ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް މިރޭ ފަށައިފިއެވެ.
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި، ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއުގެ އިތުރުން ވުޒާރާތަކުގެ އިސްވެރިންނާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތް ފެށުމުގެ ޖަލްސާ ތެރެއިން --- ފޮޓޯ: އިސްލާމިކް މިނިސްޓްރީއިސްލާމިކް މިނިސްޓްރީން ބުނީ، މި އަހަރުގެ މުބާރާތަކީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ބާއްވާ މުބާރާތެއް ކަމަށެވެ. އެގޮތުން މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ 20 ސަރަޙައްދެއްގައި އޮޑިޝަން ބުރު ބާއްވާފައިވާއިރު، ޖުމްލަ 2،742 ބައިވެރިން އޮޑިޝަންގައި ކިޔަވާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. މީގެ ތެރެއިން މުބާރާތުގެ ސެމީ ފައިނަލަށް ހޮވިފައިވަނީ 379 ދަރިވަރުންނެވެ.
މި މުބާރާތުގެ ސެމީ ފައިނަލް ބުރުގެ ކިޔެވުން ކުރިއަށްދާނީ މި މަހުގެ 11 އިން 14 އަށެވެ. އަދި ފައިނަލް ބުރުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 އިން 17 އަށެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް، މުބާރާތަކީ ފާހަގަކޮށްލެވޭ ފަދަ ފުރިހަމަ މުބާރާތަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މުހިންމު ސިޔާސަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.