ސްރީލަންކާ އާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމާއި ސަގާފީ ގުޅުން ފަންނުވެރިކަމުގެ ޒަރީއާއިން ދައްކުވައިދޭ "ކޮލޮމްބޯ - މާލެ 2026: އެގްޒިބިޝަން އޮފް ކޮންޓެމްޕަރަރީ ޕެއިންޓިންގްސް" ނޭޝަނަލް އާޓް ގެލެރީގައި ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
މި މައުރަޒަކީ ރާއްޖޭގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ހުސައިން އަލީ މަނިކު (ހުސެން) އިސްނަންގަވައިގެން، ސްރީލަންކާގެ ކިއުރޭޓަރު ޗަމިންދަ ގަމަގޭއާ ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ.
"ކޮލޮމްބޯ - މާލެ 2026: އެގްޒިބިޝަން އޮފް ކޮންޓެމްޕަރަރީ ޕެއިންޓިންގްސް" އެގްޒިބިޝަން ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު އަފްވާން މި މައުރަޒު ބާއްވަނީ ދިވެހިރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައި ކޮމިޝަނުގެ އެއްބާރުލުމާ އެކުގައެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒުގައި ސްރީލަންކާގެ ހަތަރު ފަންނާނުންނާއި ރާއްޖޭގެ ހަތަރު ފަންނާނުން ހިމެނޭހެން ޖުމްލަ އަށް ފަންނާނެއްގެ ފާހަގަކޮށްލެވޭ މަސައްކަތްތައް ދައްކާލެވޭނެއެވެ.
މީގެ ތެރޭގައި ރާއްޖޭގެ ގައުމީ އިނާމު ހާސިލްކޮށްފައިވާ ފަންނާނުން ކަމަށްވާ އަފްޒަލް ޝާފިއު (އަފޫ)، އަހުމަދު އަޒްމީ (ބަޗީ)، އަހުމަދު އަނީލް އަދި ހުސައިން އަލީ މަނިކުގެ ކުރެހުންތައް ހިމެނެއެވެ.
ސްރީލަންކާގެ ފަރާތުން ބައިވެރިވަނީ ސަރަތު ގުނަސިރި، އައިޕީޖީ އަމަރަޖީވާ، ކޭޑީ ލަކްޝްމަން އަދި ޑރ. ޗަމިންދަ ގަމަގޭއެވެ.
"ކޮލޮމްބޯ - މާލެ 2026: އެގްޒިބިޝަން އޮފް ކޮންޓެމްޕަރަރީ ޕެއިންޓިންގްސް" އެގްޒިބިޝަން ހުޅުވުމުގެ ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު އަފްވާން މައުރަޒު އިންތިޒާމުކުރާ ފަރާތުން ފާހަގަކުރެއްވި ގޮތުގައި، މި މައުރަޒުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ފަންނާނުންގެ މެދުގައި ސަގާފީ ބަދަލުތަކަށް މަގުފަހިކުރުމާއި، އިންޑިއާ ކަނޑުގެ މި ދެ އަވަށްޓެރި ގައުމުގެ މެދުގައި އޮތް ގުޅުން އާޓުގެ ތެރެއިން އިތުރަށް ބަދަހިކުރުމެވެ.
މިއީ ވަކި މައުޟޫއަކަށް ބިނާކުރުމުގެ ބަދަލުގައި، ކޮންމެ ފަންނާނެއްގެ ވެސް އަމިއްލަ ތަސައްވުރާއި ހުނަރުވެރިކަން މިނިވަންކަމާއެކު ދައްކާލުމަށް ހުޅުވާލެވުނު ފުރުސަތެކެވެ.
"ކޮލޮމްބޯ - މާލެ 2026: އެގްޒިބިޝަން އޮފް ކޮންޓެމްޕަރަރީ ޕެއިންޓިންގްސް" އެގްޒިބިޝަން ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު އަފްވާންސްރީލަންކާގެ ހައި ކޮމިޝަނަރު ރިޒްވީ ހަސަން ވެސް ވަނީ މިފަދަ ހަރަކާތްތަކަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް ލިބޭ ވަރަށް މުހިންމު ބާރެއްކަން ފާހަގަކުރައްވާފައެވެ.
"ކޮލޮމްބޯ - މާލެ 2026" މައުރަޒަކީ ހަމައެކަނި ކުރެހުންތަކެއް ދައްކާލުމުގެ ބަދަލުގައި، ކުރިމަގުގައި ދެ ގައުމުގެ ފަންނާނުން އެކުގައި ކުރިއަށްގެންދާނެ ވޯކްޝޮޕްތަކާއި ފަންނީ މަސައްކަތްތަކުގެ ފެށުމެއް ކަމަށް ވެސް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. އާންމުންނަށް މި މައުރަޒު ބަލާލުމުގެ ފުރުސަތު ނޭޝަނަލް އާޓް ގެލެރީގައި މިހާރު ވަނީ ހުޅުވާލެވިފައެވެ.