މިއީ ހޫނުގަދަ ދުވަސްތަކެއް ކަމުން، ގަދަ ހޫނުން ރައްކާތެރިވެ، ސިއްހަތަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ލަފާދީފިއެވެ.
މިދިޔަ މަހުގެ ފަހުކޮޅު މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ، އެލްނީނޯގެ ބާރު ގަދަވަމުން އަންނަ ކަމަށާއި އެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެފައެވެ. އެލްނީނޯއަކީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގައި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކަށް ކިޔާ ނަމެކެވެ.
މެޓް އޮފީހުން މިއަދު "ސަން"އަށް މައުލޫމާތު ދެމުން ވަނީ، އެލް ނީނޯއާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވެފައި ވުމުން، ރާއްޖޭގައި ވެސް ފިނިހޫނުމިން އާންމުކޮށް ހުންވަރަވަށް ވުރެ މަތީގައި ހުންނަ ކަމަށް ބުނެފައެވެ.
އެ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މިއަދު 12:00 ޖެހިއިރު އެންމެ ހޫނު ގަދަވި ގަޑީގައި މާލެ ސަރަހައްދުގެ އިހުސާސް ކުރެވޭ ފިނިހޫނުމިން ވަނީ 33 ޑިގްރީއަށް އަރައިފައެވެ.
https://twitter.com/HPA_MV/status/2097248172192239785
އެޗްޕީއޭއިން އާންމުކުރި އިލްތިމާސުގައި ވަނީ، ހޫނުގަދަވުމުގެ ސަބަބުން ލޮލަށް އުނދަގޫވުމާއި ވަރުބަލި ވުމާއި، މާ ބޮޑަށް ދާހިއްލައި ހަށިގަނޑުން މާ ގިނައިން ފެން ބެރުވުމާއި، ބޯއެނބުރުމާއި ހިރުވުން ފަދަ މައްސަލަތައް ދިމާވާކަން ފާހަގަކޮށްފައެވެ. އަދި ހީޓް ސްޓްރޯކް އާއި ހޭނެތުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ ވަގުތުން ސިއްހީ އެހީތެރިކަން ހޯދުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ހިތާއި ފުއްޕާމެއާއި ގުރުދާގެ ބަލިތައް ހުންނަ މީހުންގެ ހާލަތު ގޯސްވާ ކަމަށް ލަފާ ކުރެވޭނަމަ ވެސް، ވަގުތުން ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.
ހީޓް ސްޓްރޯކަކީ ހޫނުގަދަވުމުގެ ސަބަބުން ދިމާވާ އެންމެ ނުރައްކާތެރި ޞިއްޙީ މައްސަލައެވެ. މިއީ ހަށިގަނޑުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް (104 ޑިގްރީ ފެރެންހައިޓް) އަށް ނުވަތަ އެއަށްވުރެ މައްޗަށް ގޮސް، ހަށިގަނޑު އަމިއްލައަށް ފިނިކުރުމުގެ ބާރު ކެނޑުމުން ދިމާވާ ޙާލަތެކެވެ. މިއީ ވަގުތުން ފަރުވާ ބޭނުންވާ މެޑިކަލް އިމަޖެންސީއެކެވެ.
ހީޓް ސްޓްރޯކްގެ އަލާމާތްތަކުގެ ތެރޭގައި، ހަށިގަނޑުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވުމާއި، ހަންގަނޑު ރަތްވެ ހޫނުވުން ހިމެނެއެވެ. އަދި ހިތުގެ ވިންދު އަވަސްވުމާއި ހޭނެތުން ފަދަ އަލާމާތްތައް ވެސް ފެނިދާނެއެވެ.
އެޗްޕީއޭއިން ވަނީ އެފަދަ އަލާމާތްތައް ފެންނަ ނަމަ އެ މީހަކު ހިޔާ ތަނަކަށް ނުވަތަ އޭސީކޮށްފައިވާ ތަނަކަށް ގެންދިޔުމަށް އިލްތިމާސްކޮށްފައެވެ. އަދި އެމާޖެންސީ ޚިދުމަތްތަކަށް ގުޅައި އަވަސް ފަރުވާ ދެވޭނެ ގޮތެއް މަގުފަހިކޮށްދިނުމަށް ވެސް އެ އިދާރާއިން ހަނދާންކޮށްދެއެވެ.
މިދިޔަ އޯގަސްޓު މަހު ވެސް މެޓް އޮފީހުން ވަނީ މި ސެޕްޓެންބަރު މަސް ހިމެނޭ ގޮތަށް، ތިން މަސް ވަންދެން ރާއްޖޭގެ ހޫނުމިން ހުންނާނީ އާންމު މިންވަރަށް ވުރެ މަތީގައި ކަމަށް ލަފާކޮށްފައެވެ.