ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ނުރައްކާތެރި ކާރިސާއާ ގުޅިގެން، އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސޯނޫ ސޫދު ނޭޕާލަށް ހިނގައްޖެއެވެ.
އޭނާގެ އަމިއްލަ ޖަމިއްޔާ ކަމަށްވާ "ސޫދު ޗެރިޓީ ފައުންޑޭޝަން"ގެ އެހީތެރިކަމާ އެކު ސޯނޫ ނޭޕާލަށް ގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. އޭނާ ފޯރުކޮށްދޭ އެހީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކާބޯތަކެއްޗެވެ.
މި ދަތުރާ ގުޅޭގޮތުން ވާހަކަދައްކަމުން އުމުރުން 53 އަހަރުގެ އެކްޓަރު ބުނީ، މި ދަތި އުނދަގޫ ދަނޑިވަޅުގައި އިންޑިއާގެ ރައްޔިތުން ތިބީ ނޭޕާލްގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި ނޭޕާލްގެ ހާލަތު އާންމު ހަމައަކަށް އެޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި އިންޑިއާގެ އެއްބާރުލުން ލިބޭނެކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ސޯނޫ ނޭޕާލްގެ ކުޑަކުދިންތަކަކާ އެކު--ފޮޓޯ/ފޭސްބުކް
ސޯނޫ އިތުރަށް ބުނީ، ސީދާ ނޭޕާލަށް ގޮސް، ހާލުގައި ޖެހިފައިވާ މީހުންނާ ބައްދަލުކޮށް އެ މީހުންގެ ހާލަތު ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދެވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"އަޅުގަނޑުގެ އުންމީދަކީ ވީހާ ވެސް އަވަހަކަށް މި ހިތާމަވެރި ހާލަތުން ނޭޕާލް އަރައިގަތުން،" ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ފެށި އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކާ އެކު ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެކްޓަރު ބުނެފައިވެއެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ނޭޕާލާއި ޓިބެޓް ގުޅޭ ސަރަހައްދަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހާދިސާގައި މިހާތަނަށް 1،066 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 1،050 މީހުން މަރުވެފައިވަނީ ނޭޕާލުންނެވެ. މީގެ އިތުރުން ގެއްލިގެން ހޯދަމުންދާ މީހުންގެ އަދަދު 4،462 އަށް އަރާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީންނާއި ނޭޕާލްގެ 3،916 ރައްޔިތުން ހިމެނެއެވެ.