ފުލުހުންގެ ފެމިލީ ނައިޓުގައި ބާރަށު ޝިޔާމްގެ ހުށަހެޅުންތަކެއް

ޝިޔާމް ނަށަނީ --- ފޮޓޯ/ އުނގޫފާރު. ކޮމް

އަންނަ ހޮނިހިރު ދުވަހު ރޭ ބާއްވާ ފުލުހުންގެ ފެމިލީ ނައިޓުގައި ޙުސައިން ޝިޔާމް ނުވަތަ ބާރަށު ޝިޔާމްގެ ހުށަހެޅުންތައް ފެންނާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ޝިޔާމަކީ، މިދިޔަ ބޮޑު އީދުގައި ލަވަޔަށް ނަށައިގެން މަޝްހޫރުވި ފުލުހެކެވެ. އޭގެ ފަހުން، ގައުމީ ދުވަހު އުފަން ރަށް، ހއ. ބާރަށުގައި ވެސް ޝިޔާމް ވަނީ ސްޓޭޖް ޝޯގައި ހުށަހެޅުންތަކެއް ހުށަހަޅައިފައެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ 08:30އިން 11:00އާ ހަމައަށް ފުލުހުންގެ ފެމިލީ ނައިޓުގައި ހަބޭސް ބޮޑުބެރު ގްރޫޕާއި އެމްއެންޔޫ ސްޓޫޑަންޓް ޔޫނިއަންގެ ބޮޑުބެރު ގްރޫޕުގެ ފޯރިގަދަ ހުށަހެޅުންތައް ފެންނާނެއެވެ.

މީގެއިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކުގެ މުވައްޒަފުން ތައްޔާރުކޮށްފައިވާ ޚާއްސަ މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް އެ ހަރަކާތުގެ ތެރެއިން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

https://sun.mv/223249

މި ފެމިލީ ނައިޓުގައި އާންމުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނި ގޮތުގައި، މި ފެމިލީ ނައިޓަކީ ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ހަރަކާތެވެ. އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 6:00ގައި "އެކުވެރިކަމުގެ ހިނގާލުން" ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހުގެ ހަވީރު 4:00އިން 6:00 އަށް ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވާނެއެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ އާދީއްތަ ދުވަހުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް