ސިއްޙީ އައު ފީޗާތަކާއެކު އެޕަލް ވޮޗް ސީރީޒް 12 އަދި އަލްޓްރާ 4 ނެރެފި

ގަޑިތަކާއެކު ސިއްޙީ ކަންކަމާއި ހަށިގަނޑުގެ ދުޅަހެޔޮކަން ވަޒަންކުރުމަށް މުޅިން އައު ސެންސިން ސިސްޓަމެއް ވަނީ ހިމަނާފައި ----

އެޕަލް ކުންފުނީގެ އެންމެ ފަހުގެ ސްމާޓް ވޮޗް މޮޑެލްތައް ކަމަށްވާ އެޕަލް ވޮޗް ސީރީޒް 12 އަދި އެޕަލް ވޮޗް އަލްޓްރާ 4 ރަސްމީކޮށް ނެރެފިއެވެ.

މި އައު ގަޑިތަކާއެކު ސިއްޙީ ކަންކަމާއި ހަށިގަނޑުގެ ދުޅަހެޔޮކަން ވަޒަންކުރުމަށް މުޅިން އައު ސެންސިން ސިސްޓަމެއް ތަޢާރަފުކޮށްފައިވެއެވެ.

އައު ސެންސިން ސިސްޓަމް ބިނާކޮށްފައި ވަނީ މައިގަނޑު ތިން ބަދަލެއްގެ މައްޗަށެވެ. އެއީ އީސީޖީ ރީޑިންތައް ނަގާއިރު ހަމުގައި ރަނގަޅަށް ޖެހިފައި ބެހެއްޓުމަށްޓަކައި އިލެކްޓްރޯޑްގެ ސަރަހައްދު ބޮޑުކުރުމާއި، އަލި ރަނގަޅަށް ދެނެގަތުމަށްޓަކައި ފޮޓޯޑައިއޯޑްތައް ރިންގެއްގެ ބައްޓަމަށް އެތުރުމުގެ އިތުރުން ހަރަކާތްތެރިވެ އުޅޭ ވަގުތުތަކުގައި ވެސް ސައްޙަ މިންވަރެއް ދެނެގަތުމަށް ބޮޑެތި އަދި ހަކަތަ މަދުން ބޭނުންވާ ފެހި ލެޑް ހިމެނުމެވެ.

އެޕަލްއިން ބުނި ގޮތުގައި މިއީ މިހާތަނަށް ސްމާޓްވޮޗެއްގައި އެކުލަވާލެވުނު އެންމެ ސައްޙަ ހާޓް ރޭޓް ސެންސިން ނިޒާމެވެ.

މި އައު ނިޒާމުގެ އެހީގައި ކޮންމެ ފަސް ސިކުންތަކުން އެއްފަހަރު މެދުކެނޑުމެއްނެތި ހިތުގެ ވިންދުގެ މަޢުލޫމާތު ރެކޯޑުކުރެއެވެ. މިއީ ކުރީގެ މޮޑެލްތަކަށްވުރެ 60 ގުނަ އަވަސް މިންވަރެކެވެ. އަދި ހާޓް ރޭޓް ވެރިއަބިލިޓީ (އެޗްއާރުވީ) ކޮންމެ ފަސް މިނެޓަކުން ބަލައިދޭއިރު، މިއީ ކުރިއަށްވުރެ 24 ގުނަ އަވަސް މިންވަރެކެވެ. މި މަޢުލޫމާތުތައް އަޕްޑޭޓްކޮށްފައިވާ ހާޓް ރޭޓް އެޕުންނާއި ވޮޗް ފޭސް ކޮމްޕްލިކޭޝަންތަކުން ވަގުތުން ބަލައިލެވޭނެއެވެ.

މި އައު ވޮޗްތަކުގައި ހިމަނާފައިވަނީ އެސް11 ޗިޕް ---

މީގެ އިތުރުން ހަށިގަނޑުގެ ހަކަތައާއި ތައްޔާރީ މިންވަރު ދެނެގަތުމަށް "ރެޑިނަސް"ގެ ނަމުގައި އައު ފީޗާއެއް ވަނީ ތަޢާރަފުކޮށްފައެވެ. ކޮންމެ ދުވަހަކު ހެނދުނު ނިދުމާއި ހަށިގަނޑުގެ މުހިންމު ނިޝާންތަކާއި ދުވަހުގެ ހަރަކާތްތައް ދިރާސާކުރުމަށްފަހު، އެ ދުވަހަކު ހަށިގަނޑަށް ބާރުބޮޑު މަސައްކަތްތައް ކުރެވިދާނެ މިންވަރު ބުނެދޭ ސްކޯއެއް ދައްކައިދޭނެއެވެ.

