އަޔަލޭންޑް (6 ސެޕްޓެމްބަރު 2026) : ޣައްޒާގެ އާންމުން ބަންޑަށް ޖައްސައިގެން މެރުމަށް ޔަހޫދީ އިސްރާއީލުން އަޅާފައިވާ ލާއިންސާނީ ހިސާރުގެ ފިޔަވަޅުތައް ފޫއަޅުވާލައި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި އިސްރާއީލުގެ އަނިޔާވެރިކަމުގައި ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންގެންދާ ވޭންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްޓަކައި 'ފްރީޑަމް ފްލޮޓިއްލާ' ހަރަކާތުން އަނެއްކާ ވެސް މަސައްކަތް ފަށައިފިއެވެ.
މި ފްލޮޓިއްލާގައި ބައިވެރިވާ އުޅަނދުތައް އަންނަ އޮކްޓޫބަރު ތެރޭގައި ޣައްޒާއަށް ދިޔުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް މިކަން އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ. މި ދަތުރުގައި މިފަހަރުވެސް ގިނަ އުޅަނދުތަކެއް ބައިވެރިވާނެއެވެ.
މި ދަތުރުގައި ބައިވެރިވާ އުޅަނދެއްކަމަށްވާ 'ހަންޟަލާ 2' މިހާރު ވަނީ ޔޫރަޕްގެ ސްކެންޑިނޭވިޔާ ސަރަޙައްދުން ފުރައިފައެވެ. މިއުޅަނދު ޔޫރަޕްގެ އެތަށް ގައުމެއްގައި ބަނދަރުކުރާއިރު ބަނދަރުކުރާ ގައުމުތަކުގެ ވޮލަންޓިއަރުން މިދަތުރުގައި ބައިވެރިވާނެއެވެ. އަދި އެހީގެ ތަކެތިވެސް އުޅަނދަށް އަރުވާނެއެވެ.
މި ފްލޮޓިއްލާގައި ބައިވެރިވާ އެހެން އުޅަނދެއްކަމަށްވާ 'ކޭޓް' ވަނީ އިނގިރޭސިވިލާތުން ފުރައިފައެވެ. މިއުޅަނދު އަޔަލެންޑާއި ޖަރުމަނު އަދި ފަރަންސޭސިވިލާތަށާއި ޕޯޗުގަލް އަދި ސްޕެއިންއަށް ދާނެއެވެ.

ފްލޮޓިއްލާ ގެ އުޅަނދެއް
މގައުމުތަކުގެ ވޮލަންޓިއަރުން މިދަތުރުގައި ބައިވެރިވާނެއެވެ. މީގެތެރޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންނާއި، ނޫސްވެރިންގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުން ހިމެނޭނެއެވެ.
އިސްރާއީލުވަނީ މީގެކުރިން ޣައްޒާއަށް ދަތުރުކުރި މިފަދަ އިންސާނީ އެހީގެ އެތަށް އުޅަދަކަށް ހަމަލާދީ އޭގައި ތިބި އެއްބަޔަކު މަރައި އަނެއްބަޔަކު ހައްޔަރު އޭގައިބވާ އެހީގެ ތަކެތި ވަގަށް ނަގައި ކަނޑުފޭރުމުގެ ޖަރީމާތައް ހިންގާފައެވެ.
އިސްރާއީލުން މިހާރުވެސް ކޮންމެދުވަހަކު ޣައްޒާގެ އާންމުން ދިރިއުޅޭ ފޮތި ފޭލިގެތަކަށް ހަމަލާދީ ކުޑަކުދިންނާއި އަންހެނުން އަދި ފިރިހެނުން ޝަހީދު ކުރަމުން ގެންދެއެވެ. ޣައްޒާ އަދިވެސް އޮތީ ހައިހޫނުކަމުގައެވެ. ހައިހޫނުކަން ފިލާވަރާ ގާތަށްވެސް ކާބޯތަކެތި ވެއްދުމަށް އިސްރާއީލު ގެންދަނީ ހުރަސްއަޅަމުންނެވެ.
އަނެއްކޮޅުން ޣައްޒާގެ ރައްޔިތުން ބޯފެން ހޯދުމަށް ގަދައަވީގައި ކިޔޫޖެހިގެން އެތަށް ގަޑީއިރަކު ތިބެންޖެހެއެވެ. ބޯފެންކޮޅެއް ލިބިއްޖެނަމަ އެފެންކޮޅު ފޭލިގެއަށް ގެންދިޔުމަށް ޓަކައި ގަދައަވީގައި އެތަށް ކިލޯމީޓަރެއް ހިނގަންޖެހެއެވެ. މިކަމުގެ ސަބަބުން ކުޑަކުދިންނާއި މުސްކުޅިން އަނބުރައި ގަނެގެން މަގުތަކަށް ވެއްޓިފައިވާ މަންޒަރަކީ ޣައްޒާއިން ފެންނަ އާންމު މަންޒަރެކެވެ.
"ޔުނިސެފް" ބުނާ ގޮތުން ޣައްޒާގެ 80 އިންސައްތައަށް އަށްވުރެ ގިނަ މީހުންނަށް ސާފު ބޯފެން ލިބޭނެ ގޮތެއް ނެތެވެ. އިސްރާއީލުވަނީ ޣައްޒާގެ ގެދޮރުގެ 95 އިންސައްތަ ބިމާ ހަމަކޮށްލާފައެވެ. ނަރުދަމާއާއި ފެނުގެ ނިޒާމުވަނީ އެއްކޮށް ހަލާކުކޮށްލާފައެވެ.
ދާދިފަހުން އިސްރާއީލުވަނީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ރައްކާކުރާ ގުދަންތަކަށާއި ބޭސް ރައްކާކުރާ ތަންތަނަށްވެސް ބޮންއަޅައި ކާބޯތަކެއްޗާއި ބޭހުގެ ސްޓޮކް ނައްތާލާފައެވެ. އިސްރާއީލުގެ މިއަނިޔާވެރިކަން ހުއްޓުވުމަށް އިސްލާމީ ގައުމުތަކާއި އެނޫން ގައުމުތަކުންވެސް އަމަލީ ގޮތުން މަސައްކަތެއް ނުކުރާއިރު އިންސާނީ ހައްގުތަކުގެ ނަމުގައި ހުޅަނގުގެ އައިޑިއޮލޮޖީ ފަތުރާ ޔޫރަޕްގެ ގައުމުތަކުގެ ސަރުކާރުތަކާއި އެމެރިކާ ސަރުކާރުން ގެންދަނީ އިސްރާއީލުގެ ޖަރީމާތަކަށް އެހީތެރިވަމުންނެވެ.