ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ޓަކައި ބާއްވާ ތަފާތު ހަރަކާތްތައް ރަމްޒުކޮށްދޭނެ ރަސްމީ ލޯގޯއެއް ފަރުމާކުރުމުގެ މުބާރާތެއް ޖަޕާނު ސަރުކާރުން އާންމުކޮށް ހުޅުވާލައިފިއެވެ.
އަންނަ އަހަރު ފާހަގަކުރާ މި މުނާސަބަތަކީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ މުނާސަބަތެކެވެ.
ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކޮށްފައިވާ ގޮތުގައި، މި ލޯގޯ ފަރުމާކުރުމުގެ މުބާރާތަކީ ހުރިހާ އުމުރުފުރައެއްގެ ދިވެހި އަދި ޖަޕާނު ރައްޔިތުންނަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅުންތައް ފޮނުވަން ޖެހެއެވެ.
https://x.com/JapaninMaldives/status/2098025760066060291
ލޯގޯ ހުށަހަޅަންވާނީ ޖޭޕެކް، ޕީޑީއެފް ނުވަތަ އީޕީއެސް ފައިލް ފޯމެޓުގައި، އެންމެ ބޮޑުވެގެން ތިން މެގަބައިޓް އަދި 300 ޑީޕީއައި އަށްވުރެ ދަށްނޫން ރިޒޮލިއުޝަނެއްގައެވެ. އަދި ލޯގޯގެ ކުލަ އަދި ކަޅާއި ހުދު ވާޝަންގެ އިތުރުން ގާތްގަނޑަކަށް 80 ބަހުގެ ކުރު ތަފްސީލެއް ވަކި ފައިލެއްގެ ގޮތުގައި އީމެއިލްގައި އެޓޭޗްކުރަން ޖެހޭނެކަމަށް ޖަޕާން ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން ހުށަހަޅާ ލޯގޯ ވާންވާނީ އަމިއްލަ އުފެއްދުމަކަށް ކަމަށާއި ޖެނެރޭޓިވް އޭއައި ބޭނުންކޮށްފައިވާ، ނުވަތަ އެހެން ފަރާތެއްގެ ކޮޕީރައިޓަށް އަރައިގަންނަ، އަދި ބޭއަދަބީ، ގާނޫނާ ޚިލާފު، ސިޔާސީ، ދީނީ، ނުވަތަ ވިޔަފާރި މަގްސަދެއް އެކުލެވޭ ފަރުމާއަކަށް ވެގެން ނުވާނެއެވެ. އެ ފަދަ ހުށަހެޅުންތައް ބާތިލުކުރާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ހޮވޭ ލޯގޯގެ އެންމެހައި ކޮޕީރައިޓާއި ހައްގުތައް ލިބިގެންވަނީ ހަމައެކަނި ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ކަމަށާއި އަދި ޑިޒައިނަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ވެސް އެ މިނިސްޓްރީއަށް އޮންނާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި ހޮވޭ ފަރާތަށް އެއްވެސް މާލީ ނުވަތަ އެހެން ބާވަތެއްގެ އިނާމެއް ނުލިބުނު ނަމަވެސް، އެ ފަރާތުގެ ރުހުމާއެކު ނަމާއި މައުލޫމާތު އިޢުލާނުކުރެވޭނެ ކަމަށް ވަނީ އެ މިނިސްޓްރީން ބުންޏެވެ. އަދި ހުށަހަޅާ ތަކެތި އަނބުރާ ރައްދު ނުކުރެވޭނެ ކަމަށާއި ހޮވުމުގެ މަރުހަލާއާ ގުޅޭގޮތުން އެއްވެސް ޖަވާބެއް ނުދެވޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
ފަރުމާތައް ފޮނުވަން ޖެހޭނީ އީމެއިލް މެދުވެރިކޮށް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އޭޝިއަން އެންޑް އޯޝިއޭނިއަން އެފެއާޒް ބިއުރޯގެ ސައުތު ވެސްޓް އޭޝިއާ ޑިވިޝަން ([email protected]) އަށެވެ.
ކަމާބެހޭ ފަރާތްތަކުން ހުށަހެޅުންތައް އިވެލުއޭޓްކުރުމަށްފަހު، އެއްވަނައަށް ހޮވޭ ލޯގޯ ޑިސެމްބަރު މަހުގެ މެދުތެރޭގައި އެ މިނިސްޓްރީގެ ވެބްސައިޓުގައި އިއުލާނުކުރާނެކަމަށް ބަޔާނުގައި ބުންޏެވެ.