ދެހާސް އެއް ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހަކީ ދުނިޔޭގެ ތާރީހު މުޅިން ބަދަލުކޮށްލި ދުވަހެކެވެ. އެމެރިކާގެ ނިއުޔޯކް ސިޓީއަށް އެ ދުވަހުގެ އިރު އެރީ ވަރަށް ސާފު ރީތި ހެނދުނެއްގެ ގޮތުގައެވެ. ނަމަވެސް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ސާފު އުޑުމަތި ބޯ ދުމުން ފުރި، މުޅި ދުނިޔެ ސިހުމަކަށް ގެނުވިއެވެ. ރާއްޖޭގެ ގަޑިން އެ ދުވަހުގެ ހަވީރުގެ ވަގުތުގައި، ގިނަ ދިވެހިން ތިބީ އާންމު ދިރިއުޅުމުގެ ކަންކަމުގައެވެ. ކުއްލިއަކަށް ޓީވީ ސްކްރީންތަކުން ފެންނަން ފެށީ ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ އިމާރާތަށް މަތިންދާބޯޓުތަކެއް ޖައްސައި، އެ އުސް އިމާރާތްތައް ބިމާ ހަމަވެގެންދިޔަ ބިރުވެރި މަންޒަރެވެ. އެ މަންޒަރު ބަލަން ތިބި ކޮންމެ މީހެއްގެ ހިތުގައި އުފެދުނީ ބަޔާންކުރަން ދަތި ބިރުވެރިކަމަކާއި ސުވާލުތަކެކެވެ.
އެ ހަމަލާތަކަށް މިއަދު 25 އަހަރު ފުރިފައިވާއިރު، އޭގެ އަސަރުތައް އަދިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަން އެބަހުއްޓެވެ. ނިއުޔޯކް ސިޓީއާއި، ޕެންސިލްވޭނިއާ އަދި ވޮޝިންޓަން ޑީސީއަށް ދިން އެ ހަމަލާތަކުގެ ސަބަބުން އެމެރިކާ މީހުންގެ ރައްކާތެރިކަމުގެ އިހުސާސް ގެއްލި، މުޅި ގައުމަށް ބޮޑު ހިތާމައެއް ގެނުވިއެވެ. އެ ހާދިސާގައި ގާތްގަނޑަކަށް 3،000 މީހުންގެ ފުރާނަ ގެއްލިގެން ދިޔައިރު، އެކަމުގެ ހިތާމަ ހަމައެކަނި އާއިލާތަކަށް ނިމުނީއެއް ނޫނެވެ. މުޅި ގައުމު އެކުގައި އެ ހިތާމައިގައި ބައިވެރިވިއެވެ.
އެމެރިކާ އަށް ދިން މި ބިރުވެރި ހަމާލާތައް ރާވައި ހިންގުމުގެ ޒިންމާ އުފުލާފައިވަނީ އަލްގައިދާ ޖަމާއަތުގެ އޭރުގެ ވެރިޔާ އުސާމާ ބިންލާދިން އެވެ. މި ހަމަލާތަކާ ގުޅިގެން އެމެރިކާއިން ފެށި "ހަނގުރާމަ" އަށްފަހު، އެތައް އަހަރެއް ވަންދެން ފިލައިގެން އުޅުމަށްފަހު އޭނާ ހޯދާފައިވަނީ 2011 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުގެރޭ، ޕާކިސްތާނުގެ އެބޮޓްއާބާދުގައި އެމެރިކާގެ ޚާއްޞަ އަސްކަރީ ޔުނިޓަކުން ހިންގި ސިއްރު އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި އޭނާ ވަނީ މަރާލާފައެވެ.
