ހިމަބިހީގެ ކޭސްތައް މިދިޔަ ހަފުތާގައި އިތުރުވެ، 17 މީހުން ފައްސިވެއްޖެ

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ޖެހުން: ހިމަބިހީގެ ކޭސްތައް ފެންނަ މިންވަރު މަދުވެ، މިދިޔަ ހަފުތާގައި ފާހަގަވީ 13 ކޭސް -- ފޮޓޯ/ އެޗްޕީއޭ

ނިމުނު ހަފުތާގައި އަނެއްކާވެސް އިތުރު 17 މީހަކު މާލެ ސަރަހައްދުން ހިމަބިއްސަށް ފައްސިވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ވޭތުވެދިޔަ ހަފުތާގައި ހިމަބިހީގެ 17 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށް ބުނެފައެވެ.

އެހެންކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 243 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ވަނީ މައުލޫމާތު ދީފައެވެ. އަދި މިހާތަނަށް 16،045 މީހަކަށް ހިމަބިހީގެ ވެކްސިން ދީފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

https://sun.mv/226205

އެ އެޖެންސީގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު ހަފުތާ ނޫން އޭގެ ކުރީ ހަފުތާގައި ހިމަބިއްސަށް ފައްސިވެފައި ވަނީ 10 މީހުންނެވެ. އެހެންކަމުން ހިމަބިހި ޖެހުނު މީހުންގެ އަދަދު އަނެއްކާވެސް މިވަނީ އިތުރުވެފައެވެ.

ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ ހިމަބިހީގެ ތަފާސްހިސާބުތައް -- ފޮޓޯ: އެޗްޕީއޭ

އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ މީހުންނަށް، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެކަން ފާހަގަކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން، އާބާދީގެ ނިސްބަތުން ހިމަބިހި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައި ދާދި ފަހުން ރާއްޖެ ހިމެނުނެވެ. އަދި އެ ބައްޔަށް ފަރުވާ ދެމުންދިޔަ ދިވެހި ޒުވާނަކު ވަނީ ދާދިފަހުން މަރުވެފައެވެ.

comment ކޮމެންޓް