އިންސްޓަގްރާމްގައި 80 އަދި 90ގެ އަހަރުތަކުގެ ޓްރެންޑްތައް އިންތިހާއަށް މަގުބޫލުވަނީ

1980 އަދި 1990ގެ އަހަރުތަކުގެ ފެޝަނާއި، މިއުޒިކް އަދި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ޓްރެންޑްތަކަށް ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް އަންނަނީ ލިބެމުން--ފޮޓޯ/ޕިންޓްރެސްޓް

މިއަދުގެ ސޯޝަލް މީޑިއާގައި، ޚާއްޞަކޮށް އިންސްޓަގްރާމްގައި މިހާރު އެންމެ ބޮޑު މަޤްބޫލުކަމެއް ހޯދަމުން އަންނަނީ 1980 އަދި 1990ގެ އަހަރުތަކުގެ ފެޝަނާއި، މިއުޒިކް އަދި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ޓްރެންޑްތަކެވެ.

މާޒީގެ ފޮނި ހަނދާންތައް އާކުރުމުގެ ގޮތުން ފެށިގެން އައި މި ޓްރެންޑާއެކު، ޒުވާނުންނާއި ޖެން-ޒީގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް މިކަމަށް އަންނަނީ ލިބެމުންނެވެ. މަގުބޫލު "ރެޓްރޯ" ސްޓައިލްތައް އަލުން ވައިގައި ހިފާފައިވާއިރު، އޭގެ ތެރޭގައި ފާހަގަކޮށްލެވެނީ، ފުޅާކޮށް ހުންނަ ޖީންސާއި، ޒަމާންވީ ވިންޓޭޖް ޑެނިމް ޖެކެޓްތަކާއި، 80ގެ އަހަރުތަކުގެ ފްލޮރެސެންޓް (ނިއޯން) ކުލަތަކާއި، ބޮޑެތި ޑިޒައިންތަކުގެ ހެދުންތައް އަދި ކްލާސިކް އަވިއައިނާއި، ބޮޑެތި ހެޑްބޭންޑްތަކުގެ އިތުރުން މެޓަލް ޗޭނުތަކެވެ.

އިންސްޓަގްރާމް ރީލްސްތަކުގައި މިހާރު އެންމެ ގިނައިން އަޑުއިވެނީ 80 އަދި 90ގެ އަހަރުތަކުގެ މަޝްހޫރު ލަވަތައް--ފޮޓޯ/ޕިންޓްރެސްޓް

އިންސްޓަގްރާމް ރީލްސް އަދި ފޮޓޯތަކުގައި 80 އާއި 90ގެ "އެނަލޮގް" ނުވަތަ "ވީއެޗްއެސް ކެމެރާ" ލޫކް ދައްކުވައިދޭ ފިލްޓަރުތައް ބޭނުންކުރުން އާއްމުވެފައިވާއިރު އިންސްޓަގްރާމް ހުޅުވާލުމާ އެކު 80އިގެ އަހަރުތަކުގެ އުޅެވޭކަމުގެ އިހުސާސްކުރެވޭ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް، 90ގެ އަހަރުތަކުގެ ފޮޓޯތަކުގެ ސިފަ ގެނެސްދޭ ޓްރެންޑަށްވެސް ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.

އިންސްޓަގްރާމް ރީލްސްތަކުގައި މިހާރު އެންމެ ގިނައިން އަޑުއިވެނީ 80 އަދި 90ގެ އަހަރުތަކުގެ މަޝްހޫރު ލަވަތަކެވެ. އަދި އެ ދުވަސްވަރުގެ މަޤްބޫލު ސިންތް-ޕޮޕް އާއި ކްލާސިކް ހިޕް-ހޮޕް މިއުޒިކް ޒަމާނީ ގޮތަށް ރީމިކްސްކޮށްގެން ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ.

މި ޓްރެންޑުގެ ސަބަބުން، އެ ދުވަސްވަރު ތަޖުރިބާކޮށްފައިވާ ދޮށީ އުމުރުގެ މީހުންގެ މާޒީގެ ހަނދާންތައް އާވެގެންދާއިރު، އައު ތަޖުރިބާއެއްގެ ގޮތުގައި ޒުވާނުންވެސް އަންނަނީ މި ކަންކަން ވަރަށް ޝައުޤުވެރިކަމާއެކު ބަލައިގަންނަމުންނެވެ.

comment ކޮމެންޓް