ވޮޝިންޓަން (31 އޮގަސްޓް 2026): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް މަސްއޫލުވެރިންތަކެއް މަގާމުން އިސްތިއުފާ ދެއްވަން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާކަމަށް ޚަބަރު ލިބިއްޖެއެވެ.
އެމެރިކާގެ މަޝްހޫރު ނޫސް އެޖެންސީއެއް ކަމަށްވާ "ބުލޫމްބާގް" ބުނާ ގޮތުން ޓްރަމްޕް ގެ ސިޔާސަތުތަކާއި އޭނާ ނިންމަވާ ނިންމެވުންތަކުގެ ސަބަބުން ކުރިޔަށް އޮތް އެމެރިކާގެ މިޑްޓާމް އިލެކްޝަން ރިޕަބްލިކަން ޕާޓީއަށް ކާމިޔާބު ނުކުރެވި ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ޓްރަމްޕްގެ ސަރުކާރުގެ އިސްވެރިންތަކެއް މަގާމުން އިސްތުއިފާ ދެއްވުމަށް ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ.
އިސްތިއުފާ ދެއްވާނެ ކަމަށް "ބުލޫމްބާގް" ބުނާ މަސްއޫލުވެރިންގެ ތެރޭގައި ވައިޓް ހައުސްގެ ލެޖިސްޓްލޭޓިވް އޮފީހުގެ ވެރިޔާ ޖޭމްސް ޕްރައިޑް، ގައުމީ ސަލާމަތާ ބެހޭ މުސްތްޝާރުގެ ނައިބު އެންޑީ ބޭކަރު ޓްރަމްޕަށް ލަފާއަރުވާ ލީގަލް ކައުންސެލް ޑޭވިޑް ވެރިންގްޓަން ހިމެނިވަޑައިގަންނަވައެވެ.
ދާދި ފަހުން ވަނީ ޓްރަމްޕްގެ ތަރުޖަމާން ކެރޮލިން ލެވިޓްވެސް އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވައިފައެވެ. މީގެއިތުރުން ވައިޓް ހައުސްގެ ޗީފް ޕަބްލިކް ރިލޭޝަން އޮފިސަރާއި އަދި ޗީފް ލީގަލް އެޑްވައިޒަރު ވަނީ މީގެ ދެމަހެއްހާ ދުވަސްކުރިން އިސްތިއުފާ ދެއްވާފައެވެ.
މި ޚަބަރުތަކާ ގުޅިގެން ޓްރަމްޕްގެ އައު ތަރުޖަމާން ޓެއިލާ ރޮޑްގާސް ވަނީ ޓްރަމްޕް ގެންދަވަނީ އެމެރިކާ އިތުރަށް ބާރުގަދަކުރުމަށް ވަރަށް ކާމިޔާބު ކަމާއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށާއި ބަޔަކު އިސްތިއުފާ ދެއްވުމަކުން ޓްރަމްޕްގެ މި މަސައްކަތްތަކަށް ކުޑަވެސް މަޑުޖެހުމެއް ނާންނާނެ ކަމުގައެވެ.