އާއިލާގެ ކުޑަކުއްޖަކާ ބެހުނު ދިވެހި ފިރިހެނަކު 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މި ހުކުމް ކުރީ، މިދިޔަ ބުދަ ދުވަހެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ އާއްމުކޮށް ހުޅުވައި ނުލާ ކުރިއަށް ގެންދާ މައްސަލަތަކެއްކަމުން މި މައްސަލައިގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.
އެކަމަކު މިއީ މާލޭގައި ހިނގި ހާދިސާއެއްކަންވަނީ އެނގިފައެވެ. ޖަލު ހުކުމް އިއްވާފައިވަނީވެސް މާލޭ މީހެއްގެ މައްޗަށެވެ.
އެކަމަކު ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މި މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހާގެ މައްޗަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށް ސާބިތުވާތީ، އެ ކުށުގެ އުގޫބާތެއްގެ ގޮތުން އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުން 20 (ވިހި) އަހަރުގެ މުއްދަތަށް ޖަލަށްލުމަށްވަނީ ހުކުމްކޮށްފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، އާއިލާގެ މެންބަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަކީ ވަރަށް ސީރިއަސް ކުށެކެވެ. މި ގާނޫނުގެ ދަށުން އާއިލާގެ މެންބަރުންގެ ތެރޭގައި ހިމެނެނީ މައިންބަފައިން، ކާފަ މާމަ، އަދި އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހުން، ބޮޑުބޭބެ، ބޮޑުދައިތަ، އަދި ދެބެންގެދެދަރި މީހުންގެ އިތުރުން ދޮންމަންމަ، ދޮންބައްޕަ، ނުވަތަ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނެވެ.
އާއިލާގެ މެންބަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފިނަމަ، އެ މީހެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މިއީ މި ގާނޫނުގެ ދަށުން ކަނޑައެޅޭ އެންމެ ބޮޑު އެއް އަދަބެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާކަން ނުވަތަ ކޮށްފިކަން އެނގިހުރެ ރިޕޯޓުނުކުރުމަކީ ވެސް ކުށެކެވެ.
މިފަދަ މައްސަލައެއް ހުށަހެޅުމުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެ ކުއްޖަކަށް ބޭނުންވާ ރައްކާތެރިކަމާއި ނަފްސާނީ އެހީތެރިކަން ދައުލަތުން ފޯރުކޮށްދޭންޖެހެއެވެ. އަދި ކުށް ކުރި މީހާ ކުއްޖާއާ ދުރަށް ފޮނުވާލުމުގެ ނުވަތަ ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކުރުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ.