އޭއައި ކުރިއަރަމުން އަންނައިރު އިންސާނުންނަށް ޚާއްސަ ވަޒީފާތައް ކަނޑައަޅަންޖެހޭ: ބިލް ގޭޓްސް

މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް ---

ދުނިޔެއަށް ކުރިމަތިވަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އިންގިލާބާއެކު އަންނަ ބަދަލުތަކުގައި، އިންސާނުން އަދާކުރާ ބައެއް ވަޒީފާތަކަކީ ހަމައެކަނި އިންސާނުންނަށް ޚާއްޞަ ވަޒީފާތަކެއްގެ ގޮތުގައި ރައްކާތެރިކޮށް ކަނޑައަޅަންޖެހޭ ކަމަށް މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް ވިދާޅުވެއްޖެއެވެ.

އޭނާގެ އަމިއްލަ ބްލޮގް ކަމަށްވާ ގޭޓްސްނޯޓްސްގައި ޝާއިއުކުރި ތަފްސީލީ މަޒުމޫނެއްގައާއި ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ގޭޓްސް ފާހަގަކުރެއްވި ގޮތުގައި، އޭއައި އަދި ރޮބޮޓިކްސްގެ ސަބަބުން ވަޒީފާގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުން އަންނައިރު، މެޝިނުތަކަށް ދޫކޮށްނުލައި އިންސާނުންނަށް ރިޒާވްކުރާ ވަކި ދާއިރާތަކެއް ނުވަތަ "ހިއުމަން ރިޒާވްޑް" ވަޒީފާތަކެއް ކަނޑައަޅަންޖެހެއެވެ. އެގޮތުން ޚާއްޞަކޮށް ބަލިމީހުންނާއި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމާއި، އޯގާތެރިކަމާއި އިންސާނީ އިހުސާސްތައް އެކުލެވޭ މަސައްކަތްތައް ރޮބޮޓުތަކަށް ބަދަލުކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/190884

އޭނާގެ ބައްޕަ އަލްޒައިމާސް ބަލީގައި ނިޔާވުމުގެ ކުރިން، ބައްޕަ ބެލެހެއްޓި އެހީތެރިންގެ ފަރާތުން ފެނުނު އިންސާނީ ޚިދުމަތަކީ އެއްވެސް މެޝިނަކަށް ނުވަތަ ރޮބޮޓަކަށް ފޯރުކޮށްދެވޭނެ އެއްޗެއް ނޫންކަން ފާހަގަކުރައްވަމުން ގޭޓްސް ވިދާޅުވީ، ވާހަކަދައްކަން އުނދަގޫވެ ބަނޑުހައިވާކަން ބުނެދޭން ނޭނގޭ ހާލަތުގައިވެސް އެހީތެރިން އެކަންކަން ދެނެގަތް ގޮތަކީ ރޮބޮޓަކަށް ދުވަހަކުވެސް ބަދަލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ޚަބަރު ބަލިމީހަކަށް ދިނުމާއި، ކުޑަކުދިންގެ ތައުލީމާއި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާތަކުގައި އިންސާނީ ގުޅުމާއި އިހުސާސްތަކުގެ ދައުރު ނުހަނު ބޮޑުކަމަށްވެސް އޭނާ ބަޔާންކުރެއްވިއެވެ.

އޭއައިގެ ޒަމާނަށް ދުނިޔެ ވަންނަމުންދާއިރު ސަރުކާރުތަކުންނާއި މުޖުތަމައުތަކުން މި ބަދަލަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވަމުން ނުދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ގޭޓްސް ވިދާޅުވީ، ކުރީގެ ޓެކްނޮލޮޖީތަކާ ޚިލާފަށް އޭއައިއަކީ އިންސާނާގެ ވިސްނުމާއި ފިކުރުގެ ބަދަލުގައި މަސައްކަތްކުރާ އެއްޗަކަށް ވާތީ، ވަޒީފާތައް ގެއްލޭ މިންވަރު މާ އަވަސްވެފައި ފުޅާވާނެ ކަމަށެވެ. ޚާއްޞަކޮށް ވައިޓް ކޮލާ ވަޒީފާތަކާއި ކަސްޓަމާ ސާވިސް، ސޮފްޓްވެއާ އިންޖިނިއަރިން، އަދި ޑޭޓާ އެނަލިސިސް ފަދަ ދާއިރާތަކުގެ އިތުރުން ކުރިމަގުގައި ކޮންސްޓްރަކްޝަން ފަދަ ފިޒިކަލް މަސައްކަތްތަކަށްވެސް ރޮބޮޓިކްސްގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިފަދަ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ހަރުދަނާ އޮނިގަނޑުތަކެއް ހަދަންޖެހޭ ކަމަށާއި، އދ. ގެ ނިއުކްލިއާ އެނާޖީ އެޖެންސީ ފަދަ ބައިނަލްއަޤްވާމީ އިދާރާއެއް އޭއައި ރެގިއުލޭޓް ކުރުމަށް އުފައްދަންޖެހޭ ކަމަށް ގޭޓްސް ހުށަހެޅުއްވިއެވެ. އަދި އޭއައި ޓޯކަންތަކާއި ރޮބޮޓުތަކުން ޓެކްސް ނަގައިގެން، ވަޒީފާ ގެއްލޭ މީހުންނަށް އަލުން ތަމްރީނު ދިނުމަށާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ފައިސާ ހޯދިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭއައިގެ ސަބަބުން ސައިބާ ހަމަލާތަކާއި، ބަޔޯޓެރަރިޒަމްގެ ނުރައްކާތަކާއި، އަދި ކުޑަކުދިން ވާޗުއަލް އެކުވެރިންނަށް މާބޮޑަށް ބަރޯސާވެ އިޖުތިމާއީ ހުނަރުތައް ދަށްވުމުގެ ބިރު އޮތް ނަމަވެސް، މި ޓެކްނޮލޮޖީގެ ރަނގަޅު ބޭނުން ހިފައިފިނަމަ ސިއްހީ ދާއިރާއާއި ދަނޑުވެރިކަން އަދި ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެވިދާނެ ކަމަށް ގޭޓްސް ވިދާޅުވިއެވެ.

ޚާއްޞަކޮށް ފަގީރު ގައުމުތަކުގައި ޑޮކްޓަރުން މަދުވުމުގެ މައްސަލަ ހައްލުކުރުމަށާއި ކުޑަކުދިން މަރުވާ ނިސްބަތް ދަށްކުރުމަށް އޭއައި ބޭނުންކުރުމަށް ގޭޓްސް ފައުންޑޭޝަނުން އިސްކަންދޭނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

comment ކޮމެންޓް