ނޯޓިސް ނުދީ ވަކިވި މުވައްޒަފަކު ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހިއްޖެ

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތަށް ނޯޓިސް ދިނުމަކާ ނުލައި ކުއްލިއަކަށް ވަޒީފާއިން ވަކިވި މުވައްޒަފަކު، އޭނާ މަސައްކަތްކުރި ކުންފުންޏަށް 113,000 (އެއް ލައްކަ ތޭރަ ހާސް) އަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިގޮތަށް އަމުރުކޮށްފައި ވަނީ ސެލޫން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، އެ ކުންފުނީގެ ކުރީގެ ހެއާ ޑިރެކްޓަރާ ދެކޮޅަށް ހުށަހެޅި މައްސަލަ ބެލުމަށްފަހެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، ހެއާ ޑިރެކްޓަރުގެ އެއްބަސްވުމާ ޚިލާފަށް ތިން މަސްދުވަހުގެ ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިވެފައި ވަނީ 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ.

މީގެ އިތުރުން ވަޒީފާގައި ހުރިއިރު ކްރެޑިޓަށް ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ނުދައްކައި ހުރުމާއި، މައްސަލައާ ގުޅިގެން ކުންފުނިން ކުރަން ޖެހުނު ޤާނޫނީ ޚަރަދުތައް ހޯދުމަށް ސެލޫން މޯލްޑިވްސްއިން ވަނީ ޓްރައިބިއުނަލްގައި އެދިފައެވެ.

މި މައްސަލަ ބެއްލެވުމަށްފަހު ޓްރައިބިއުނަލްގެ މެންބަރު އިޝާރާ ޢަބްދުލްޢަޒީޒް ނިންމެވި ނިންމެވުމުގައި، ހެއާ ޑިރެކްޓަރުގެ މައްޗަށް، ފައިސާ ދެއްކުމަށް އަމުރުކުރައްވާފައެވެ.

ދައްކަން ޖެހޭ ފައިސާއަކީކ ނޯޓިސްގެ ބަދަލަށް މަހަކު 20,000 ރުފިޔާގެ މަގުން ތިން މަސްދުވަހުގެ މުސާރައަށްވާ 60,000 ރުފިޔާ އަދި ކްރެޑިޓަށް ހޯދި ޚިދުމަތްތަކަށް ނުދައްކައިވާ 23,086.14 ރުފިޔާގެ އިތުރުން ވަކީލު ފީގެ ގޮތުގައި ދިޔަ 30,000 ރުފިޔާއެވެ.

ޓްރައިބިއުނަލުން އަންގާފައި ވަނީ ޖުމުލަ 113,086.14 (އެއް ލައްކަ ތޭރަ ހާސް އަށްޑިހަ ހަ ރުފިޔާ، ސާދަ ލާރި) 30 ސެޕްޓެންބަރު 2026 ގެ ކުރިން އެކީ އެއްފަހަރާ ސެލޫން މޯލްޑިވްސްއަށް ދައްކައި ނިންމުމަށެވެ. އަދި ފައިސާ ދައްކައި ނިމޭތާ ރަސްމީ ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި އެކަން ލިޔުމުން ޓްރައިބިއުނަލަށް އެންގުމަށް ވެސް ހެއާ ޑިރެކްޓަރަށް ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް