ދިވެހިރާއްޖޭގެ މުސްތަގުބަލު ކަމުގައިވާ ޒުވާނުންނާއި ކުޑަކުދިންގެ ހިތްތަކުގައި ދީނާ މެދު ޝައްކު އުފައްދައި، އިސްލާމީ ސައްހަ އަގީދާއިން އެ ކުދިން ދުރުކުރުމަށް ތަފާތު ވަސީލަތްތައް މެދުވެރިކޮށް ކުރެވެމުންދާ މަސައްކަތްތަކަށް ހުރިހާ ރައްޔިތުން ހުޝިޔާރުވުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ނެރުއްވި ޚިޠާބެއްގައި ސިޔާމް ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ފިކުރީ އަދި އިޖުތިމާޢީ ބަދަލުތަކާއެކު، ރާއްޖެ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތް އޮތުން ބަލިކަށިކޮށްލުމަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވަމުންދާ ކަމަށެވެ.
އަދި ޒުވާނުންނާއި ދަރިންގެ ހިތްތަކުގައި ދީނީ ޝައްކުތައް އުފެއްދުމަށް މަސައްކަތްތަކެއް ހިނގަމުންދާކަން ފާހަގަކުރައްވައި، މިފަދަ ނުރައްކާތަކުން ގައުމާއި ދީން ދިފާޢުކުރުމަށް އެންމެހައި ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ސާބިތުވެ ތިބުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ދިވެހި އެންމެހައި ރައްޔިތުންނަށާއި އެމްޑީއޭގެ މެންބަރުންނަށް ދުވަހުގެ މުބާރަކުބާދީ އަރިސްކުރައްވަމުން ސިޔާމް ވިދާޅުވީ، އިސްލާމްދީނަކީ ދިވެހި ގައުމިއްޔަތުގެ މައިބަދަ ކަމަށެވެ. އަދި މިއަދު ދިވެހިން ތަޙައްމަލުކުރަމުންދާ މިނިވަންކަމާއި، ސުލްހަވެރިކަމާއި އެއްބައިވަންތަކަމުގެ އަސްލަކީ ވެސް މި މަތިވެރި ދީން ކަމަށެވެ. އަދި ފާއިތުވި 900 އަހަރު ދިވެހިންނަށް ލިބުނު އެންމެ އަގުބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ ހިދާޔަތް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖެ އިސްލާމްވުމުގެ މަތިވެރި ސަބަބު ކަމުގައިވި މަޣުރިބުކަރައިގެ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ އަށާއި، އިސްލާމްދީން ގަބޫލުފުޅުކުރެއްވި ރާއްޖޭގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ (ދަރުމަވަންތަ ރަސްގެފާނު) ގެ ޒިކުރާ އައުކުރައްވައި، އެ ބޭފުޅުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ސިޔާމް ވަނީ ދުއާ ދަންނަވާފައެވެ.
ސިޔާމްގެ ޚިޠާބު ނިންމަވާލައްވާފައިވަނީ ރާއްޖޭގެ ފަސްގަނޑުގައި އިސްލާމްދީނުގެ ނޫރު އަބަދަށް ދަމަހައްޓައި، އިސްލާމީ ރިވެތި އަޚްލާގާއި އުސޫލުތައް ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ. އަދި ދިވެހިރާއްޖެއަކީ އަބަދުވެސް ސައްތައިން ސައްތަ މުސްލިމް، އެއްބައިވަންތަ، އަދި އަމާން ގައުމެއްގެ ގޮތުގައި ލެހެއްޓެވުމަށް އެދި ދުއާ ދަންނަވަމުންނެވެ.