މޫސުން މާބޮޑަށް ގޯސްވުމުން ގައްދޫއާއި ނިއު ރޭޑިއަންޓު މެޗު ފަސްކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫއާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމުގެ ހާލަތު، ވިއްސާރަވުމާ ގުޅިގެން މެޗު ވަނީ ފަސްކޮށްފައި--

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ގައްދޫ ސްޕޯޓްސް ކުލަބު ބައްދަލުކުރުމަށް ތާވަލުކުރި ތާރީޚީ މެޗު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

ގދ. ގައްދޫ އިޖުތިމާއީ މަރުކަޒުގެ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅެން އޮތް މި މެޗު ފަސްކުރަން ނިންމީ، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ދަނޑުގައި ބޮޑުތަނުން ފެންބޮޑުވުމާ ގުޅިގެން މެޗު ކުރިއަށްގެންދެވޭފަދަ ރައްކާތެރި ހާލަތެއް ނެތުމުންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަޢުލޫމާތު ދޭ ގޮތުގައި، މޫސުމީ ހާލަތު ރަނގަޅުވުމުން މި މެޗު ދެން ބާއްވާނެ ސީދާ ތާރީޚެއް ފަހުން އިއުލާނުކުރާނެއެވެ.

ގައްދޫގައި ކުޅެން ހަމަޖެހުނު މި މެޗަކީ ރާއްޖޭގެ ފުޓްބޯޅަ ތާރީޚުގައި ދިވެހި ލީގުގެ މެޗެއް މާލެއިން ބޭރުގައި، އަތޮޅުތެރޭގެ ދަނޑެއްގައި ކުޅުމަށް ހަމަޖެހުނު ފުރަތަމަ ފަހަރެވެ. މިއީ ދިވެހި ފުޓްބޯޅަ މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި ހޯމް އެންޑް އަވޭ އުސޫލުން ލީގު މެޗުތައް ކުރިއަށްގެންދިއުމަށް އެފްއޭއެމްއިން ފެށި އާ ބާބެކެވެ.

މި އުސޫލުގެ ދަށުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ދެ ސަރަހައްދެއްގައި މެޗުތައް ކުޅުމަށް ވަނީ ނިންމާފައެވެ. އެއީ ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ ޓީމުގެ ހޯމް މެޗުތައް ދިއްދޫ ދަނޑުގައި އަދި ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގައްދޫ ޓީމުގެ މެޗުތައް ގައްދޫ ދަނޑުގައެވެ.

ގައްދޫގައި ކުޅެން އޮތް މެޗު ފަސްކުރެވުނު ނަމަވެސް، ލީގުގެ ތާވަލާ އެއްގޮތަށް މިރޭ މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗު ކުރިއަށްދާނެއެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބެވެ.

comment ކޮމެންޓް