ހިމަބިހި ޖެހުނު މީހުން މިދިޔަ ހަފުތާގައި މަދުވެ، ޖުމުލަ އަދަދު 252އަށް

ހިމަބިހި ވެކްސިން ޖެހުމަށް ތައްޔާރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހަފުތާގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު، ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.

ކުރިން ރާއްޖޭން ނައްތާލާފައިވާ ހިމިބިހީގެ ކޭސްތައް އަލުން ފެންނަން ފެށީ، މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭގެފަހުން، މި ބަލި ހުއްޓުމެއް ނެތި އަންނަނީ ފެތުރެމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިއަދު ބުނި ގޮތުގައި، މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމިބިހި ޖެހިގެން ރިޕޯޓުކުރީ ނުވަ މީހުން ކަމަށެވެ. އެކަމަކު، އޭގެ ކުރީ ހަފުތާގައި، މި ބަލި ޖެހިގެން 17 މީހަކު ރިޕޯޓުކުރިއެވެ.

އޭގެއިތުރަށް، މި އަހަރުގެ މިހާތަނަށް ހިމިބިއްސަށް ޕޮޒިޓިވް މީހުންގެ ޖުމުލަ އަދަދު 252އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. މި ބަލިން ރައްކާތެރިވުމަށް މިހާތަނަށް 16،216 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ހިމަބިހި ވެކްސިން ޖެހުން: މިދިޔަ ހަފުތާގައި ހިމަބިހީގެ ނުވަ ކޭސް ފެނިފައިވޭ -- ފޮޓޯ/ އެޗްޕީއޭ

ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ މީހުންނަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.

ހަމައެއާއެކު، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެކަން ފާހަގަކޮށްފައެވެ.

ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުންނެވެ.

ޞިއްޙީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

https://sun.mv/226519

ބަލީގެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފްކޮށްފައިވަނީ 1983 ވަނަ އަހަރެވެ. އެއަށް ފަހު 2017ވަނަ އަހަރު ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖެއިން ފެނިފައިވެއެވެ.

comment ކޮމެންޓް