ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކެއްގައި ސަޕޯޓަރެއްގެ ރޯލް ކުޅެފައިވާ ތަޖުރިބާކާރު އެކްޓަރު ސުދީރު ދަލްވީގެ ބޭސްފަރުވާގެ ހަރަދުތައް ހަމަޖައްސައިދިނުމުގައި، އިންޑިއާގެ މަޝްހޫރު ތަރިން ކަމަށްވާ ރަންބީރު ކަޕޫރު، ކާތިކް އާރްޔަން އަދި އަކްޝޭ ކުމާރު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށް އޭނާގެ އަނބިމީހާ ސުހާސް ދަލްވީ ހާމަކޮށްފިއެވެ.
ސެޕްސިސް ބަލީގައި ހާލު ދެރަވެ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހޮސްޕިޓަލުގައި އެޑްމިޓްކުރި ސުދީރުގެ ބޭސްފަރުވާއަށް ބޮޑު ހަރަދެއް ހިނގަމުންދިޔަ ދަނޑިވަޅުގައި، މި ތަރިން ވަނީ މާލީ ގޮތުން ދީލަތި އެހީތަކެއް ވެދީފައެވެ.
"ބޮލީސްޕައިސް"އަށް ދިން އިންޓަވިއުއެއްގައި ސުހާސް ބުނީ، ހޮސްޕިޓަލުގެ ބިލްތައް ދެއްކުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ދަނޑިވަޅުގައި ފިލްމީ ދާއިރާގެ ގިނަ ބަޔަކު އެހީތެރިކަމުގެ އަތެއް ދިއްކޮށްލި ކަމަށެވެ.

އެކްޓަރު ސުދީރު ދަލްވީ، އަކްޝޭ ކުމާރު އަދި ރަންބީރު ކަޕޫރު--ފޮޓޯ/އެންޑީޓީވީ
"ހުރިހާ ނަންތަކެއް މިވަގުތު ހަނދާނަކު ނެތް. ނަމަވެސް އެންމެ ފުރަތަމަ އެހީތެރިވި ފަރާތްތަކުގެ ތެރޭގައި ކާތިކް އާރްޔަން، ރަންބީރު ކަޕޫރު އަދި އަކްޝޭ ކުމާރު ހިމެނޭ. މީގެއިތުރުން ފިލްމީ ދާއިރާގެ ވަރަށް ގިނަ ބޭފުޅުންނާއި، އިންޑަސްޓްރީން ބޭރުގެ އެތައް ބަޔަކުވެސް އެހީތެރިވި. އަހަރެންގެ ފިރިމީހާ ކުޅެފައިވާ ރޯލުގެ ސަބަބުން އާންމުންގެ ފަރާތުން ވެސް ބޮޑު ތަރުހީބަކާއި އެހީތެރިކަމެއް ލިބުނު. އޭނާ ބަލިވުމުން ލިބުނު ލޯތްބާއި އެހީތެރިކަމަކީ ބަޔާންކުރަންވެސް ދަތި މިންވަރެއް،" ސުހާސް ބުނެފައިވެއެވެ.
ސުހާސް އިތުރަށް ބުނި ގޮތުގައި، ސުދީރު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ބަދަލުކޮށްފައެވެ. ނަމަވެސް އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. އަ
އަދިވެސް ހިނގާބިނގާވެ އުޅެނީ ވޯކަރެއްގެ އެހީގައި ކަމަށާއި، ފުރިހަމަ ސިއްހަތަކަށް އެނބުރި އައުމަށް އަދިވެސް ވަގުތު ނަގާނެ ކަމަށް ސުހާސް ބުނެފައިވެއެވެ. މީގެއިތުރުން، އޭނާއަށް ބޭނުންވާ ބޭސްފަރުވާގެ ކަންކަން މިހާރު ހަމަޖެހިފައިވާތީ، ފިލްމީ އެސޯސިއޭޝަނުން މަހުން މަހަށް ފޮނުވާ އެހީގެ ފައިސާ، އެއަށްވުރެ ބޮޑަށް ބޭނުންޖެހިފައިވާ އެހެން ފަރާތަކަށް ދިނުމަށް އެދިފައިވާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގެ އައިސީޔޫގައި ސުދީރަށް ފަރުވާދިންއިރު، އާއިލާއިން ވަނީ ފަރުވާއަށް ގާތްގަނޑަކަށް 10 ލައްކަ ރުޕީސް ހޭދަކޮށްފައެވެ.
ސުދީރު ދަލްވީ އަކީ އިންޑިއާގެ ފިލްމީ އަދި ޓީވީ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ތަޖުރިބާކާރު ފަންނާނެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ 1987 ވަނަ އަހަރު ގެނެސްދިން މަޝްހޫރު ޑްރާމާ ސިލްސިލާ "ރާމާޔަން" އާއި، 1977 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ސިރްދީ ކޭ ސައި ބާބާ"އިންނެވެ.
މީގެ އިތުރުން "ކްރާންތީ"، "ސަތުޔަމޭވް ޖަޔަތޭ"، "ހުދްގަރްޒް" ފަދަ ފާހަގަކޮށްލެވޭ ފިލްމުތަކާއި، "ކިޔުންކީ ސާސް ބީ ކަބީ ބަހޫ ތީ" ފަދަ މަޤްބޫލު ޓީވީ ޝޯތަކުންވެސް އޭނާ ވަނީ ފެނިފައެވެ.