އިސްލާމްއާބާދު (10 ސެޕްޓެމްބަރު 2026) : ޔަމަންގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެގައުމުގެ ހޫޘީ ޖަމާއަތުން ސައޫދީއަށް ދާދިފަހުން ދިން ހަމަލާތަކުގެ ރައްދުގައި "މައްކާ އެލަޔަންސް" އިން ހަރަކާތްތެރިވުމުގެ މަޝްވަރާތަކެއް އަދިނެތްކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިގޮތުގައި "މައްކާ އެލަޔަންސް" ގެނަމުގައި ސައޫދީ، ތުރުކީ އަދި ޕާކިސްތާން ގުޅިގެން މިދިޔަ މަހު އުފައްދާފައިވާ އަސްކަރީ ޖަމާއަތަކީ އޭގެޒާތުގައި އިސްވެ ހަމަލާދިނުމުގެ ބަދަލުގައި ދިފާއަށް މަސައްކަތްކުރާ ޖަމާއަތެެކެވެ. ހޫޘީން ސައޫދީގެ ބައެއް ސަރަހައްދުތަކަށާއި ތެލުގެ ބައެއް މަރުކަޒުތަކަށް ދިން ހަމަލާތަކުގެ ރައްދުގައި ސައޫދީ ވައިގެ ސިފައިންވަނީ ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައިވާ ޔަމަންގެ އެތަށް ތަނަކަށް ވައިގެ ހަމަލާތައް ދީފައެވެ.
ހޫޘީންނާއި ސައޫދީގެ ކޯޅުންތަކަކީ ވަރަށް ކުރީއްސުރެ ހިނގަމުންދާ ކޯޅުންތަކެކެވެ. ޕާކިސްތާނަކީ އީރާންއާ ވަރަށް ބަދަހިގުޅުންތަކެއް އޮންނަ ގައުމެއްކަމުން ސައޫދީ ގެންދަނީ ޕާކިސްތާން މެދުވެރިކޮށް އީރާންއާ ވާހަކަދައްކައިގެން ހޫޘީން މައިތިރިކޮށް އިތުރު ހަނގުރާމައަކަށް ނުގޮސް މައްސަލަ ހައްލުކުރުމަށް ޑިޕްލޮމެޓިކް ގޮތުން މަސައްކަތް ކުރަމުންކަމަށް ރިޕޯޓްތައް ބުނެއެވެ. ޔަމަންގެ ސަރުކާރާއި ހޫޘީންްނާ ދެމެދު ފެށުނު އެގައުމުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް، އަރަބި ދެތިން ގައުމެއް ހިމެނޭގޮތަށް އަރަބި ކޯލިޝަނެއް ހަދައިގެން 2015 ވަނަ އަހަރު ސައޫދީވަނީ ޔަަމަނަށް އަސްކަރީގޮތުން ވަދެގެންފައެވެ. ހަތް އަހަރުވަންދެން ހިނގައިދިޔަ މިހަނގުރާމައިގާ ޔަމަންގެ އާންމުންގެ އެތަށް ލައްކަ ބަޔަކު މަރުވެ އެތަށް މިލިޔަން ބަޔަކު ހާލުގައިޖެހި ޔަމަންގެ އަސްކަރީ އަދި މަދަނީ އިންފްރާސްޓްރަކްޗާ ހަލާކުވެފައިވާއިރު ހަނގުރާމައިގާ ޝާމިލްވި އެއްވެސް ފަރާތަކަށް ކާމިޔާބު ލިބިފައެއް ނުވެއެވެ. އެހެންކަމުން ހޫޘީންނާ ދެކޮޅަށް އިތުރު ހަނގުރާމައަކަށް ފެށުމުގެ ބަދަލުގައި ސުލްހަވެރި ގޮތުގައި މައްސަލަ ހައްލުކުރުން ނޫންގޮތެއް ނެތްކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ރޮއިޓާސް ބުނާގޮތުން ހޫޘީން މައިތިރިކޮށް ސުލްހަވެރި ގޮތުގައި މައްސަލަ ހައްލުކުރުމަށްޓަކައި އީރާނުގެ އެހީތެރިކަން ހޯދުމަށް ޕާކިސްތާން މެދުވެރިކޮށް ސައޫދީ ވަނީ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ފަށާފައެވެ.
ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް އިއްޔެ ވަނީ ހޫޘީންގެ ހަމަލާތައް ސައޫދީއަށް ތަކުރާރުކޮށް އަމާޒުވާނަމަ "މައްކާ އެލަޔަންސް" އިން ހަރަކާތްތެރިވާން ޖެހިދާނެކަމުގެ އިންޒާރެއް ދެއްވާފައެވެ. އޭނާ މިހެންވިދާޅުވިނަމަވެސް ޔަމަންގެ އަރާރުންތަކުގެ ތެރެއަށް "މައްކާ އެލަޔަންސް" ގައި ހިމެނޭ ޕާކިސްތާނުވެސް އަދި ތުރުކީވެސް ސީދާގޮތެއްގައި އަސްކަރީ ގޮތުން ވަންނާނެކަމަށް ނުބެލެވޭކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ހޫޘީން ބުނާގޮތުން އެޖަމާއަތުން ކޮންޓްރޯލްކުރާ ސަރަހައްދުތައް ހިސާރުކުރުމަށް ސައޫދީ އަޅާފައިވާ ފިޔަވަޅުތައް ނައްތައިނުލާނަމަ ސައޫދީއަށް އަދިވެސް އިތުރު ހަމަލާތައްދެމުން ގެންދާނެއެވެ. ހޫޘީ ޖަމާއަތުން ސައޫދީއަށް ދޭ ހަމަލާތަކުގެ ރައްދުގައި "މައްކާ އެލަޔަންސް" އިން ހަރަކާތްތެރިވުމުގެ މަޝްވަރާތަކެއް މިވަގުތު ނެތްކަމަށް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނިނަމަވެސް ހާލަތަށް ބަލާފައި ސައޫދީގެ ދިފާއުގައި ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައި އެކަންކުރުމާމެދު ޕާކިސްތާން ވިސްނާނެކަމަށް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާގޮތުން ސައޫދީގެ މަދަދުލިބޭ ޔަމަންގެ ސަރުކާރުގެ ބާރުތަކާއި އީރާނުގެ މަދަދުލިބޭ ހޫޘީން ނާ ދެމެދު ޔަމަންގައި މިހާރުދަނީ ވަރަށް ވަރުގަދައަށް ހަނގުރާމަ ހިނގަމުންނެވެ. ޕާކިސްތާނުންވަނީ ހޫޘީން މީގެ ދެދުވަސްކުރިން ސައޫދީގެ ބައެއް ސަރަހައްދުތަކަށް ދިން ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.