އެމެރިކާއަށް ދިން ޓެރަރިޒަމްގެ ހަމަލާ 9/11ގެ ހާދިސާގެ ތެރެއިން---މި ހަމަލާ ރާވައި ހިންގުމުގައި އިސްކޮށް ތިބި ކަމަށް ތުހުމަތުކުރެވޭ މީހުންނަށް އިންސާފު ގާއިމުކުރުމުގެ މަރުހަލާ އަދިވެސް ނުނިމެއެވެ. ހަމަލާގެ މޭސްތިރި ކަމަށް އެމެރިކާއިން ތުހުމަތުކުރާ ހާލިދު ޝެއިހް މުހައްމަދާއި އޭނާގެ ބައިވެރިން ހައްޔަރުކޮށް، އެމެރިކާގެ ގުއަންޓަނާމޯ ބޭ ޖަލުގައި ބަންދުކޮށްފައި ތިބޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ހަމަލާއަށް 25 އަހަރު ފުރޭއިރުވެސް އެމީހުންގެ މައްޗަށް ޝަރީއަތް ހިންގިފައެއް ނުވެއެވެ. އޭޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލަ ދިގުލައިގެން ގޮސްފައިވަނީ އެމީހުންނާ ސުވާލުކުރުމުގައި އެމެރިކާއިން އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމަށް ބުނެ އުފެދިފައިވާ ގާނޫނީ މައްސަލަތަކާ ހެދިއެވެ. ނަމަވެސް، ދާދި ފަހުން އެމެރިކާގެ އަސްކަރީ ކޯޓަކުން ވަނީ 2028 ވަނަ އަހަރުގެ ޖޫން މަހު އެމީހުންގެ ޝަރީއަތް ފެށުމަށް ތާވަލުކޮށްފައެވެ.
9/11 ހާދިސާގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ނޯތުއީސްޓަން ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑެނިއަލް އޯލްޑްރިޗް ފާހަގަކުރި ގޮތުގައި، އެއް ހާދިސާއެއް ނަމަވެސް، އެކަމުގެ އަސަރު މީހުންނަށް ކުރި ގޮތް ތަފާތެވެ. އެއީ އެ މީހަކު ނިސްބަތްވާ މުޖުތަމައުއާއި ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. އޭގެ ތެރޭގައި ލޯބިވާ މީހުން ގެއްލުނު އާއިލާތަކާއި، އިމާރާތްތަކުގެ ކުނިބުނި ސާފުކުރުމުގައި އުޅުނު މީހުންނާއި، އަސްކަރިއްޔާއާ ގުޅުނު މީހުން ހިމެނެއެވެ.
ޖެނާ މެކްޕާޓްލަންޑްގެ ވާހަކައަކީ މީގެ ތެރެއިން އެއް މިސާލެވެ. ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާގައި އޭނާގެ ފިރިމީހާ އޭރިއަލް ޖޭކޮބްސް މަރުވިއިރު، ޖެނާ އިނީ އެމީހުންގެ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. އޭގެ ދުވަސްކޮޅެއް ފަހުން އުފަންވި އެ ކުއްޖާ ބޮޑުވަމުން އައީ އޭނާ ދުވަހަކުވެސް ނުދެކޭ ބައްޕައެއްގެ ހަނދާންތަކާއެކުގައެވެ. މިއީ އެ ހަމަލާގެ ސަބަބުން އެތައް އާއިލާއަކަށް ކުރިމަތިވި އުމުރު ދުވަހުގެ ހިތާމައިގެ ކުޑަ މިންވަރެކެވެ.
އެމެރިކާއަށް ދިން ޓެރަރިޒަމްގެ ހަމަލާ 9/11ގެ ހާދިސާގެ ތެރެއިން---ނަމަވެސް، އިސްލާމީ ގައުމުތަކަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް މި ހާދިސާގެ ފަހުން ކުރިމަތިވީ މުޅިން ތަފާތު ތަޖުރިބާއެކެވެ. ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ގައުމުތަކުން މި ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރި ނަމަވެސް، ހުޅަނގުގެ ގައުމުތަކުގައި މުސްލިމުންނާ މެދު ދެކޭ ގޮތް ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ. އިސްލާމްދީނަކީ ސުލްހައިގެ ދީން ކަމުގައި ވިޔަސް، މަދު ބަޔަކު ހިންގި ލާއިންސާނީ އަމަލެއްގެ ސަބަބުން މުޅި އިސްލާމީ އުއްމަތަށް އޭގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހުނެވެ.
