އުތުރު ކޮރެއާގެ އައިޓީ މަސައްކަތްތެރިންގެ ކްރިޕްޓޯ ފައިސާތަކެއް ހިފަހައްޓަން އަމުރުކޮށްފި

އުތުރު ކޮރެއާގެ އައިޓީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރައާ ގުޅިފައިވާ ސްޓޭބަލްކޮއިންގެ ގޮތުގައި ހުރި ގާތްގަނޑަކަށް 212,700 ޑޮލަރު ދައުލަތަށް ނެގުމަށް އެމެރިކާގެ ފެޑެރަލް ކޯޓަކުން އަމުރުކޮށްފިއެވެ.

މި އަމުރަކީ ޖުމްލަ 7.74 މިލިއަން ޑޮލަރުގެ ޑިޖިޓަލް ކަރަންސީ އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބައެއް ކުރިއެރުމެކެވެ.

މި މައްސަލައިގައި އެމެރިކާގެ ޑިސްޓްރިކްޓް ޖަޖް ރުޑޮލްފް ކޮންޓްރެރަސް ނެރުއްވި އަމުރުގައި ވަނީ "0x81c4" އިން ފެށޭ އެނޮނިމަސް ކްރިޕްޓޯ ވޮލެޓެއްގައި ހުރި ފައިސާ އެމެރިކާގެ ސަރުކާރާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އެންކޭ ނިއުސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު ނިންމި މި ނިންމުމަކީ ޑީއޯޖޭގެ ޑިފޯލްޓް ޖަޖްމަންޓްގެ ހުށަހެޅުމަށް ބައެއް މިންވަރަށް ތާއީދުކޮށް، ނަމަވެސް މި މައްސަލައާ ގުޅުންހުރި އެހެން މުދާތައް ވަގުތުން ހިފެހެއްޓުމަށް ދެކޮޅު ހަދައި ނިންމާފައިވާ ނިންމުމެކެވެ.

https://sun.mv/226619

ޕްރޮސެކިއުޓަރުން ފާހަގަކުރި ގޮތުގައި މި ވޮލެޓުގައި މަދުވެގެން 10 ޕޭމަންޓް އެޑްރެހަކުން ޖަމާކޮށްފައިވާ 158,123 ޔޫއެސްޑީސީ އަދި އެހެން ހަތަރު މަސައްކަތްތެރިއެއްގެ އެޑްރެހުން ޖަމާކޮށްފައިވާ 54,574 ޔޫއެސްޑީޓީ ހިމެނެއެވެ. މިއީ އެމެރިކާ ޑޮލަރާ އަގު އެއްވަރުކޮށްފައިވާ ޖުމްލަ 212,700 ޑޮލަރުގެ އަގުހުރި ސްޓޭބަލްކޮއިންއެވެ.

އެމެރިކާ ސަރުކާރުން ބުނެފައިވަނީ މި ފައިސާއަކީ އުތުރު ކޮރެއާގެ ރައްޔިތުން އެމީހުންގެ އަސްލު ވަނަވަރާއި ތިބި ތަން ސިއްރުކޮށްގެން ބޭރު ގައުމުތަކުގައި އައިޓީ ވަޒީފާތައް އަދާކުރުމަށްފަހު، ކްރިޕްޓޯ ކަރަންސީ މެދުވެރިކޮށް އުތުރު ކޮރެއާއަށް ފޮނުވި ފައިސާ ކަމަށެވެ. މީގެ އިތުރުން 0x81c4 ވޮލެޓާއި މި ސްކީމާ ދެމެދު ގުޅުން އޮތްކަން ސާބިތުކޮށްދިނުމަށް ޕްރޮސެކިއުޓަރުން އެކަށީގެންވާ ތަފުސީލުތައް ހުށަހަޅާފައިވާ ކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ.

ކޯޓުން ނިންމާފައިވަނީ ސަރުކާރުން ހުށަހެޅި ތުހުމަތުތަކަކީ އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާސް އެކްޓާ ޚިލާފަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުގެ ފައިދާއަށް ބޭރު ކުންފުނިތަކާއެކު މުއާމަލާތްކޮށް ހިންގާފައިވާ ވަޔާ ފްރޯޑް އަދި މަނީ ލޯންޑަރިންގެ އަމަލުތަކެއް ކަމަށެވެ. އަދި ޑިފޯލްޓް ޖަޖްމަންޓެއް ދިނުމުގައި، ހިފަހައްޓާފައިވާ ފައިސާއަކީ މި ގަވާއިދާ ޚިލާފު އަމަލުތަކުން ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަށް ނިންމައި، ވޮލެޓުގައި ހުރި މުދާ އެމެރިކާ ސަރުކާރަށް ދިނުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގެ ކުރިން މިއަހަރުގެ އޭޕްރީލް މަހުވެސް އުތުރު ކޮރެއާގެ ހެކަރުންގެ ގްރޫޕަކުން އެމީހުންގެ އަސްލު ވަނަވަރު ސިއްރުކޮށްގެން ތަފާތު އައިޓީ ވަޒީފާތައް އަދާކޮށްގެން 3.5 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހޯދާފައިވާކަން ވަނީ ހާމަވެފައެވެ.

ބްލޮކްޗެއިން އިންވެސްޓިގޭޓަރު ޒެކްއެކްސްބީޓީ ހޯދި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި ގްރޫޕުން ދޮގު ވަނަވަރު ބޭނުންކޮށް، ގިނަ ކްރިޕްޓޯ ޕްރޮޖެކްޓްތަކެއް ހެކްކޮށް، މަހަކު ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު ހޯދުމުގެ އިތުރުން ގާނޫނީ ލިޔެކިޔުންތައް ފޯޖުކުރުމާއި ކްރިޕްޓޯ ފައިސާ އާދައިގެ ފައިސާއަށް ބަދަލުކުރުމުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ.

comment ކޮމެންޓް