އެއާޕޯޓް ޕާކިން ޒޯނުން، އަންހެން ކުއްޖެއްގެ ސައިކަލު ވަގަށް ނެގި ދެ މީހުން ޖަލަށް

އެއާޕޯޓް ޕާކިން ޒޯން --

ހުޅުލޭ އެއާޕޯޓުގެ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި އަންހެން ކުއްޖެއްގެ ސައިކަލެއް ވަގަށް ނެގި މައްސަލައިގައި ދެ ފިރިހެނަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމްކޮށްފައި ވަނީ ގދ. ގައްދޫ/ އެވަގްރީން، އަޙްމަދު މުޢާވިޔަތު އާއި ގދ. ގައްދޫ/ ޝަމާހާ މަންޒިލް، މުޙައްމަދު ޢާޒިމް އިބްރާހީމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، މި ދެ މީހުން ވަގަށް ނަގާފައި ވަނީ ލ. ކަލައިދުއަށް ނިސްބަތްވާ އަންހެން ކުއްޖެއްގެ ސައިކަލެވެ.

އެ ސައިކަލަކީ 2026 ޖޫން 24 ވީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުޅުލޭ އެއާޕޯޓް ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި ސައިކަލެކެވެ. މުޢާވިޔަތާއި ޢާޒިމް ވެގެން އެ ސައިކަލު އެއާޕޯޓް ޕާކިން ޒޯނުން ނަގައިގެން ދުއްވާފައި ވަނީ 2026 ޖޫން 25 ވީ ބުރާސްފަތި ދުވަހުގެ ދަންވަރު 02:45 ހާއިރުއެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި، ދައުލަތުން ކުރި ވައްކަންކުރުމުގެ ދައުވާއަށް އެ ދެ މީހުން ވެސް ވަނީ އަމިއްލަ އިޚްތިޔާރުގައި، އެއްވެސް މަޖުބޫރުކަމެއް ނެތި ކުށަށް އިޢުތިރާފްވެފައެވެ. އެހެންކަމުން، ކޯޓުން މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އަވަސްނިޔާގެ އިޖުރާއަތުގެ ދަށުންނެވެ.

އަޙްމަދު މުޢާވިޔަތު ކުށަށް އިޢުތިރާފްވުމާ ގުޅިގެން އަދަބުގެ ދަރަޖަ ދަށްކުރެވުނު ނަމަވެސް، އޭނާގެ ކުށުގެ ރެކޯޑު އޮތުމުން ޤާނޫނުލްޢުޤޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ވަނީ މަތިކޮށްފައެވެ. އެއާއެކު އޭނާގެ މައްޗަށް އިއްވީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ތަޙުޤީޤު މަރުޙަލާގައި ބަންދުގައި ހޭދަކުރި އަށް ދުވަސް އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހޭނީ އެއް އަހަރާއި ހަ މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.

މުޙައްމަދު ޢާޒިމް އިބްރާހީމް ކުށަށް އިޢުތިރާފްވުމާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައެޅުނު އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައިގައި ބަންދުގައި ހޭދަކުރި އަށް ދުވަސް އުނިކުރުމަށްފަހު އޭނާ ތަންފީޒު ކުރަންޖެހޭނީ ނުވަ މަހާއި 10 ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލަ ބައްލަވައި ހުކުމް ކުރައްވާފައިވަނީ ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އިބްރާހީމް އިޙްސާނެވެ.

comment ކޮމެންޓް