭމް ކައިރިން މިފަދަ ތިން ފާމެއް ފެނިފައިވާއިރު، ކަމާބެހޭ އިދާރާތަކުން ދަނީ އެހެން ސްޓޭޓްތަކާ ގުޅިގެން އިތުރު ތަންތަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ބްރެޒިލް، އެމެރިކާ އަދި އިރުދެކުނު އޭޝިއާގައި (ޚާއްސަކޮށް ތައިލެންޑުގެ ފަސް ޕްރޮވިންސެއްގައި) ވެސް މިފަދަ ބޮޑެތި އޮޕަރޭޝަންތައް ވަނީ އަތުލައިގަނެފައެވެ.
ކްރިޕްޓޯކަރަންސީ ބޭނުންކުރާ މިންވަރު މުޅި ދުނިޔޭގައި އިތުރުވަމުންދާތީ، ކުރިއަށް އޮތް އަހަރުތަކުގައި ކްރިޕްޓޯއާ ގުޅުންހުރި ކުށްތައް ރެކޯޑް މިންވަރަކަށް އިތުރުވާނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މިއާއެކު އޮންލައިން މުއާމަލާތްތައް ޓްރެކްކޮށް، ކްރިޕްޓޯ ބޭނުންކޮށްގެން ހިންގާ ކުށްތައް ހުއްޓުވުމުގެ ޤާބިލުކަންވެސް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ދަނީ އިތުރުކުރަމުންނެވެ.