އިންސްޓަގްރާމް ސްޓޯރީ ޕޯސްޓްކުރުމަށްފަހު ވެސް އެޑިޓްކުރެވޭ ގޮތް ހަދައިފި

މީގެ ކުރިން ސްޓޯރީ އެޑިޓްކުރަން ވެއްޖެނަމަ ޖެހޭނީ އައު ޕޯސްޓެއްގެ ގޮތުގައި އަލުން ލާން ---

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމްގައި ހިއްސާކުރާ ސްޓޯރީތައް ޕޯސްޓްކުރުމަށްފަހު، 15 މިނެޓުގެ ތެރޭގައި އެޑިޓްކުރެވޭނެ އާ ފީޗާއެއް ތައާރަފުކޮށްފިއެވެ.

މެޓާ ކުންފުނީގެ ދަށުން ހިންގާ އިންސްޓަގްރާމްގެ ވެރިޔާ އެޑަމް މޮސޭރީ ވިދާޅުވި ގޮތުގައި، މި އާ ބަދަލާއެކު ސްޓޯރީއަށް ލިބިފައިވާ ވިއުސްއާއި ލައިކްސް އަދި ރިޕްލައިތަކަށް އެއްވެސް ބަދަލެއް ނައިސް، ޕޯސްޓްކުރާތާ 15 މިނެޓުގެ ތެރޭގައި ސްޓޯރީއަށް ބަދަލު ގެނެވޭނެއެވެ. މި ފީޗާގެ ދަށުން ސްޓޯރީގައި ހިމެނޭ ލިޔުންތަކާއި، މިއުޒިކާއި، ސްޓިކާތައް އަދި ކުރެހުންތައް އެޑިޓްކުރުމުގެ ފުރުސަތު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

މީގެ ކުރިން ސްޓޯރީއެއްގައި ކުޑަ ކުށެއް އޮތް ނަމަވެސް، އެ ސްޓޯރީ ޑިލީޓްކޮށްލުމަށްފަހު އަލުން ޕޯސްޓްކުރަން ޖެހުމުގެ ސަބަބުން ކޮންޓެންޓް ކްރިއޭޓަރުންނަށާއި ވިޔަފާރިތަކަށް އެ ޕޯސްޓަށް ލިބެމުންދިޔަ އެންގޭޖްމަންޓް ގެއްލޭ މައްސަލައަށް މި ފީޗާއާއެކު ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

އިންސްޓަގްރާމުން ހާމަކޮށްފައިވާ ގޮތުގައި، ޕޯސްޓްކުރުމަށްފަހު ބަދަލެއް ގެނެސްފައިވާ ސްޓޯރީތަކުގައި "އެޑިޓެޑް" ލޭބަލް ފެންނަން ހުންނާނެއެވެ. ސްޓޯރީ އެޑިޓްކުރުމަށްޓަކައި ޕޯސްޓްކޮށްފައިވާ ސްޓޯރީ ހުޅުވުމަށްފަހު، ތިރީގެ ކަނާތްފަރާތުގައި އިންނަ ތިން ތިކީގެ މެނޫއަށް ފިތާލުމުން "އެޑިޓް ސްޓޯރީ" ގެ އޮޕްޝަން ފެންނަން ހުންނާނެއެވެ.

މިބަދަލާއެކު އާ ފޮންޓުތަކާއި ކުލަތައް ހިމެނޭ ސްޓިކާތަކާއި، ބްލާ އަދި ގްރޭޑިއަންޓް ބެކްގްރައުންޑް ލެވޭނެ ---

މި އަޕްޑޭޓާއެކު އިންސްޓަގްރާމް ސްޓޯރީ ތައްޔާރުކުރާ ބަޔަށް އިތުރު ފަސޭހަތަކެއްވެސް ވަނީ ގެނެސްފައެވެ. އެގޮތުން އާ ފޮންޓުތަކާއި ކުލަތައް ހިމެނޭ ސްޓިކާތަކާއި، ބްލާ އަދި ގްރޭޑިއަންޓް ބެކްގްރައުންޑްގެ އިތުރުން، އެއްފަހަރާ ގިނަ ފޮޓޯތައް ސެލެކްޓްކޮށް ހިއްސާކުރެވޭނެ ފަސޭހަ ގޮތްތަކެއްވެސް ވަނީ ތައާރަފުކޮށްފައެވެ.

މީގެ އިތުރުން، ކޮންޓެންޓް ކްރިއޭޓަރުންގެ އަސްލު ވީޑިއޯތައް ހުއްދަނެތި ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި އަލުން ޕޯސްޓްކޮށްފިނަމަ އެކަން ދެނެގަނެ އިންޒާރުދޭ ޓޫލެއްވެސް އިންސްޓަގްރާމުން ދާދިފަހުން ވަނީ ތައާރަފުކޮށްފައެވެ. އަދި ކުޑަކުދިންގެ އެކައުންޓްތައް ދެނެގަތުމަށް އޭއައި ބޭނުންކޮށްގެން އުމުރު ކަށަވަރުކުރާ ނިޒާމުވެސް މުޅި ދުނިޔެއަށް ވަނީ ފުޅާކޮށްފައެވެ.

comment ކޮމެންޓް