ސަންޢާ (12 ސެޕްޓެމްބަރު 2026): ޔަމަންގެ ވެރިރަށް ސަންއާއާއި ޔަމަންގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ޙޫޘީ ޖަމާއަތުން އެގައުމުގެ ސަރުކާރުގެ ބާރުތައް ވަރަށް ފަސޭހައިން ބަލިކޮށް ރަތްކަނޑުގެ އައްސޭރިފަށުގައިވާ ސިޓީތަކާއި ސަރަހައްދުތައް ހިފައި ބާބުލްމަންދަބު ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ހޯދައިފިއެވެ.
މިއާއެކު ޙޫޘީންވަނީ ސައޫދީ އަރަބިއާއިން ހޫޘީންގެ ސަރަހައްދުތަކާއި ބަނދަރުތަކާ ދެކޮޅަށް އަޅާފައިވާ ދަތުކުރުމުގެ ފިޔަވަޅުތަކާއި ހިސާރުގެ ފިޔަވަޅުތައް ނައްތާލުމަށް ގޮވާލާފައެވެ. އެ ފިޔަވަޅުތައް ނައްތައިނުލާނަމަ ރަތްކަނޑުގައިވާ ސައޫދީ ބަނދަރުތައް ހިސާރުކޮށް ސައޫދީއާއި ސައޫދީގެ މަސްލަހަތު އޮންނަ ހުރިހާ ބޯޓުތަކެއް ބާބުލްމަންދަބު ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުސަތު ނުދޭނެކަން ޙޫޘީން ވަނީ އިއުލާންކޮށްފައެވެ. އެމެރިކާ ވަނީ މި ހަނގުރާމައިގެ ތެރެއަށް ވަނުމަށް ދެކޮޅު ހަދައިފައެވެ.
ޔަމަންގެ ސަރުކާރުގެ ބާރުތަކުގައި ގިނަ އަދަދެއްގެ ޒަމާނީ ހަތިޔާރާއި ހަނގުރާމަވެރިން ތިބިނަމަވެސް އެމީހުންވަނީ ހަނގުރާމަ ކުރުމަށް ފަސްޖެހި ހުޘީންނާ ދެކޮޅަށް ކުރި ހަނގުރާމައިގާ އަމާންދީ މައިދާނުން އެއްކޮށް ފިލައިފައެވެ. މިއާއެކު ޔަމަން ސަރުކާރުގެ ބާރުތަކުގެ ޒަމާނީ ހަތިޔާރުތައްވެސް ހޫޘީންވަނީ ޣަނީމާ ކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުން މި ހަނގުރާމައިގައި އެންމެ ހަތަރު ދުވަހުގެ ތެރޭގައި ޙޫޘީންވަނީ ރަތްކަނޑުގެ އައްސޭރީގައިވާ ޔަމަންގެ ހުރިހާ ސަރަހައްދުތަކެއް އެމީހުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. މި ހަތަރު ދުވަހުގެ ހޫޘީން ހިފި ސިޓީތަކާއި ޓައުންތަކާއި ސަރަހައްދުތައް ހަ ހާސް އަކަ ކިލޯމީޓަށް ވުރެ ބޮޑެވެ. މިއީ ދުނިޔެއަށް ބެލި ނަމަވެސް އަސްކަރީ ކާމިޔާބީގައި ރެކޯޑު މިންވަރެކެވެ.
ބާބުލްމަންދަބު ކަނޑުއޮޅީގައި ރަތްކަނޑުގައިވާ ޔަމަންގެ ހުރިހާ ޖަޒީރާތައްވެސް ހޫޘީން މިހާރު ވަނީ އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. ޔަމަން ސަރުކާރުގެ އަސްކަރީ މަސްއޫލުވެރިންވެސް ވަނީ މިކަން ކަށަވަރުކޮށް ދީފައެވެ.
ޔަމަނުގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދު އެއްކޮށް ހޫޘީންގެ އަތްދަށަށް ދިޔުމަކީ ފާއިތުވި 12 ވަރަކަށް އަހަރުތަކުގައި ޔަމަންގެ ދާޚިލީ ހަނގުރާމައަށް އައި އެންމެ ބޮޑު ސްޓްރެޓީކް ބަދަލުކަމަށާއި މިއީ ހޫޘީން ހޯދި އަވަސް އަދި ސްޓްރެޓީޖިކް ގޮތުން އާދަޔާ ޚިލާފު ބޮޑުކާމިޔާބެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ރަތްކަނޑަށް ވަދެ ނުކުމެވޭ ދެކުނު ދޮރާށީގެ ފުރިހަމަ ކޮންޓްރޯލް ހޫތީންނަށް ލިބުމާއެކު ދުނިޔޭގެ ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރާ މައި އެއް މަގުގެ ފުލް ކޮންޓްރޯލް ހޫޘީންނަށް ލިބި އެމީހުންގެ ބާރުގެ ދަށަށް މުޅި ސަރަހައްދު މިހާރު މިވަނީ ގޮސްފަ އެވެ.
