'ދަ ޓްރެއިޓާސް'ގެ ދެވަނަ ސީޒަން ކްރިސްޓަލް އާއި ރިދާ ކާމިޔާބުކޮށްފި

ރިއަލިޓީ ޝޯ "ދަ ޓްރެއިޓާސް"ގެ ދެވަނަ ސީޒަން، ކާމިޔާބުކުރި ކްރިސްޓަލް ޑިސޫޒާ އާއި ރިދާ ތަރާނާ--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރް ހުށަހަޅައިދޭ ރިއަލިޓީ ޝޯ "ދަ ޓްރެއިޓާސް"ގެ ދެވަނަ ސީޒަން، ކާމިޔާބުކަމާ އެކު ކްރިސްޓަލް ޑިސޫޒާ އާއި ރިދާ ތަރާނާ ކާމިޔާބުކޮށްފިއެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށް ދައްކަމުންދިޔަ މި ޝޯގެ ޗެމްޕިއަންކަން މި ދެ ބައިވެރިން ހޯދީ، އެހެން ހުރިހާ ބައިވެރިންނާ ވާދަކުރުމަށްފަހު ފައިނަލާ ހަމައަށް ދަތުރުކޮށްގެންނެވެ.

މި ކާމިޔާބީއާ އެކު، ޝޯގެ އިނާމެއްގެ ގޮތުގައި ކަނޑައެޅިފައިވާ 66 ލައްކަ އިންޑިއަން ރުޕީސް މި ދެބައިވެރިންގެ މެދުގައި ވަނީ ހަމަހަމަކޮށް ބަހާލާފައެވެ.

ޝޯގެ އެންމެ ފަހު މަރުހަލާގައި ބައިވެރިން ކަމަށްވާ ކްރިސްޓަލް، ރިދާ، ސާހިލް އަދި ޝާލިނީ ވާދަކުރިއިރު، އެންމެ ފުރަތަމަ ވޯޓުން ވަކިވީ ސާހިލްއެވެ. އޭގެ ފަހުން ރިދާ އާއި ކްރިސްޓަލްގެ ވޯޓުން ޝާލިނީ ވެސް ޝޯއިން ވަކިކުރިއެވެ. ޝާލިނީ ވަކިވަމުން ވަނީ، އޭނާގެ އިތުބާރު އޮޅުވާލުމުގެ ބަދަލު ދިރިއުޅުމުން އެ ދެމީހުންނަށް ފެންނާނެ ކަމަށް ބުނެފައެވެ.

ކްރިސްޓަލް އާއި ރިދާ "ޓްރެއިޓާސް" ޝޯގެ މަންޒަރެއްގައި--ފޮޓޯ/ސްކްރީން

ކްރިސްޓަލް ބުނި ގޮތުގައި، ރިދާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު އޮތް ނަމަވެސް، އޭނާ އިސްކަންދިނީ އެކުވެރިކަމާ އެކު ރިދާއާ ގުޅިގެން މޮޅުވުމަށެވެ.

"ދަ ޓްރެއިޓާސް" އަކީ މަޝްހޫރު ޑަޗް ޝޯ "ޑި ވެރާޑާސް" އަސްލަކަށް ބަލައިގެން އުފައްދާފައިވާ، ދުނިޔޭގެ އެކި ގައުމުތަކުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ފޯމެޓެކެވެ. މި ޝޯ ބެހިގެންވަނީ "ޓްރެއިޓާސް" އާއި "އިނޮސެންސް" (މައުސޫމް މީހުން)ގެ މައްޗަށެވެ.

ސީޒަނުގައި އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ މަޝްހޫރު ތަރިންތަކެއް ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި މުނައްވަރު ފާރޫގީ، އަބީޝެކް މަލްހާން، ރިއާ ޗަކްރަބޯޓީ، ޝްވޭތާ ތިވާރީ، ޕާރުލް ގުލާޓީ އަދި ރަންވީރު ބްރާރް ފަދަ ފަންނާނުން ފާހަގަކޮށްލެވެއެވެ.

ޝޯ ކާމިޔާބުކުރި ބައިވެރިންގެތެރޭ ހިމެނޭ ކްރިސްޓަލް އަކީ އިންޑިއާގެ ޓީވީ ޑްރާމާތަކާއި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ބެލުންތެރިންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ހުނަރުވެރި ބަތަލާއެކެވެ. ކްރިސްޓަލް، އާންމުންގެ މެދުގައި އެންމެ ބޮޑަށް ވިދާލީ މަޝްހޫރު ޑްރާމާ ސިލްސިލާ "އޭކް ހަޒާރޯން މޭ މޭރީ ބެހެނާ ހޭ"ގައި އޭނާ ކުޅުނު ޖީވިކާ ވަދޭރާގެ ރޯލުންނެވެ. އޭގެ ފަހުން ޓީވީ ޑްރާމާތަކުގެ އިތުރުން ވެބް ސީރީޒްތަކާއި ހިންދީ ސިނަމާގައިވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ.

އޭނާއާ ވާދަކޮށް ޝޯ ކާމިޔާބުކުރި އަނެއް ބައިވެރިޔާ ރިދާ އަކީ އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ، ޑިޖިޓަލް ކޮންޓެންޓް އުފެއްދުމާއި، މޮޑެލްކުރުމުގެ އިތުރުން ޕްރޮފެޝަނަލް އެމްސީއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މަޝްހޫރު ފަރާތެކެވެ.

comment ކޮމެންޓް