ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ: ބަގޭސްގެ ލަނޑު ގޯންޏެއް، ވަރިހަމަ ޕްލަސް އާއި ބީއެސްސީ ލެޖެންޑްސް މެޗު އެއްވަރު

ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ 2026 ގައި ޑީއެފްޓީ އާއި ބަގޭސް ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ބ. ހިތާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ 2026" ގެ ފުރަތަމަ މެޗުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް އެކުލެވޭ "ވަރިހަމަ ޕްލަސް" އާއި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ހިމެނޭ "ބީއެސްސީ ލެޖެންޑްސް" ބައްދަލުކޮށް 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެން ނިމުނުއިރު މުބާރާތުގެ ދެވަނަ މެޗު 1-13 ގެ ބޮޑު ނަތީޖާއަކުން ބަގޭސް ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ.

ދުވަހުގެ ފުރަތަމަ މެޗަށް ބަލާލާއިރު، މުޅި މެޗުވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. ޒުވާން ކުޅުންތެރިން ގިނަ ނަމަވެސް ބީއެސްސީ ލެޖެންޑްސަށް ދޫނުކޮށް ވަރިހަމަ ޕްލަސްއިން ދައްކަމުންދިޔަ ހިތްވަރުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރީ އެޓީމުންނެވެ. ނަވީލް އަޙްމަދު ލަޠީފްގެ ރީތި ޕާހަކުން އެޓީމަށް މިލަނޑު ކާމިޔާބުކޮށްދީފައިވަނީ ޓީމުގެ ކެޕްޓަން، ނިބާލް ނަޢީމެވެ.

ކެޕްޝަން.. ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ 2026 ގައި ވަރިހަމަ ޕްލަސް އާއި ބީއެސްސީ ލެޖެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

މި ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ބީއެސްސީ ލެޖެންޑްސުން ވަނީ ދެވަނަ ހާފު ފެށިގެން ގިނައިރުތަކެއް ނުވެ، ރަވާހު މުޙައްމަދުގެ ލަނޑާއެކު މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނުނު މި މެޗުން މޮޅުވާން ދެޓީމަށްވެސް ފުރުސަތުތަކެއް ލިބި، ވަނީ ބޭކާރުވެފައެވެ.

ރޭގެ ދެވަނަ މެޗު ވެގެންދިޔައީ ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މެޗަކަށެވެ. މުޅި މެޗުގެ ކޮންޓްރޯލް ބަގޭސް ސްޕޯޓްސް ކުލަބުން ހިފެހެއްޓިއިރު، މެޗުގައި އެޓީމުން ވަނީ 13 ލަނޑު ޖަހާފައެވެ. މި މެޗުގައި އެޓީމުގެ މުޙައްމަދު ޢަބްދުﷲ (މޯޑު)، ވިޝާހު ޢަބްދުލް މަޖީދު (ވިއްޓޭ) އަދި ޙުސައިން އަލްމާސް، ތިން ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މީގެ ތެރެއިން މޯޑު ވަނީ މެޗުގައި ފަސް ލަނޑު ޖަހާފައެވެ.

ކެޕްޝަން.. ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ 2026 ގައި ޑީއެފްޓީ އާއި ބަގޭސް ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

މި މެޗުގައި އެންމެ ފާހަގަކޮށްލެވުނު ކަމަކަށްވީ، ބަގޭސްގެ ކީޕަރުވެސް ކުޅުމުގައި ބައިވެރިވި މިންވަރެވެ. ގިނަ އެޓޭކުތަކެއްގައި ބައިވެރިވެ، ބަގޭސްގެ ސްޓާޓިންގ ކީޕަރު އަޙްމަދު ޔޫސުފް ނިޔާޒުގެ އިތުރުން ބަދަލު ކީޕަރު މައިސާން މުޙައްމަދުވެސް ވަނީ ޑީއެފްޓީގެ ގޯލަށް ނުރައްކާކޮށްފައެވެ.

މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު 1615 ގައި މިދިޔަ އަހަރުގެ ޗެމްޕިއަން ބަރާބަރު ފުޓްބޯލް ކުލަބް ނުކުންނާނީ ތާޓީ ޕްލަސް އާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ހަވީރު 1715 ގައި ޑިސީއެސްސީ ނުކުންނާނީ ޓީމް ކަހަނބާ ދެކޮޅަށެވެ.

comment ކޮމެންޓް