އެމެރިކާގެ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން މި ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިޔައެވެ. އޭޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2002 ވަނަ އަހަރު އެމެރިކާއިން ވަނީ “ނޭޝަނަލް ސެކިއުރިޓީ އެންޓްރީ-އެގްޒިޓް ރެޖިސްޓްރޭޝަން ސިސްޓަމް” ގެ ނަމުގައި ހާއްސަ ނިޒާމެއް ތައާރަފުކޮށްފައެވެ. މި ނިޒާމުގެ ދަށުން، މުސްލިމް އަގުލަބިއްޔަތު އޮންނަ 25 ގައުމަކުން އެމެރިކާއަށް އެތެރެވާ އުމުރުން 16 އަހަރުން މަތީގެ ފިރިހެނުން ހާއްސަ ގޮތެއްގައި ރަޖިސްޓަރީވާން މަޖުބޫރުކުރިއެވެ. މިއީ ނަސްލީ އަދި ދީނީ ތަފާތުކުރުން ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔުމުން، ފަހުން މި ނިޒާމު ވަނީ އުވާލާފައެވެ.
މިފަދަ ސިޔާސަތުތަކުގެ ސަބަބުން، ދަތުރުފަތުރުކުރުމުގައި މުސްލިމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. ދިވެހިންނަށްވެސް ބޭރު ގައުމުތަކަށް ދަތުރުކުރުމުގައި، ހާއްސަކޮށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ އެއާޕޯޓުތަކުން އިތުރު ސުވާލުތަކާއި ފާސްކުރުންތަކާ ކުރިމަތިލާން ޖެހުނެވެ. ނަމާއި ސިފައަށް ބަލައި މީހުންނާ މެދު ޝައްކުގެ ނަޒަރުން ބެލުން އާންމު ކަމަކަށް ވިއެވެ.
މި ހާދިސާއަށްފަހު، ދުނިޔޭގެ މީޑިއާތަކުން އިސްލާމްދީނާ ގުޅުވައިގެން ގެނެސްދިން ހަބަރުތަކުގެ ސަބަބުން، އާންމުންގެ މެދުގައި އިސްލާމްދީނާމެދު އޮތް ތަސައްވުރު ގޯސްވެގެން ދިޔައެވެ. މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކުރުމުގެ ސަގާފަތެއް އުފެދި، އިސްލާމޯފޯބިއާ ނުވަތަ އިސްލާމްދީނާމެދު ބިރުގަތުން މުޅި ހުޅަނގުގައި ފެތުރިގެން ދިޔައެވެ. މީގެ ސަބަބުން، ޔޫރަޕާއި އެމެރިކާގައި ދިރިއުޅޭ މުސްލިމުންނަށް ވަޒީފާގެ މާހައުލުގައާއި، ތައުލީމު ހާސިލުކުރާ ތަންތަނުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ބުރުގާ އަޅާ އަންހެނުންނަށާއި، ތުނބުޅި ބަހައްޓާ ފިރިހެނުންނަށް މަގުމަތިން ފުރައްސާރަކުރުން ފަދަ ކަންކަން އާންމުވިއެވެ.
މި ނަފްރަތުގެ ސަބަބުން ކުށެއް ނެތް އެތައް ބަޔެއްގެ ފުރާނަވެސް ގެއްލިފައިވެއެވެ. 9/11 ގެ ހަމަލާއަށްފަހު އެންމެ ހަތަރު ދުވަސް ފަހުން އެމެރިކާގެ އެރިޒޯނާގައި ގޭސް ސްޓޭޝަނެއް ހިންގަން ހުރި ބަލްބީރު ސިންގް ސޯދީ ވަނީ ބަޑިޖަހައި މަރާލާފައެވެ. އޭނާއަކީ ސިކް ދީނުގެ މީހަކަށް ވިޔަސް، އޭނާ މަރާލި މީހާ ހީކުރީ އޭނާއަކީ އަރަބި މުސްލިމެއް ކަމަށެވެ. މިއީ ބިރުވެރިކަމާއި ނަފްރަތުގެ ތެރެއިން އުފެދުނު ޖާހިލުކަމުގެ ހިތާމަވެރި ނަތީޖާއެވެ.
