ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 34 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި އަދި ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވި މ. އެކޯ، ޢަބްދުﷲ ޝަރީފު އިއްޔެ އަވަހާރަވެއްޖެއެވެ.
އުމުރުން 77 އަހަރުގައި އަވަހާރަވި ޢަބްދުﷲ ޝަރީފަކީ 41 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަހު އޭނާ މަސައްކަތްކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު 2023 ވަނަ އަހަރު އޭނާ ވަނީ ހާސިލުކުރައްވާފައެވެ.
އޭނާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް ވިދާޅުވި ގޮތުގައި، ޢަބްދުﷲ ޝަރީފަކީ ވަރަށް ހިންގުންތެރި އަދި އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކޮށްދެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ މަސައްކަތުގެ އަޚުލާގު ހިފެހެއްޓެވި ނަމޫނާ ބޭފުޅެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ޢަބްދުالله ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި، މަރްޙޫމްގެ ޢާއިލާއަށް ވަރަށް އިޚުލާޞްތެރިކަމާއެކުގައި ތަޢުޒިޔާ ދަންނަވަން." ރައީސް ވިދާޅުވިއެވެ.
"މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން."
އޭނާގެ ޖަނާޒާ އޮތީ ރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.