މި އަހަރުގެ ފަހުކޮޅު ނެރޭ ހެލްތު އެޕްގެ އައު ޑިޒައިނާއެކު، އުމުރާ އަޅާބަލާއިރު ސިއްޙަތު ހުރި މިންވަރު ދައްކައިދޭ "ހެލްތު އޭޖް" އާއި ދުޅަހެޔޮކަން ވަޒަންކުރާ "ލޮންޖެވިޓީ" ޓެބެއްގެ އިތުރުން ފޯނުގެ ކެމެރާ ބޭނުންކޮށްގެން ހަދާ އައު ވީއޯ2 މެކްސް ޓެސްޓެއްވެސް ލިބިގެންދާނެއެވެ.

މި އައު ވޮޗްތަކުގައި ހިމަނާފައި ވަނީ އެސް11 ޗިޕެވެ. މި ޗިޕުގެ އެހީގައި އަޑުތައް ދެނެގަނެ ޕްރޮސެސްކުރާ "އޯޑިއޯ އިންޓެލިޖެންސް" ވަސީލަތްތައް މަސައްކަތްކުރެއެވެ. އޭގެ ތެރޭގައި އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން އެލާމް، ބެލް އަދި ކުޑަކުދިން ރޯ އަޑު ދެނެގަތުމާއި، ދައްކާ ވާހަކަތައް އަޑުއަހައި މުހިންމު ޕޮއިންޓްތަކުގެ ޚުލާސާއެއް އެކުލަވާލައިދޭ "ސިރީ ރީކެޕް" އަދި ވޭތުވެދިޔަ 15 ސިކުންތުގެ ވާހަކަ އަލުން ޓެކްސްޓަށް ބަދަލުކޮށްދޭ "ލައިވް ރީވައިންޑް" ހިމެނެއެވެ. މި ފީޗާތަކުގައި ޒާތީ މަޢުލޫމާތުގެ ރައްކާތެރިކަން ހިފެހެއްޓުމަށްޓަކައި އެއްވެސް އޯޑިއޯ ރެކޯޑިންއެއް ރައްކާނުކުރާނެ ކަމަށް އެޕަލްއިން ބުނެއެވެ.

އެޕަލް ވޮޗް ސީރީޒް 12 ގެ އެލްމިނިއަމް ކޭސްތަކުގައި ސެރަމިކް ޝީލްޑް ބޭނުންކޮށްގެން ސްކްރީން ވަނީ ކުރިއަށްވުރެ 60 އިންސައްތަ ވަރުގަދަކޮށްފައެވެ. މި މޮޑެލް ސްޕޭސް ގްރޭ، ކަޅު، ލައިޓް ގޯލްޑް، ޑާކް ބްރޮންޒް، ޓައިޓޭނިއަމް ފިނިޝިން އަދި ސެރަމިކް މޮޑެލްތަކުގައި ލިބެން ހުންނާނެއެވެ.

އެޕަލް ވޮޗް އަލްޓްރާ 4 ގައި ބޮޑު ބެޓެރިއަކާއެކު އާދައިގެ ބޭނުންތަކުގައި 2 ދުވަހުގެ ބެޓެރީ ލައިފް ލިބެއެވެ. އަދި ޖީޕީއެސް އާއި ވޯކްއައުޓް ޓްރެކިންއާއެކު 18 ގަޑިއިރު، އަދި އެކްސްޓެންޑެޑް ވޯކްއައުޓް މޯޑުގައި 45 ގަޑިއިރު ބޭނުންކުރެވެއެވެ. މި މޮޑެލް ލިބެން ހުންނާނީ ކަޅު އަދި ނެޗުރަލް ޓައިޓޭނިއަމް ކުލައިގައެވެ.

އެޕަލް ވޮޗް ސީރީޒް 12 ގެ އަގު ފެށެނީ 399 ޑޮލަރުންނެވެ. އަދި އެޕަލް ވޮޗް އަލްޓްރާ 4 ގެ އަގު ފެށެނީ 799 ޑޮލަރުންނެވެ. މި ދެ މޮޑެލްގެ ޕްރީ-އޯޑަރު މިހާރު ފެށިފައިވާއިރު، ރަސްމީކޮށް ވިއްކަން ފަށާނީ ސެޕްޓެމްބަރު 18 ގައެވެ.

comment ކޮމެންޓް