ހަމަލާތަކަށްފަހު އެމެރިކާ އަލުން ކޮޅަށް ތެދުވުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ގައުމީ ސަލާމަތް ކަށަވަރުކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އުފެއްދިއެވެ. އަދި ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޓްރާންސްޕޯޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޓީއެސްއޭ) ވުޖޫދަށް ގެނެސް، އެއާޕޯޓުތަކުގެ ސެކިއުރިޓީ ވަރުގަދަކުރިއެވެ.
އެމެރިކާއަށް ދިން ޓެރަރިޒަމްގެ ހަމަލާ 9/11ގެ ހާދިސާގެ ތެރެއިން---މީގެ އިތުރުން، ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނަމުގައި އެމެރިކާއިން ވަނީ އަފްގާނިސްތާނާއި އިރާގަށް އަރައި، ދިގުލައިގެންދިޔަ ހަނގުރާމަތަކެއް ފަށާފައެވެ. މި ހަނގުރާމަތަކުގެ ސަބަބުން އެތައް ލައްކަ ބަޔެއްގެ ފުރާނަ ގެއްލި، މެދުއިރުމަތީގެ މަސްރަހު މުޅިން ބަދަލުވެގެން ދިޔައެވެ. މިއީ 9/11 ގެ ހަމަލާގެ ސަބަބުން ދުނިޔޭގެ ސިޔާސީ މަސްރަހަށް އައި އެންމެ ބޮޑު އެއް ބަދަލެވެ.
ނިއުޔޯކް ސިޓީގެ މެދުތެރޭގައި ހުރި ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ އިމާރާތް ވެއްޓި، އެތަން ފުނޑުފުނޑުވެގެން ދިޔަ ނަމަވެސް، އެމެރިކާއިން ވަނީ އެތަން އަލުން އާރާސްތުކޮށްފައެވެ. މިއަދު އެތަނުގައި ބިނާކޮށްފައިވާ “ފްރީޑަމް ޓަވަރު” ނުވަތަ ވަން ވޯލްޑް ޓްރޭޑް ސެންޓަރަކީ އެމެރިކާގެ ރައްޔިތުންގެ ހިތްވަރުގަދަކަމާއި، ކޮޅަށް ތެދުވުމުގެ ރޫހު ރަމްޒުކޮށްދޭ ބިނާއެކެވެ. އެތަނުގައި ގާއިމުކޮށްފައިވާ 9/11 މެމޯރިއަލްއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް، އެ ދުވަހު ގެއްލިގެންދިޔަ ފުރާނަތަކުގެ ހަނދާންތައް އާވެގެންދެއެވެ. ނަމަވެސް، އިމާރާތްތައް އަލުން ބިނާކުރެވުނު ކަމުގައި ވިޔަސް، މީހުންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ޒަހަމްތައް ފަސޭހަވުމަށް އެތައް އަހަރެއް ނެގިއެވެ.
މިއަދު، މި ހާދިސާއަށް 25 އަހަރު ފުރިފައިވާއިރު، މިއީ އާ ޖީލަކަށް ހަމައެކަނި ތާރީހީ ފިލާވަޅެކެވެ. 2001 ވަނަ އަހަރުގެ ފަހުން އުފަންވި އެތައް މިލިއަން ޒުވާނުންނަށް، 9/11 އަކީ ފޮތްތަކުން ކިޔާ، އަދި ވީޑިއޯތަކުން ފެންނަ ހާދިސާއެކެވެ. ެުމުރުން 20 ނުވަތަ 25 އަހަރުގެ ޒުވާނުނއ ބޮޑުވަމުން އައީ މި ހާދިސާގެ ސަބަބުން މެދުއިރުމަތީގެ މީހުންނަށާއި މުސްލިމުންނަށް ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ އެމީހުންގެ މައިންބަފައިންގެ ފަރާތުން އަޑުއަހަމުންނެވެ. އެފަދަ ޒުވާނުން ފާހަގަކުރި ގޮތުގައި، ކޯވިޑް-19 ގެ ބަލިމަޑުކަމަކީ އެމީހުންގެ ޖީލަށް ދުނިޔެ ކުއްލިއަކަށް ބަދަލުވެގެންދިޔަ ގޮތް އިހުސާސްކޮށްދިން ކަމެކެވެ. އެއީ އޭގެ ކުރީގެ ޖީލަށް 9/11 އިން ކުރި އިހުސާސް ފަދަ ކަމެކެވެ.
