މިހާތަނަށް އެންމެ ހޫނު ގަދަ މަހަކަށް މިދިޔަ އޯގަސްޓު މަސް

ހޫނު ގަދަ ދުވަހެއްގައި ކުޑަކުއްޖަކު ގަޔަށް ފެން އަޅަނީ: މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ހޫނު ގަދަ މަހަކީ މިދިޔަ އޯގަސްޓު މަސް -- ފޮޓޯ/ ގެޓީ

މޫސުމާ ބެހޭ މައުލޫމާތު އެއްކުރަން ފެށި ފަހުން މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ހޫނު ގަދަ މަހަކީ މިދިޔަ އޯގަސްޓު މަސް ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

މޫސުމާ ގުޅޭ މައުލޫމާތު އާންމުކުރާ، ޔޫރަޕިއަން ޔޫނިއަންގެ ކޮޕާނިކަސް ކްލައިމެޓް ޗޭންޖް ސާވިސްއިން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މިދިޔަ މަހު ދުނިޔޭގެ އެވަރެޖް ސާފެސް އެޔާ ޓެމްޕަރޭޗާ 16.96 ޑިގްރީ ސެލްސިއަސްއަށް އެރިއެވެ. އެއާ އަޅައިބަލާއިރު، މީގެ ކުރިން އެ ރެކޯޑް އޮތް މަސް ކަމަށްވާ، 2023 ވަނަ އަހަރުގެ ޖުލައި މަހު ފިނިހޫނުމިން އެރީ 16.95 ޑިގްރީ ސެލްސިއަސްއަށެވެ.

މޫސުމާ ބެހޭ އިދާރާތަކުން ވަނީ، ހުޅަނގު ޔޫރަޕްގެ ހޫނު މޫސުން މިދިޔަ ޖޫން މަހުން އޯގަސްޓު މަހަށް ދެމިގެންދިޔައިރު، މިދިޔަ މެއި މަހުގެ ފަހުކޮޅުން ފެށިގެން އެ ސަރަހައްދަށް އިންތިހާއަށް ހޫނުވިކަން ފާހަގަކޮށްފައެވެ. އެއާއެކު، މިދިޔަ ހޫނު މޫސުމަކީ އެ ސަރަހައްދުން މިހާތަނަށް ތަޖުރިބާކުރި އެންމެ ހޫނުގަދަ މޫސުން ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ހޫނުގަދަ ދުވަހެއްގައި ބަޔަކު މަގުމަތީގައި: މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ހޫނު ގަދަ މަހަކީ މިދިޔަ އޯގަސްޓު މަސް -- ފޮޓޯ/ ގެޓީ

މީގެ އިތުރުން، ކަނޑުތަކުގެ ފިނިހޫނުމިން ވެސް ވަނީ ރެކޯޑު މިންވަރަކަށް މަތިވެފައެވެ. އެގޮތުން އެލް ނީނޯގެ އަސަރުތައް ތަޖުރިބާ ކުރަމުން އަންނައިރު، މިދިޔަ މަހުގެ ތެރޭގައި ކަނޑުތަކުގެ އެވަރެޖް ސާފެސް ޓެމްޕަރޭޗާ 21.1 ޑިގްރީ ސެލްސިއަސްއަށް އަރައިފައިވެއެވެ. އެއީ ވެސް މިހާތަނަށް ރެކޯޑު ކުރި އެފަދަ އެންމެ މަތީ ފިނިހޫނުމިނެވެ.

މޫސުމާ ބެހޭ އިދާރާތަކުން ވަނީ އެހާ ބޮޑަށް ހޫނުވެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން، އެލް ނީނޯގެ ސަބަބުން ކަމަށް ބުނެފައެވެ.

އެލް ނީނޯއަކީ ކަނޑުގެ ލޮނުގަނޑު އާދަޔާ ޚިލާފަށް ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލެކެވެ. އެއީ މެދުތެރޭ އަދި އިރުމަތީ ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އުފެދޭ ހާލަތެކެވެ. އެ ހާލަތު ކުރިމަތިވަނީ އެކި އަހަރުތަކުގައި ކަމަށްވާއިރު، މިހާރު ފެށިފައިވާ އެލް ނީނޯގެ އަސަރު އަންނަ ފެބުރުވަރީ މަހުގެ ނިޔަލަށް ދެމިގެންދާނެ ކަމަށް މޫސުން ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް