ސުލްހަ ގާއިމް ކުރުމުގައި އދ. އަށް އޮތް އިތުބާރާއި ޔަގީންކަން ވަނީ ގެއްލިފައި: ގުތެރެޝް

އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް --

ނިޔުޔޯކް (9 ސެޕްޓެމްބަރު 2026): ދެވަނަ ބޮޑު ހަނގުރާމައަށްފަހު އުފެދުނު ބައިނަލްއަގްވާމީ ނިޒާމަށް އޮތް އިތުބާރު މިހާރަށްވުރެ ބޮޑަށް ގެއްލިފައިވާ ދުވަސްވަރެއް ކައިރި މުސްތަގްބަލެއްގައި ފެނިފައިނުވާކަން ބަޔާންކުރައްވަމުން މިގޮންޖެހުންތަކާއެކު ދުނިޔޭގެ އަމަނާއި ސުލްހަ ކަށަވަރުކޮށް ދިނުމުގައި އދ. އަށް އޮތް އިތުބާރު މިހާރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގެ 81 ވަނަ ދައުރު ސެޝަންތައް ފެށުމަށްޓަކައި އދ. ގެ މައި މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގުތެރޭޝް ވިދާޅުވީ ދުނިޔޭގެ ނިޒާމަށް އޮތް އިތުބާރު މިހާރު ގެއްލިފައިވާއިރު އެ އިތުބާރު އަލުން ހޯދުމަކީ ބޮޑު ގޮންޖެހުމެކެވެ. ގުތެރޭޝް ގެ ވާހަކަފުޅުގައި ދުނިޔޭގެ ބޮޑެތި ބައެއް ބާރުތައް އދ. ގެ އޮނިގަނޑުން ބޭރުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަމުންދާ ކަމަށް ނުސީދާ ގޮތެއްގައި އިޝާރާތްކުރެއްވިއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އަމަނާއި ސުލްހަ ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިވާކަން ވެސް ނުސީދާ ގޮތެއްގައި ފާހަގަ ކުރެއްވިއެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގެ 81 ވަނަ ދައުރުގެ ޝިއާރަކީ "އިތުބާރު އަލުން ހޯދުން، ބަދަލުތައް މެނޭޖުކުރުން، އެންމެންނަށް ނަތީޖާ ނެރެދޭ ނިޒާމަކަށް އދ. ހެދުން" މި ޝިއާރެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގެ މި އައު ދައުރުގެ ރައީސްއަކީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލް އައްރަހްމާނެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގެ 81 ވަނަ ދައުރު އިފްތިތާހު ކުރުމުގެ ގޮތުން ބޭއްވި މިޖަލްސާގައި ޑރ. ޚަލީލް އައްރަހްމާން ވެސް ވާހަކަ ދެއްކެވިއެވެ.

ޚަލީލުއްރަހްމާން

އޭނާ ވަނީ ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމަށް އދ. ގެ މެންބަރު ގައުމުތަކަށް ގޮވާލައްވާފައެވެ.

"އދ. އަށާއި ބައިނަލްއަގްވާމީ ނިޒާމަށް އޮތް އިތުބާރު އަލުން ހޯދުމަކީ މެންބަރު ގައުމުތަކުގެ އިސްކަން ދޭންޖެހޭ ކަމެއްކަމަށް ދެކެން،" އޭނާ ވިދާޅުވިއެވެ.

އދ. ގެ ހުއްދައަކާ ނުލައި ރަޝިއާ ޔުކްރެއިން އާ ދެކޮޅަށް އަދި އެމެރިކާ އީރާން އާ ދެކޮޅަށް އުދުވާނީ ހަނގުރާމަތަކެއް ވަނީ ފަށާފައެވެ. މި ދެ ހަނގުރާމައިގެ އިތުރުން އެމެރިކާއާއި ޔޫރަޕްގެ އެހީތެރިކަމާއެކު ޔަހޫދީ އިސްރާއީލުން ގެންދަނީ ޣައްޒާގެ އާންމުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ. މީގެއިތުރުން ޔަހޫދީ އިސްރާއީލު ގެންދަނީ ލުބްނާންއާ ދެކޮޅަށް ވެސް އުދުވާނީ ލާއިންސާނީ ހަނގުރާމައެއް ކުރަމުންނެވެ. އެމެރިކާއެކޭ އެއްގޮތަށް އިސްރާއީލަކީ ވެސް އދ. އަށް ގޮންޖަހައި ބައިނަލްއަގްވާމީ ނިޒާމަށް ނުރައްކާކޮށް ބައިނަލްއަގްވާމީ ގަވައިދާއި ގާނޫނަށް ގޮންޖަހަމުން ގެންދާ ނުކިޔަމަންތެރި އެންޓިޓީ އެއްގެ ގޮތުގައި ފާހަގަކުރެވޭ ޣައިރު ގާނޫނީ އެންޓިޓީއެކެވެ.

ހަނގުރާމަތަކުގެ އިތުރުން ރެފިއުޖީންގެ މައްސަލަތަކާއި ފަގީރުކަމާއި ހައިހޫނުކަމާއި މޫސުމީ މައްސަލަތަކާ އަދި ކުރިއަރަމުންދާ އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ދުނިޔޭގެ އަމަނާއި ސަލާމަތަށްވަނީ ނުރައްކާވެފައެވެ. އދ. އާއި ބައިނަލްއަގްވާމީ ނިޒާމަށް އޮތް އިތުބާރު މިހާރު ގެއްލިފައިވީނަމަވެސް ދެވަނަ ބޮޑުހަނގުރާމައަށްފަހު މިވީ 80 ވަރަކަށް އަހަރުތެރޭގައި އދ. ން އަދާކުރި ދައުރަކީ ކާމިޔާބު ދައުރެއްކަން ޖެނެރަލް އެސެމްބްލީގެ މި ދައުރުގެ ރައީސް ޑރ. ޚަލީލް އައްރަހްމާން އާއި އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ފާހަގަ ކުރެއްވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު