ވޮޝިންޓަން (5 ސެޕްޓެމްބަރު 2026): އީރާނާ ދެކޮޅަށް އެމެރިކާ ފަށާފައިވާ ޣައިރު ގާނޫނީ ހަނގުރާމައިގައި ބައިވެރިވާ އެމެރިކާ ސިފައިންގެ ފޯނުތަކާއި އެމީހުން ބޭނުންކުރާ ކޮމްޕިއުޓަރުތަކުގައި ހުންނަ އިޝްތިހާރުތައް ޓްރެކްކުރާ ނިޒާމުތައް ބޭނުންނުކުރެވޭ ގޮތް ހަދާފައިވާކަން (ޑިސްއެބްލް ކޮށްގެން އުޅޭކަން) ހާމަވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން މިކަން ހާމަވީ އެމެރިކާގެ ކޮންގްރެސްގެ މެންބަރަކު ރޮއިޓާސްއަށް ދެއްވި ބަޔާނެއްގައި ދެއްކި ވާހަަކަތަކަކުންނާއި އޭނާގެ އީމެއިލްތަކެއްގައި ހިމަނާފައިވާ މައުލޫމާތުންނެވެ.
ޕެންޓަގަންއިން މިގޮތަށް ހެދީ އުރުދުންއާއި ގަލްފުގެ ގައުމުތަކުގައި ތިބޭ އެމެރިކާ ސިފައިން ތިބޭ ތަންތަން ދެނެގަނެ އެތަންތަނަށް އީރާން ހަމަލާދޭތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.
އީރާން މިހާރު ވަނީ އަރަބި ގައުމުތަކުގައި އެމެރިކާ ސިފައިން ސިއްރިޔާތުގައި ތިބޭ ތަންތަން ވެސް ދެނެގަނެ އެތަން ތަނަށް އިސްވެ (ޕްރީއެމްޕްޓިވްކޮށް) ހަމަލާދޭން ފަށާފައެވެ. އުރުދުންއާއި ޔޫއޭއީގައި އެމެރިކާ ސިފައިން ތިބޭ ސިއްރުތަނަކަށް ފާއިތުވި ދެ ދުވަހު ވަނީ އީރާނުގެ ކުއްލި ހަމަލާތަކެއް އަރާފައި ކަމަށާއި އެތަންތަންތަން އީރާން ދެނެގަތް ގޮތާމެދު އެމެރިކާ ހައިރާންވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ސިފައިންގެ ހަރަކާތްތަކާއި އެމެރިކާ ސިއްރިޔާތުގައި ހަތިޔާރު ރައްކާކޮށްފައިވާ ތަންތަން އީރާން ދެނެގަންނަނީ ރަޝިއާއާއި ޗައިނާގެ ސެޓަލައިޓްތަކުގެ އެހީގައެވެ. މީގެއިތުރުން މިތަންތަން ދެނެގަތުމުގައި ވިޔަފާރި އުސޫލުން ލިބެންހުންނަ ލޮކޭޝަން ޑޭޓާގެ ބޭނުންވެސް އީރާން ބޭނުންކުރަމުންދާ ކަމަށްވެއެވެ.
އެމެރިކާގެ ބައެއް މަޝްހޫރު ނޫސްތަކުގައި ވަނީ މިކަން ހާމަކޮށް ގިނަ ރިޕޯޓްތަކެއް ޝާއިއުކޮށްފައެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ މިކަން ސާފުކޮށްދިނުމަށް ދެކޮޅު ހަދައި މިކަން ސިއްރުކުރަން މަސައްކަތް ކޮށްފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ މިކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ދިނުމަށް އިންކާރުކޮށްފައެވެ.
އެމެރިކާގެ ނޫސްތަކުން ލީކުކޮށްލާފައިވާ ޖާސޫސީ ރިޕޯޓެއް ބުނާގޮތުން އީރާނާ ދެކޮޅަށް ކިތަންމެ ބާރުގަދަ ހަމަލާތަކެއް އެމެރިކާ ދިން ނަމަވެސް އަދި އެ ހަމަލާތަކުގައި އީރާނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް ހަނގުރާމަ ފެށިއިރަށްވުރެ މިހާރު އީރާނުގެ އަސްކަރީ ގާބިލްކަން މާބޮޑެވެ.
މިގޮތުން އީރާނުގެ އެތެރޭގައި އެމެރިކާއާއި އިސްރާއީލުން ވަރަށް ފުޅާ ދާއިރާއެއްގައި ކުރިން ގެންދިޔަ ޖާސޫސީ ހަރަކާތްތައް އީރާން މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާއިރު ކުރިން އީރާން ދެނެގަންނަ ވަރަށް ވުރެ މާ އަވަހަށް އަދި މާ އެކިއުރޭޓްކޮށް އެމެރިކާގެ އަސްކަރީ ހަރަކާތްތަކާއި އެމެރިކާގެ އަސްކަރީ ތަންތަން އީރާން މިހާރު ދެނެގަންނަކަން ވަނީ ފާހަގަކުރެވިފައެވެ.
