ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2026 ގެ އަންހެން ޑިވިޝަނުގައި، އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސޯޝަލް ސެންޓަރ އިންޑޯގައި ކުޅުނު މިމެޗު، ޕޫލް ބީގައި ހިމެނޭ ޖީޖީ ސްޕޯޓްސްއާ ވާދަކޮށް، ވެމްކޯއިން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.
ވެމްކޯއިން މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 12-25، 06-25 އަދި 20-25 އިންނެވެ. މިއާއެކު، ވެމްކޯ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައިވާއިރު، ޖީޖީ ސްޕޯޓްސް އެކަޑަމީ މޮޅުވީ އެއް މެޗުންނެވެ. އެއީ ރާއްޖެ ވޮލީ ކުލަބާ ދެކޮޅަށް ކުޅެ ސީދާ ތިން ސެޓުން މޮޅުވި މެޗެވެ.
ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގައި ވެމްކޯއާއި ޖީޖީ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޝާންމުބާރާތުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެން ޕޫލް އޭގެ އެއްވަނައިގައި އޮތީ ހުރާ ކޮމިއުނިޓީ ކުލަބެވެ. ދެވަނަ އަދި ތިންވަނައިގައި އޮތް ޕޮލިސް ކުލަބް އަދި ސިޓީ ފްރެންޑްސް ކުލަބަށް ތިން ޕޮއިންޓު ލިބިފައިވާއިރު ގުރޫޕުގެ ފުލުގައި އޮތް ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ޕޫލް ބީއަށް ބަލާއިރު 6 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ކުލަބް ވެމްކޯއެވެ. ދެވަނަ އަދި ތިންވަނައިގައި އެމްޓީސީސީ އާއި ޖީޖީ ސްޕޯޓްސް އެކެޑަމީ 3 ޕޮއިންޓާއެކު އޮތް އިރު، ފުލުގައި އޮތް ރާއްޖެ ވޮލީ ކުލަބަށް ޕޮއިންޓެއް ނުލިބެއެވެ.
ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގައި ވެމްކޯއާއި ޖީޖީ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޝާންވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ގެނެސްދޭނެއެވެ. ސަބްސްކްރިޕްޝަން އާއެކު ސަން ޕްލޭ އެޕުން މުބާރާތުގެ ކޮންމެ މެޗެއް ބެލުމުގެ ފުރުސަތު ލިބެއެވެ. ކޮންމެ މެޗެއްގެ އޮންލައިން ޓިކެޓުގެ އަގަކީ 25 ރުފިޔާއެވެ. އަދި މެޗު ބަލަން ސޯޝަލް އިންޑޯއަށް ވަންނަ ސަޕޯޓަރުންނަށް ޓިކެޓު ވިއްކާ އަގަކީ 30 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ އެއް ގަޑިއިރު ކުރިން ސޯޝަލްގައި މެޗު ޓިކެޓު ވިއްކަން ފަށާނެއެވެ.