އަމިއްލައަށް ހޯސްޓްކޮށްގެން ބޭނުންކުރެވޭ އޯޕަން ސޯސް އޭއައި އެޖެންޓް ޕްލެޓްފޯމެއް ކަމަށްވާ އޯޕަންކްލޯގެ އެންމެ ބޮޑު އަޕްޑޭޓް ކަމުގައިވާ "އޯޕަންކްލޯ 2.0" ރަސްމީކޮށް ނެރެފިއެވެ.
އޯޕަންކްލޯވްގެ ބްލޮގް ޕޯސްޓެއްގައި ބުނީ މި އަޕްޑޭޓަކީ 933 ޑިވެލޮޕަރުންގެ އެހީތެރިކަމާއެކު، 16،000 އަށްވުރެ ގިނަ ޕުލް ރިކުއެސްޓްތައް ހިމަނައިގެން ގާތްގަނޑަކަށް ހަތް ހަފުތާގެ މަސައްކަތުން ތަރައްގީކޮށްފައިވާ ވަރަށް ފުރިހަމަ އަޕްޑޭޓެއް ކަމަށެވެ.
މިއީ މީގެ ކުރިން ކޮންމެ ދެ ދުވަހަކުން އެއްފަހަރު އަޕްޑޭޓް ނެރެމުން ދިޔަ އުސޫލާ އަޅާބަލާއިރު އެ ކުންފުނީގެ ތާރީޚުގައި ވެސް އެންމެ ގިނަ ދުވަސް ހޭދަކޮށްފައި ނެރުނު އެންމެ ބޮޑު ރިލީޒެވެ.
މި އަޕްޑޭޓާއެކު އިންސްޓޯލް ކުރުމުގެ މަރުހަލާ ވަނީ ކުރިއަށްވުރެ މާބޮޑަށް ފަސޭހަކޮށްދީފައެވެ. އެގޮތުން އާ ޔޫޒަރުންނަށް ކޮމްޕިއުޓަރުގައި މިހާރުވެސް ހުރި ވަސީލަތްތައް ކަމަށްވާ ޗެޓްޖީޕީޓީ ނުވަތަ ކްލޯޑް ސަބްސްކްރިޕްޝަންތަކާއި، އަމިއްލަ އޭޕީއައި ކީ އަދި ލޯކަލް މޮޑެލްތައް ބޭނުންކޮށްގެން ފަސޭހައިން މަސައްކަތް ފެށޭނެ ގޮތް ވަނީ ހަމަޖައްސައިދީފައެވެ. އަދި ބައެއް ކޮންފިގަރޭޝަންތައް ފަހުން ޗެޓްގެ ތެރެއިން ހެދޭ ގޮތަށް ބަދަލުކުރުމުން ފުރަތަމަ ފަހަރަށް ވާހަކަދައްކަން ފެށުމަށް ހޭދަވާ ވަގުތު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްދީފައެވެ.

އޯޕަންކްލޯ އަކީ އަމިއްލައަށް ހޯސްޓްކޮށްގެން ބޭނުންކުރެވޭ، ހިލޭ ލިބޭ އޯޕަން ސޯސް އޭއައި އެޖެންޓް ޕްލެޓްފޯމެއް ---
ބްރައުޒާ އެޕްލިކޭޝަންވެސް މުޅިން އަލުން ޑިޒައިންކޮށް ފުރިހަމަ ތަޖުރިބާއަކަށް ބަދަލުކޮށްފައިވާއިރު، ކުރީގެ ވާހަކަތަކާއި މެސެޖުތައް ބޭނުންވާ ލަފުޒުތަކުން ހޯދައި ބެލޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ. މީގެއިތުރުން ޕެއާކޮށްފައިވާ އެހެން ޑިވައިސްތަކުންނާއި ކްލައުޑް ވޯކަރުން މެދުވެރިކޮށް ކުރަމުންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ފުރުސަތު މިހާރު ލިބެއެވެ.
އަލަށް ތައާރަފުކުރި ވިޖެޓްތަކާއި ސެޝަން ޑޭޝްބޯޑުތަކުގެ އެހީގައި މަސައްކަތްތައް ވަގުތުން ބަލައިލެވޭއިރު، ޗެޓްގެ ސްކްރީންތައް ފޮޓޯގެ ގޮތުގައި އެކްސްޕޯޓް ކުރުމުގެ ފުރުސަތުވެސް ލިބެއެވެ. އަދި ތަކުރާރުކޮށް ކުރަންޖެހޭ އޮޓޮމޭޝަން މަސައްކަތްތަކަށް އެއްފަހަރު ހުއްދަ ދިނުމުން އަމިއްލައަށް އެކަން ކުރިއަށް ގެންދެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
މީޑިއާ ބެލުމާއި ކުޅުމުގެ ކޮންޓްރޯލްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާއިރު، ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ޕާސްވޯޑާއި ކްރެޑެންޝަލްތައް ޗެޓްގެ ތެރޭގައި ފެންނަން ނުހުންނަ ގޮތަށް މާސްކްކޮށްގެން ހުށަހެޅޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ.
މި ހުރިހާ ބަދަލުތަކާއެކުވެސް، އޯޕަންކްލޯ އަކީ އެއްވެސް ވަކި އޭއައި މޮޑެލްއަކަށް ނުވަތަ ޕްރޮވައިޑަރަކަށް ބަރޯސާނުވެ، ހިލޭ އަދި އަމިއްލަ ސާވަރުތަކުގައި ބޭނުންކުރެވޭ އޯޕަން ސޯސް ޕްލެޓްފޯމެއްގެ ގޮތުގައި ދެމިއޮންނާނެ ވަސީލަތެއް ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.