އޮސްލޯ (10 ސެޕްޓެމްބަރު 2026): ނޯވޭގެ ރަސްގެފާނު ހެރޮލްޑްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް އިއްޔެ ނޫން އިހަށްދުވަހު ޔޫކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީ ނޯވޭއަށް ދަތުރުކުރެއްވި މަތިންދާ ބޯޓަށް ޑްރޯނެއްގެ ހަމަލާ އަމާޒުވުމާ ވަރަށް ގާތަށް ދިޔަ ކަމަށާއި އެ ހަމަލާއިން ޒެލެންސްކީގެ ބޯޓު ސަލާމަތްވީ ވަރަށް ހަނިގޮތަކަށްކަން ހާމަވެއްޖެއެވެ.
މިކަން ހާމަކުރައްވަމުން ނޯވޭގެ ބޮޑުވަޒީރު ޔޫނަސް ގާރު ސްޓޫރޭ ވިދާޅުވިގޮތުގައި މި ހާދިސާ ހިނގީ ޒެލެންސްކީ ނޯވޭއަށް ވަޑައިގަތުމަށްޓަކައި އޭނާގެ ދަތުރުކުރެއްވި ބޯޓު މޯލްޑޯވާއިން ނައްޓާލަން އުޅުނު ވަގުތުގައެވެ. އެ ވަގުތު އެ ބޯޓަށް ޑްރޯނެއްގެ ހަމަލާ އަމާޒުވި ކަމަށާއި ނަމަވެސް އެ ހަމަލާ އެބޯޓާ ހަމައަށް ފޯރާފައިނުވާކަމަށް ސްޓުރޭ ވިދާޅުވިއެވެ. މި މައުލޫމާތު ލިބިވަޑައިގެންނެވި ގޮތެއް އަދި އޭގެ މަސްދަރެއް ސްޓުރޭ ހާމަކުރައްވައިފައެއް ނުވެއެވެ.
މޯލްޑޯވާގެ ސަރުކާރު ބުނާގޮތުން ޒެލެންސްކީގެ ބޯޓަށް ޑްރޯން ހަމަލާ އަމާޒުވީ އެ ބޯޓު ނޯވޭއަށް ފުރުމުގެ ކުރިންނެވެ. ޑްރޯން ހަމަލާއައީ ރަޝިއާއިން ކަން ޔަގީންވާ ކަމަށް ވެސް މޯލްޑޯވާގެ ސަރުކާރު ބުނެއެވެ. ނަމަވެސް ޑްރޯން ހަމަލާ ޒެލެންސްކީގެ ބޯޓާ ކައިރިއަށް ވާސިލްވީ ކިހާ މިންވަރަކަށްކަން މޯލްޑޯވާގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ޔުކްރެއިންގެ ރިޔާސަތުން ރަސްމީ ސިފައެއްގައި މިކަން ހާމަކޮށްފައިނުވި ނަމަވެސް ޔުކްރެއިންގެ ނޫސްތަކުގައި ވަނީ މި ޚަބަރު ޝާއިއުކޮށްފައެވެ. ނޯވޭގެ ބޮޑުވަޒީރު ސްޓޫރޭ ވިދާޅުވި ގޮތުގައި މި މައުލޫމާތު ހާމަ ކުރުމުގެ ބޭނުމަކީ ޒެލެންސްކީގެ ފުރާނައަށް ކުރިމަތިވެފައިވާ ނުރައްކާތައް ހާމަކޮށް ޒެލެންސްކީ ދިރިއުޅުއްވަން ޖެހިފައިވާ ދަތި އުދަނގޫ ހާލަތު ދުނިޔެއަށް އަންގައި ދިނުމެވެ.
ރަޝިއާ ޔުކްރެއިންއަށް ދިން މިސައިލް ހަމަލާތަކެއް ޔޫކްރެއިންއާއި މޯލްޑޯވާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިއަށް އިއްޔެވަނީ އަރައިފައެވެ. ރަޝިއާގެ އިތުރު ހަމަލާތަކެއް ޔުކްރެއިންގެ އިތުރު ސަރަހައްދުތަކަށް ވެސް އިއްޔެ އަމާޒުކުރިއެވެ. މި ހަމަލާތަކުގައި އަށް މީހަކު މަރުވިކަމަށް ޔުކްރެއިނުން ބުނެފައިވެއެވެ.
ނޯވޭގެ ރަސްގެފާނު ހެރޮލްޑްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ޒެލެންސްކީ ނޯވޭއަށް ކުރެއްވި ދަތުރުފުޅުގައި ޒެލެންސްކީވަނީ ޔޫރަޕްގެ ގައުމުތަކުގައި މިސައިލުން ދިފާއުވުމާބެހޭ ނިޒާމެއް ތަރައްގީ ކުރުމާބެހޭގޮތުން ޔޫރަޕްގެ އަސްކަރީ އުފެއްދުންތަކާއި ހަތިޔާރުގެ ސިނާއަތާބެހޭ ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ހިމެނޭ މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންފައެވެ. މި ބައްދަލުވުން އިންތިޒާމުކުރީ ނޯވޭގެ ސަރުކާރުންނެވެ.