އެމެރިކާގެ އީރާނާ ދެކޮޅަށް ފެށި އުދުވާނީ ހަނގުރާމައިގާ އަމިއްލަ ނަފްސުގެ ދިފާއުގައި އީރާނުންވަނީ ހުރުމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މިއާއެކު ސައޫދީން ތެޔޮބޭރުކުރަނީ ރަތްކަނޑުގައިވާ އެގައުމުގެ ޔަންބުއު ބަނދަރުންނެވެ. މި ދަނޑިވަޅުގައި، ހޫތީން ރަތްކަނޑުގެ ކޮންޓްރޯލް އާއި ބާބުލްމަންދަބުގެ ކޮންޓްރޯލް ހޯދުމާއެކު، ދުނިޔޭގެ ކަނޑުމަގުން ކުރާ ވިޔަފާރީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މިހާރު އޮތީ ބަންދުވެފައެވެ.
ހޫޘީ ހަނގުރާމަވެރިން ނަމަވެސް ހޫޘީންވަނީ ސައޫދީގެ މުދަލާއި ތެޔޮފިޔަވައި އެނޫން ގައުމުތަކުގެ ތަކެތި ހުރަސްކުރުމުގެ ފުރުސަތު ރަތްކަނޑާއި ބާބުލް މަންދަބުން ދޭނެކަމަށް ބުނެފައެވެ. ސައޫދީވެސް ހޫޘީންގެ ސަރަހައްދުތަކާއި ވައިގެ ބަނދަރުތަކާ އަދި ކަނޑުގެ ބަނދަރުތަކާ ދެކޮޅަށް އަޅާފައިވާ ދަތުކުރުމުގެ ފިޔަވަޅުތަކާއި ހިސާރުގެ ފިޔަވަޅުތައް އުވާލައިފިނަމަ އެހެން ގައުމުތަކެކޭ އެއްގޮތަށް ސައޫދީގެ ބޯޓުތަކަށްވެސް ރަތްކަނޑާއި ބާބުލްމަންދަބު ކަނޑުއޮޅިން ހުރަސް ކުރުމުގެ ފުރުސަތު ދޭނެކަމަށް ބުނެ އެކަން ޙޫޘީން ވަނީ އިއުލާންކޮށްފައެވެ.
ހޫޘީން ހަނގުރާމައިގާ މިކުރިއެރުންތައް ހޯދިއިރު އެކަން ހުއްޓުވުމަށްޓަކައި އެމީހުންނާ ދެކޮޅަށް ހަމަލާތައް ދިނުމަށާއި ހަނގުރާމަ ކުރުމަށާއި މިމައްސަލައިގެ ތެރެއަށް ވަނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވާފައިވާކަމަށް އެމެރިކާގެ މަޝްހޫރު ނޫސްތައް ބުނެއެވެ.
މިކަމުގެ މައިގަނޑު އެއް ސަބަބަކީ އީރާން އާ ދެކޮޅަށް ޓްރަމްޕް ފެށި އުދުވާނީ ހަނގުރާމައިގާ އެމެރިކާއަށް ކާމިޔާބު ނުލިބި އެމެރިކާ ސިފައިންނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން އެހެން ތަނެއްގައި ހަނގުރާމަ ކުރުމަކީ އެމެރިކާއަށް ކުރެވޭވަރުގެ ކަމަކަށް ނުވުންކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.
ޔަމަންގެ ސަރުކާރާއި ހޫޘީންނާ ދެމެދު ފެށުނު ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް، އަރަބި ދެތިން ގައުމެއް ހިމެނޭގޮތަށް އަރަބި ކޯލިޝަނެއް ހަދައިގެން 2015 ވަނަ އަހަރު އެމެރިކާގެ ޒަމާނީ ހަތިޔާރާއެކު އަރަބި ކޯލިޝަންގެ ސިފައިންނާއެކު ސައޫދީ ސިފައިން ޔަމަނަށް އަސްކަރީގޮތުން ވަދެގަނެ ހަނގުރާމަ ފެށިއެވެ، މިހަނގުރާމައަށް 300 އަށް ވުރެ ގިނަ ބިލިޔަން ޑޮލަރު ޚަރަދުކުރިނަމަވެސް އަރަބި ކޯލިޝަން ބާރުތަކަށް މިހަނގުރާމަ ކާމިޔާބު ކުރެވިފައި ނުވުމަކީ ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަންނަން އެމެރިކާ ފަސްޖެހުނު އަނެއް ސަބަބުކަމަށް މުހައްލިލުން ސިފަކުރައްވައެވެ.
