ވިންޑޯޒް 10އާއި 11އަށް ޚާއްޞަ ޖެމިނައި ޑެސްކްޓޮޕް އެޕް ތަޢާރަފުކޮށްފި

މިއީ ވިންޑޯޒްގައި ޖެމިނައިގެ ތަޖުރިބާގެ ފެށުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ފީޗާތައް ތަޢާރަފުކުރާނެ ކަމަށް ގޫގުލް އިން ބުނޭ ---

ގޫގުލް އިން ވިންޑޯޒް 10 އާއި 11 އަށް ޚާއްޞަކޮށްގެން ޖެމިނައި ޑެސްކްޓޮޕް އެޕްލިކޭޝަން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މި އައު އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ބޭނުންކުރާ މީހުންގެ އާންމު މަސައްކަތްތަކަށް ބުރޫނާރާނެހެން، އެހެނިހެން ޓޫލްތަކާއެކު ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަށެވެ.

މި އެޕް މެދުވެރިކޮށް ގިނަ ގޮތްގޮތުން މަސައްކަތްތައް އަވަސްކޮށް ފަސޭހަކޮށްލެވޭނެއެވެ. އެގޮތުން، ކީބޯޑުން 'އޯލްޓް' އަދި 'ސްޕޭސް' (އޯލްޓް + ސްޕޭސް) އަށް ފިތާލުމާއެކު، ކުރަމުންދާ މަސައްކަތުގެ މައްޗަށް ޖެމިނައި ޕޮޕްއަޕްވެގެން އަންނާނެއެވެ. މީގެ ސަބަބުން ލިޔުމެއްގައިވާ މަޢުލޫމާތުގެ ތެދުދޮގު ބެލުމާއި، ޕްރެޒެންޓޭޝަންތަކަށް ނަން ހޯދުން ފަދަ ކަންކަން އެހެން ވިންޑޯއަކަށް ނުގޮސް ވަގުތުން ކޮށްލެވޭނެއެވެ.

މީގެ އިތުރުން، ގޫގުލް ވޯކްސްޕޭސް އެޕްތައް ކަމަށްވާ ޖީމެއިލް އަދި ގޫގުލް ޑްރައިވްއިން މަޢުލޫމާތު ނަގައިގެން ޕްރޮޖެކްޓްތަކުގެ ޚުލާޞާ ލިޔެދިނުމަށްވެސް ޖެމިނައި ކިބައިން އެދެވޭނެއެވެ. އަދި އަމިއްލަ ޚިޔާލުތަކަށް 'ނެނޯ ބަނާނާ' މެދުވެރިކޮށް ޑެސްކްޓޮޕުން ސީދާ ތަފާތު ކުރެހުންތައް ނުވަތަ ފޮޓޯތައް އުފައްދާލުމުގެ ފުރުޞަތުވެސް މި އެޕްއިން ފަހިކޮށްދެއެވެ.

މި އެޕްލިކޭޝަން މިހާރު ވާނީ ރެޕިޑް ރިލީޒް އަދި ޝެޑިއުލްޑް ރިލީޒް ޑޮމެއިންތަކަށް ދޫކޮށްފައި ---

މިއީ ވިންޑޯޒްގައި ޖެމިނައި އެޕްގެ އަސްލު ޑެސްކްޓޮޕް ތަޖުރިބާގެ ފެށުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ފީޗާތައް ތަޢާރަފުކުރާނެ ކަމަށް ގޫގުލްއިން ބުނެއެވެ. އެޑްމިނުންނަށް ބަލާއިރު، ޖެމިނައި އެނޭބަލްކޮށްފައިވާ ހުރިހާ އޯގަނައިޒޭޝަންތަކަށް މި ފީޗާ އޮޓޯއިން ހުންނާނީ އޮންކުރެވިފައެވެ. އަދި ވޯކްސްޕޭސް އެޑްމިން ކޮންސޯލްގައިވާ ޖެނެރޭޓިވް އޭއައި ސެޓިންގްސް މެދުވެރިކޮށް މިކަން ކޮންޓްރޯލް ކުރެވޭނެއެވެ. ނަމަވެސް އާންމު ޔޫޒަރުންނަށް މި އެޕް ކޮންޓްރޯލްކުރާނެ ވަކި ސެޓިންއެއް ނުހުންނާނެއެވެ.

މި އެޕްލިކޭޝަން މިހާރު ވާނީ ރެޕިޑް ރިލީޒް އަދި ޝެޑިއުލްޑް ރިލީޒް ޑޮމެއިންތަކަށް ދޫކޮށްފައެވެ. އެހެންކަމުން ގޫގުލް ވޯކްސްޕޭސްގެ ހުރިހާ ކަސްޓަމަރުންނަށާއި، ވޯކްސްޕޭސް އިންޑިވިޖުއަލް ސަބްސްކްރައިބަރުންގެ އިތުރުން އާންމު ގޫގުލް އެކައުންޓް ގެންގުޅޭ ހުރިހާ ފަރާތްތަކަށް ވެސް ޖެމިނައި ޑެސްކްޓޮޕް އެޕްލިކޭޝަން ޑައުންލޯޑްކޮށްގެން މިހާރު ބޭނުންކުރެވޭނެއެވެ.

comment ކޮމެންޓް