ވަގުތު ފާއިތުވަމުންދާ ވަރަކަށް، ތާރީހީ ހާދިސާތަކުގެ ހަނދާންތައް ފަނޑުވަމުންދިއުމަކީ ތަބީއީ ކަމެކެވެ. ސޯޝިއޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ އޭމީ ސޮޑާރޯ ބުނިގޮތުގައި، ދުނިޔެއަށް އަންނަ ސިޔާސީ ބަދަލުތަކާއި އެހެނިހެން ބޮޑެތި ހާދިސާތަކުގެ ސަބަބުން، 9/11 ގެ ހަނދާންތައް މީހުންގެ ސިކުނޑިތަކުގައި ހަރުލާފައި ހުންނަ ގޮތް ވަނީ ބަދަލުވެފައެވެ.
މި ހާދިސާއިން މުޅި ދުނިޔެއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ، ޓެރަރިޒަމްގެ އަމަލުތަކުގެ ސަބަބުން މުޅި އިންސާނިއްޔަތަށް ލިބޭ އިއާދަނުކުރެވޭނެ ގެއްލުމެވެ. އަދި ހަމައެއާއެކު، ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ތެރޭގައި ތިބެ ގައުމުތަކުން ނިންމާ ނިންމުންތަކުގެ ސަބަބުން، ކުށެއް ނެތް އެތައް ބަޔަކަށް އޭގެ އަނިޔާ ލިބިގެންދާކަމެވެ. މުސްލިމް ގައުމުތަކުން އަބަދުވެސް ވަކާލާތުކުރާ ފަދައިން، ޓެރަރިޒަމަކީ ވަކި ދީނަކާ ނުވަތަ ނަސްލަކާ ގުޅިފައިވާ ކަމެއް ނޫނެވެ. އެހެންކަމުން، ކުރިމަގުގައި މިފަދަ ހާދިސާތައް ހުއްޓުވުމަށްޓަކައި، ނަސްލީ އަދި ދީނީ ތަފާތުކުރުންތަކުން ދުރުވެ، އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމެވެ.
ސެޕްޓެންބަރު 11 ގެ ހަމަލާއަށް 25 އަހަރު ފުރޭއިރު، ދުނިޔެ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެމެރިކާއިން ވަނީ އެ ގައުމުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ކުރިމަގުގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ދުވަހު ގެއްލިގެންދިޔަ ފުރާނަތަކާއި، އޭގެ ފަހުން އައި ބަދަލުތަކުގެ ސަބަބުން އަނިޔާ ލިބުނު މީހުންގެ ހަނދާންތައް ތާރީހުގެ ސަފުހާތަކުގައި ލިޔެވިފައި އޮންނާނެއެވެ. މިއީ ހަމައެކަނި އެމެރިކާއަށް ކުރިމަތިވި ހިތާމައެއް ނޫނެވެ. މިއީ މުޅި އިންސާނިއްޔަތަށް ކުރިމަތިވި ބޮޑު އިމްތިހާނެކެވެ. ކުރިމަގުގެ ޖީލުތަކަށް އޮތީ މި ހާދިސާއިން އިބުރަތް ހާސިލުކޮށް، ނަފްރަތުގެ ބަދަލުގައި އެކުވެރިކަން އިސްކުރުމެވެ.