މީގެއިތުރުން އީރާނުގެ ރައްދު ހަމަލާތައް ވެސް ކުރިޔަށްވުރެ ވަރުގަދަވެފައި ހަމަލާތައް ސީދާ ޕިންޕޮއިންޓަށް ފޮނުވާލުމުގެ ގާބިލްކަން ވެސް ކުރިޔަށް ވުރެ ބޮޑަށް އީރާން ވަނީ ހޯދާފައެވެ. އަދި އީރާނުން އައު ހަތިޔާރު ބޭނުންކުރާކަން ވެސް ވަނީ ހާމަވެފައެވެ.
އެެމެރިކާގެ ޖާސޫސީ ރިޕޯޓެއް ބުނާ ގޮތުން އެމެރިކާ ސިފައިންގެ އުކުޅުތަކާއި އެމެރިކާ ސިފައިންގެ ބަލިފައިތައް އީރާން ވަނީ ވަރަށް ރަނގަނޅަށް ދެނެގަނެ އެކަމުގައި ގިނަ ތަޖުރިބާތަކެއް ހާސިލްކޮށްފައެވެ. މިއާއެކު އީރާން ވަނީ ކުރިޔަށްވުރެ މާބޮޑަށް އަމިއްލަ ނަފްސަށް އިތުބާރު ހޯދާފައެވެ.
އެމެރިކާ މަނަވަރުތަކަށް ސަޕްލައިކުރާ އުޅަނދުތަކަށް ވެސް އީރާނުން ހަމަލާ ދޭ ކަމަށް ވެއެވެ. ނަމަވެސް އެމެރިކާ މިކަން ގެންދަނީ ސިއްރު ކުރަމުންނެވެ.
ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ބަހްރައިންގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓްގެ މައި މަރުކަޒު ވެސް ވަނީ އީރާނުގެ ހަމަލާތަކުގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިކަން މިހާރު ވަނީ ކަށަވަރުވެފައެވެ. މިކަން ކަށަވަރުވީ އެމެރިކާގެ ފިފްތު ފްލީޓްގެ މައި މަރުކަޒުގައި ހުންނަ އެމެރިކާގެ ސަޕްލައި މަރުކަޒު އީރާނާ މާ ދުރުގައިވާ ފޯޅަވައްސަށް ބަދަލުކުރުމާ ގުޅިގެންނެވެ.
ކުރިން އީރާނާ ހަނގުރާމަކުރުމަށް ބޭނުންކުރާ އެމެރިކާގެ މަނަވަރުތަކަށް ސަޕްލައި ކުރަނީ ބަހްރައިންގައި ހުންނަ މަރުކަޒުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ މިހާރު ވަނީ އެ މަރުކަޒު ބަންދުކޮށްފައެވެ. އެއީ އެތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލުމާ ގުޅިގެންނާ އަދި ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށް ސަޕްލައިގެ ތަކެތި ގެންދިޔުމަށް ދަތިވާތީއެވެ.
އެމެރިކާގެ ބިޔަ މަނަވަރު އަބްރަހަމް ލިންކަން އޭގައި ތިބި 5،000 ސިފައިންނާއެކު ހާލުގައި ޖެހުނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށް ސަޕްލައިގެ ތަކެތި ގެންދިޔުމަށް ކުރިމަތިވި ދަތިތަކާ ގުޅިގެންކަންވެސް މިހާރުވަނީ ހާމަވެފައެވެ.
ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން އެންމެ ފަހުވަގުތުވެސް ގެންދިޔައީ މިހަގީގަތް ސިއްރު ކުރަމުންނެވެ. އަނެއްކޮޅުން އެމެރިކާގެ ހަނގުރާމައާބެހޭ ވުޒާރާ ގެ ތެރެއިން ބައެއް ސިއްރު މައުލޫމާތު ލީކުކުރަމުން ގެންދާތީ އެކަން ބެލުމަށްޓަކައި އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ގެ އޮފީހުން ވަނީ ދޮގު ހަދާ ސިފައިންނާއި އޮފިސަރުން ދެނެގަތުމުގެ އޮޕަރޭޝަނެއް ވެސް ފަށާފައެވެ.
އެމެރިކާގެ މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ރިޕޯޓްތައް ބުނާ ގޮތުން މި އޮޕަރޭޝަންގެ ދަށުން އެމެރިކާގެ އެންމެ އިސް 250 ޖެނެރަލުންގެ ތެރޭގައި ހިމެނޭ 50 ޖެނެރަލަކު ވަނީ ދޮގު ޑިޓެކްޓްކުރާ މެޝިންތަކުން ހަދާ ޓެސްޓްތައް ހަދަން މަޖުބޫރުކޮށްފައެވެ. އެއީ އެމީހުން ސިއްރު މައުލޫމާތު ލީކުކޮށްފައިވާކަން ނުވަތަ ނޫންކަން ދެނެގަތުމަށްޓަކައެވެ. މި މައްސަލާގައި ޖެނެރަލުން ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށް ވެސް މިދެންނެވި ރިޕޯޓްތަކުގައި ބުނެއެވެ.