ގާތްގަނޑަކަށް ހަތް އަހަރުވަންދެން ހިނގައިދިޔަ މިހަނގުރާމައިގާ ޔަމަންގެ އާންމުންގެ އެތަށް ލައްކަ ބަޔަކު މަރުވެ އެތަށް މިލިޔަން ބަޔަކު ހާލުގައިޖެހި ޔަމަންގެ އަސްކަރީ އަދި މަދަނީ އިންފްރާސްޓްރަކްޗާ ހަލާކުވެފައިވާއިރު ހަނގުރާމައިގާ ޝާމިލްވި އެއްވެސް ފަރާތަކަށް ކާމިޔާބު ލިބިފައެއް ނުވެއެވެ. ހޫޘީން ޔަމަންގެ ވެރިކަމުން ދުރުކުރުމުގައިވެސް ކާމިޔާބު ލިބިފައެއް ނުވެއެވެ.
ހޫޘީންނާ ދެކޮޅަށް ހަނގުރާމަައަކަށް ވަނުމަށް އެމެރިކާ ފަސްޖެހުނު އަނެއް ސަބަބަކީ އެމެރިކާއަކީ އެއްގަމު ހަނގުރާމައިގާ ބަލިކަށި ގައުމަކަށް ވުމެވެ. މަތިން ބޮންއަޅައިގެން ހަނގުރާމަ ކާމިޔާބު ނުވާނެކަން އީރާންއާ ދެކޮޅަށް އެމެރިކާ ފަށާފައިވާ ހަނގުރާމައިންވެސްވަނީ ހާމަވެފައެވެ. ވިއެޓްނާމް އާއި އަފްޣާނިސްތާންގައި އެމެރިކާ ކުރި ހަނގުރާމަތަކުންވެސް އެއްގަމުގައި އެމެރިކާގެ ބަލިކަށިކަން ފެނިފައިވާއިރު އީރާނަށް އެއްގަމު މަގުން އަރަން އެމެރިކާ ބިރުގަންނަނީވެސް އީރާނުގެ އަތުން ބޮޑު ބައްޔަކުން ބަލިވެދާނެކަމުގެ ބިރަށް ކަމަށްވަނީ ބެލެވިފައެވެ.
"ސްޓޮކްހޮމް އިންޓަނޭޝަނަލް ޕީސް ރީސާޗް އިންސްޓިއުޓް" ގެ ރިޕޯޓްތައް ބުނާގޮތުން ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު ގަންނަ ގައުމުތަކަކީ ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކެވެ. ފާއިތުވި ފަސް ވަރަކަށް އަހަރު ތެރޭގައި ވެސް މިގައުމުތަކުން 350 ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަނެފައިވާ ކަމަށާ މީގެތެރެއިން 70 އިންސައްތަ ހަތިޔާރު ގަނެފައިވަނީ އެމެރިކާއިން ކަމަށް "ސްޓޮކްހޮމް އިންޓަނޭޝަނަލް ޕީސް ރީސާޗް އިންސްޓިއުޓް" ގެ ރިޕޯޓްތައް ބުނެއެވެ.
މި ހަތިޔާރުތަކާއެކު ވެސް ގަލްފުގެ ގައުމުތައް ފެންނަނީ ދިފާއީ ކަންކަމުގައި އެހެން ގައުމުތަކަށް ބަރޯސާވާ މަންޒަރެވެ. އީރާނުން ގަލްފުގެ ގައުމުތަކަށް ދިން ރައްދު ހަމަލާތަކަށްވެސް ގަލްފުގެ ގައުމުތަކުން ރައްދު ނުދެވޭ މަންޒަރެވެ. "މައްކާ އެލަޔަންސް" ގެނަމުގައި ސައޫދީ، ތުރުކީ އަދި ޕާކިސްތާން ގުޅިގެން މިދިޔަ މަހު އުފައްދާފައިވާ އަސްކަރީ ޖަމާއަތުންވެސް ޔަމަންގެ މައްސަލައިގެ ތެރެއަށް ވަންނާނެކަމަށް ނުބެލެވޭކަމަށްރިޕޯޓްތައް ބުނެއެވެ.