ޓެގްކުރާ ޕޯސްޓްތައް އިންސްޓަގްރާމްގެ މައި ގްރިޑަށް ލެވޭ އާ ފީޗާއެއް

މިއީ ޔޫޒަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް އިންސްޓަގްރާމަށް އިތުރުކުރާ ފީޗާއެއް ----

އެހެން މީހުން ޓެގްކުރާ ޕޯސްޓްތައް އެ މީހެއްގެ މައި ޕްރޮފައިލް ގްރިޑަށް އިތުރުކުރެވޭ ގޮތަށް އިންސްޓަގްރާމުން އާ ފީޗާއެއް ތައާރަފުކުރަން ފަށައިފިއެވެ.

މިއީ ޔޫޒަރުންގެ އެކައުންޓާ ގުޅޭ ކޮންޓެންޓް މެނޭޖްކުރުމުގައި އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން ދޫކުރަން ފެށި ފީޗާއެކެވެ. މި ބަދަލާއެކު، މީގެ ކުރިން ހަމައެކަނި ވަކިން ހުންނަ "ޓެގްޑް" ޓެބުން ފެންނަން ހުންނަ ޕޯސްޓްތައް، ޕްރޮފައިލްގެ މައި ގްރިޑަށް ބަދަލުކޮށްލެވޭނެއެވެ.

އިންސްޓަގްރާމްގެ ވެރިޔާ އެޑަމް މޮސޭރީ އެ ޕްލެޓްފޯމުގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، ޔޫޒަރުން ޓެގްވެފައިވާ ޕޯސްޓްތައް ސީދާ އެ މީހުންގެ މައި ޕްރޮފައިލް ގްރިޑަށް ލެވޭ ގޮތަށް މި ފީޗާ މިހާރު ދުނިޔޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން މައި ގްރިޑަށް މިގޮތަށް ލާ ޕޯސްޓެއް ފަހުން ނަގަން ބޭނުންވި ނަމަވެސް، އަސްލު ޕޯސްޓަށް އެއްވެސް ބަދަލެއް ނައިސް އަދި ޓެގްޑް ސެކްޝަނުން އެ ޕޯސްޓް ނުގެއްލި ފަސޭހައިން އުނިކޮށްލެވޭނެއެވެ.

މި ފީޗާ ދުނިޔޭގެ އެކި ގައުމުތަކަށް އަމާޒުކޮށްގެން މިހާރުވަނީ ދޫކުރަން ފަށާފައި ---

ޓެގްކޮށްފައި ހުންނަ ޕޯސްޓްތައް މައި ގްރިޑަށް އިތުރުކުރުމަށް އިންސްޓަގްރާމުން ތިން ގޮތެއް ވަނީ ހަމަޖައްސައިދީފައެވެ. އެއީ މީހަކު ޓެގްކުރުމުން ޑައިރެކްޓް މެސެޖް (ޑީއެމް) މެދުވެރިކޮށް ލިބޭ ނޮޓިފިކޭޝަނުންނާއި، ޓެގްކޮށްފައިވާ ޕޯސްޓްގައި އިންނަ ތިން ތިކި މެނޫއަށް ފިތާލައިގެންނެވެ. މީގެ އިތުރުން ޕްރޮފައިލްގެ "ޓެގްޑް" ޓެބުގައި އިންނަ ޕޯސްޓަކަށް ފިތައިގެން ހިފަހައްޓާލައިގެން (ޕްރެސް އެންޑް ހޯލްޑް ކޮށްގެން) ވެސް މައި ގްރިޑަށް އެ ޕޯސްޓް ލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.

އާންމު އުސޫލުން މިގޮތަށް ގްރިޑަށް އިތުރުކުރާ ޕޯސްޓްތައް ތަރުތީބުވާނީ އެންމެ ފަހުގެ ތާރީޚުން ފެށިގެން ދުވަސްވީ ތާރީޚަށް (ރިވާސް ކްރޮނޮލޮޖިކަލްކޮށް) ކަމަށް ވިޔަސް، މީގެ ކުރިން ޕްރޮފައިލް ގްރިޑް އަމިއްލައަށް ރީއެރޭންޖްކޮށް ވަކި ތަރުތީބަކަށް ބަހައްޓާފައިވާ ޔޫޒަރުންގެ އެ ތަރުތީބު ނުގެއްލި، އާ ޕޯސްޓް އިތުރުކުރެވޭނެއެވެ. އަދި މިގޮތަށް ބަދަލުކުރުމަކުން އަސްލު ޕޯސްޓް އަޕްލޯޑްކުރި ފަރާތުގެ ކޮންޓެންޓަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

މި އާ ފީޗާގެ ސަބަބުން ރައްޓެހިންނާއެކު ނަގާ ގްރޫޕް ފޮޓޯތަކާއި، ކްރިއޭޓަރުންނާ ގުޅިގެން ހަދާ ކޮލެބޮރޭޝަން ޕޯސްޓްތަކުގެ އިތުރުން ފާހަގަކޮށްލެވޭ ހަނދާންތައް، އަމިއްލަ ޕްރޮފައިލުން ވަކިން ފެންނަން ހުންނަން ބޭނުންވާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މިއީ ތިމާ އަމިއްލައަށް ޕޯސްޓްކުރާ ތަކެއްޗާއެކު، ޓެގްވެފައިވާ މުހިންމު ކަންކަން އެއްތަނަކުން ދައްކާލުމަށް ލިބިގެންދިޔަ އިތުރު ފުރުސަތެކެވެ.

މި ފީޗާ ދުނިޔޭގެ އެކި ގައުމުތަކަށް އަމާޒުކޮށްގެން ދޫކުރަން ފަށާފައިވީ ނަމަވެސް، ހުރިހާ ޔޫޒަރުންގެ އެކައުންޓްތަކަށް މި ފީޗާ ލިބި ނިމޭނެ ވަކި ތާރީޚެއް އިންސްޓަގްރާމުން އަދި ހާމަކޮށްފައެއް ނުވެއެވެ. ލަސްތަކެއް ނުވެ ކުރިއަށް އޮތް ދުވަސްތަކުގައި އެޕް އަޕްޑޭޓްކުރާ ހުރިހާ ޔޫޒަރުންނަށް ވެސް މި ފީޗާގެ ބޭނުން ހިފޭނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް