ވަޤުފުތަކާއި މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރު ކުންފުންޏެއް އުފައްދައިފި

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި ރައީސް މުއިއްޒު --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް" ގެ ނަމުގައި ސަރުކާރުގެ އައު ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއީ ދީނީ ކަންކަމަށް ހޭދަކުރުމަށާއި މިސްކިތްތަކާއި ވަޤުފު ބިނާތައް ތަރައްޤީކޮށް ބެލެހެއްޓުމަށްޓަކައި، އުފެއްދެވި ކުންފުންޏެއް ކަމަށެވެ. އަދި މިއީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ކަމަށް އެ އޮފީހުން ބުނެއެވެ.

މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ އެކިއެކި ކަންކަމަށް ޚަރަދުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްތައް ކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތް ވެސް މި ކުންފުނީގެ ދަށުން ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ހަމައެއާއެކު، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަކީ ވެސް މި ކުންފުނި އުފެއްދެވި މުހިންމު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

މި ކުންފުނި އުފައްދަވައިފައިވާއިރު މާދަމާ ދިމާވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބާއާއެވެ.

comment ކޮމެންޓް