ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތައް އެކުލަވާލި މި އެއްބަސްވުމުގެ ދަށުން، ސަރުކާރަށާއި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް، ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިން ފެސިލީޓީތައް ހަމަޖެއްސުމަށްވަނީ އެއްބަސްވެފައެވެ.
މި އަހަރުން ފެށިގެން 2031 އަށް ދެމިގެންދާ މި އެއްބަސްވުން ގާއިމުކުރީ، އައިޓީއެފްސީގެ ސީއީއޯ އިންޖިނިއަރު އަދީބު ޔޫސުފް އަލް-އާމާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަދި ރާއްޖެއިން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކަށް ކަނޑައަޅުއްވާފައިވާ ގަވަރުނަރު ހަސަން ޒަރީރެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި ފްރޭމްވޯކްގެ ދަށުން، ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ އިމްޕޯޓްކުރުމަށާއި، ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ޝަރުތު ހަމަވާ އަމިއްލަ ކުންފުނިތަކަށް ވެސް މި ޓްރޭޑް ފެސިލިޓީގެ ދަށުން ބޭންކުތައް މެދުވެރިކޮށް ފުރުސަތުތައް ހުޅުވޭނެއެވެ.
މީގެ އިތުރުން، ވިޔަފާރިއާ ގުޅުންހުރި ފަންނީ އެހީތެރިކަމާއި އިރުޝާދު ދިނުމާއި، ބައިނަލްއަގުވާމީ ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ވާސިލުކުރުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތައް ރާއްޖޭގެ ތަރައްގީގެ އަމާޒުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އައިޓީއެފްސީއާއެކު އެއްބަސްވުމުގައި ސޮއިކުރުން: 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީމިހަފްލާގައި ވާހަކަދައްކަވަމުން، މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވި ގޮތުގައި، އައިޓީއެފްސީ އުފެދުނީއްސުރެ ރާއްޖެއަށް ދެމުންދާ އެހީތެރިކަން ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްދިން އެހީތެރިކަން، މިހާރު ވަނީ ވިޔަފާރިއާއި ތަރައްގީގެ ދާއިރާތަކަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައި، މީގެ ތެރޭގައި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އިމްޕޯޓްކުރުމުގެ އިތުރުން، މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދޭ އެހީތެރިކަން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚާއްޞަކޮށް 2017 ވަނަ އަހަރުން ފެށިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ދެމުންދާ ޓްރޭޑް ފައިނޭންސް ފެސިލިޓީއަކީ މި ގުޅުމުގެ މުހިންމު ބައެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ފެސިލިޓީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި ގަތުމަށް ބޭނުންވާ ފައިސާ ހަމަޖެހި، ދައުލަތުގެ ވިޔަފާރި މުއާމަލާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އައިޓީއެފްސީގެ ސީއީއޯ ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމަކީ ގިނަ އަހަރުތަކެއްގެ ގާތް ގުޅުމުގެ ނަތީޖާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭންކުތަކާއި ޕްރައިވެޓް ސެކްޓަރާ އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.
މި އެއްބަސްވުމަކީ 2019 އިން 2024 އަށް އޮތް ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުން ނިމުމަކަށް އައުމާ ގުޅިގެން ސޮއިކުރި އެއްބަސްވުމެކެވެ. ނިމިދިޔަ އެއްބަސްވުމުގެ ދަށުން އައިޓީއެފްސީން 1.5 ބިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ކަނޑައެޅިކަމުގައިވިޔަސް، އޭގެ ތެރެއިން 1.7 ބިލިއަން ޑޮލަރު ވަނީ ބޭނުންކޮށްފައެވެ. ދެހާސް އަށްވަނަ އަހަރުން ފެށިގެން މިހާތަނަށް އެ އިދާރާއިން ވަނީ ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ.
އައިޓީއެފްސީއާއެކު އެއްބަސްވުމުގައި ސޮއިކުރުން: ދެހާސް އަށްވަނަ އަހަރުން ފެށިގެން މިހާތަނަށް އެ އިދާރާއިން ވަނީ ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީއައިޓީއެފްސީގެ ސީއީއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، މިނިސްޓަރު ޒަރީރާއި، މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރާ ބައްދަލުކުރައްވައި، އިގްތިސާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން އެސްޓީއޯގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ އިދާރާގެ ބައެއް ފެސިލިޓީތައް ވެސް ބައްލަވާލެއްވިއެވެ.
އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގްރޫޕްގެ މުއައްސަސާއެކެވެ. މި ކޯޕަރޭޝަން އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ގައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ފުޅާކޮށް، އޭގެ ޒަރީޢާއިން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އިޖުތިމާޢީ އަދި އިގުތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް އެހީތެރިވެދިނުމެވެ.
ޖަނަވަރީ 2008 ގައި މަސައްކަތް ފެށި މި މުއައްސަސާއިން މިހާތަނަށް އޯއައިސީގެ މެންބަރު ގައުމުތަކަށް 100 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިނޭންސިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިއާއެކު، އެ ކޯޕަރޭޝަން ވެފައިވަނީ މެންބަރު ގައުމުތަކުގެ ވިޔަފާރީގެ ބޭނުންތަކަށް ބޭނުންވާ ޙައްލުތައް ހޯދައިދޭ އެންމެ އިސް މުއައްސަސާއަށެވެ.
ރާއްޖެއަކީ އުފެއްދުންތެރިކަން ދަށް ގައުމެއް ކަމަށްވުމުން، ޒަރޫރީ ތަކެތި އެތެރެކުރުމަށް ވަނީ ވަރަށް ބޮޑަށް ބަރޯސާވެފައެވެ.