ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ނޭޕާލަށް އެހީތެރިވުމަށް ސުނީތާ އިލްތިމާސްކޮށްފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ، ނޭޕާލަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ނުރައްކާތެރި ކާރިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި ސަޕޯޓަރުންނަށް އިލްތިމާސްކޮށްފިއެވެ.

މި ކާރިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ސުނީތާ ބުނީ، އޭނާ ދޭ އެހީގެ ފައިސާ ހައްގުވެރިންނަށް ސީދާ ފޯރުކޮށްދެވޭނެ އިތުބާރުހުރި ނިޒާމެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސުނީތާ އަކީ އިންޑިއާއަށް އުފަން މީހެއް ނަމަވެސް، އޭނާގެ މަންމަ އާއި މާމައަކީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއަށް ނިސްބަތްވާ ބަޔަކަށް ވާތީ، އެ ގައުމާ މެދު އޭނާގެ ހިތުގައި ވަރަށް ހާއްސަ ލޯތްބަކާއި ގާތް ގުޅުމެއް އޮވެއެވެ.

މި ހާދިސާއާ ގުޅިގެން "ބޮމްބޭ ޓައިމްސް"އަށް ދިން އިންޓަވިއުއެއްގައި ސުނީތާ ބުނެފައިވަނީ، އޭނާއަށް ވެވުނު އެންމެ ބޮޑު އެހީތެރިކަމެއް ދޭން ބޭނުން ކަމަށާއި، ސަބަބަކީ ނޭޕާލަކީ އޭނާއާ ނުހަނު ގާތް، އަދި އަމިއްލަ އުފަން ވަޒަން ފަދަ ތަނެއް ކަމެއް ކަމަށެވެ.

ސުނީތާ ފިރިމީހާ ގޯވިންދާއާ އެކު--ފޮޓޯ/އެންޑީޓީވީ

"ނޭޕާލަށް މިފަދަ ހިތާމަވެރި ކާރިސާއެއް ދިމާވުމަކީ ހިތްފަޅައިގެންދާ ފަދަ ކަމެއް. އަޅުގަނޑު އެ ގައުމަށް އުފަން ނުވި ނަމަވެސް، އަޅުގަނޑުގެ އާއިލާ ގުޅިފައިވަނީ ކަތަމަންޑޫއާ. ކޮންމެ އަހަރަކުވެސް އާ އަހަރާ ދިމާކޮށް ދަރިފުޅާ އެކު ނޭޕާލަށް ޒިޔާރަތްކޮށް، އަހަރުގެ ފެށުން ފާހަގަކުރުމަކީ އަޅުގަނޑުމެން އަބަދުވެސް ކުރަމުން އަންނަ ކަމެއް،" ސުނީތާ ބުނެފައިވެއެވެ.

މީގެއިތުރުން، ފިލްމީ ދާއިރާގައި މަސައްކަތްކުރާ އެހެން ފަރާތްތަކުން ވެސް މި ދަނޑިވަޅުގައި އިންސާނިއްޔަތަށްޓަކައި ކުރިއަށް ނުކުމެ، ނޭޕާލަށް ދީލަތި އެހީތަކެއް ފޯރުކޮށްދިނުމަށް ސުނީތާ ވަނީ އިލްތިމާސްކޮށްފައެވެ.

ނޭޕާލަށް ކުރިމަތިވި މި ފެންބޮޑުވުމުގެ ހާދިސާގައި މިހާތަނަށް 1,003 މީހުން މަރުވެފައިވާއިރު، 4,000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. ސަލާމަތީ ބާރުތަކުގެ 21,300 އަށްވުރެ ގިނަ މުވައްޒަފުން މިހާރުވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނައިރު، ހެލިކޮޕްޓަރު ބޭނުންކޮށްގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވި އެއް ސަރަހައްދު ކަމަށްވާ ނުވާކޮޓްގެ ބެޓްރަވަތީ އަވަށުގައި، ފެނުއަޑިއަށް ގޮސްފައިވާ ތިން ބުރީގެ އިމާރާތެއްގެ ތެރެއިން 21 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު، އެ ސަރަހައްދުގެ ބޭރުން އިތުރު ތިން މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.

މިފަހަކަށް އައިސް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާ ސުނީތާ އެންމެ ފަހުން އާންމުންނަށް ފެނިފައިވަނީ "ލޮކް އަޕް: ސަޗް ޔާ ސަޒާ" ނަމަކަށް ކިޔާ މަގުބޫލު ރިއަލިޓީ ޝޯއިންނެވެ.

comment ކޮމެންޓް