މަޝްހޫރު ފިލްމު "3 އިޑިއަޓްސް" ހެދުމުގެ ކުރިން ސޯނަމް ވަންގްޗުކްއާ ދުވަހަކު ވެސް ބައްދަލުވެފައި ނުވާކަމަށް ބޮލީވުޑްގެ ތަރި އާމިރު ޚާން ކުރި ދައުވާއަށް، އީޖާދުކުރުންތެރިއެއްގެ ގޮތުގައި މަޝްހޫރު ވަންގްޗުކް ވަރުގަދަ ރައްދެއް ދީފިއެވެ.
"އާމިރު ބުނީ އަހަރެމެން ދުވަހަކު ވެސް ބައްދަލުނުވާ ކަމަށް. އަދި އޭގެ ފަހުން، ގަޖިނީގެ ސިފައިގައި ހުރެގެން އާމިރު އަހަރެންގެ ތަގްރީރެއް ބަލަން އިންނަ ވީޑިއޯތަކެއް ވަނީ އާންމުވެފައި. އޭރު އާމިރު ހުރީ ގަޖިނީގެ ކެރެކްޓާގެ ސިފައިގައި ކަމަށްވާތީ، ފަހަރެއްގައި އޭނާއަށް 'ޝޯޓް-ޓާމް މެމޮރީ ލޮސް' (ކުރު މުއްދަތަކަށް ހަނދާން ނެތޭ ބަލި) ޖެހުނީ ކަމަށް ވެސް ވެދާނެ. 15 މިނެޓު ފަހުން އޭނާ ހަނދާން ނެތުނީ ކަމަށް ވެސް ވެދާނެ. އަހަރެން ހައިރާނެއް ނުވޭ. އަހަރެމެން ދެމީހުންގެ މެދުގައި ވަރަށް ތަފްސީލީ ބައްދަލުވުމެއް ހިނގި،" ވަންގްޗުކް ބުނެފައިވެއެވެ.
އާމިރު ކުޅޭ ކެރެކްޓާތަކުގެ ތެރެއަށް މާބޮޑަށް ވަދެގެން މަސައްކަތްކުރާ ކަމަށް މަޝްހޫރުވެފައިވާ މަޝްހޫރުވުމަށް އަލިއަޅުވާލައި ވަންގްޗުކް ބުނީ ފަހަރެއްގައި "ގަޖިނީ"ގައި ކުޅުނު ކެރެކްޓާގެ ތެރެއަށް މާބޮޑަށް ވަދެވުމުން، އޭނާއަށް އެވޯޑު ލިބުނު ހަފްލާއަށް އާމިރު ހާޒިރުވިކަން ހަނދާން ނެތުނީ ކަމަށް ވެސް ވެދާނެ ކަމަށެވެ.

އިންޑިއާގެ އެކްޓަރު އާމިރު ޚާން އަދި ސޯނަމް ވަންގްޗުކް-- ފޮޓޯ/ ސްކްރީން
މީގެ އިތުރުން، މިއީ ސީދާ އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމަކަށް ނުވި ނަމަވެސް، އެ ބައްދަލުވުމުގެ ސަބަބުން "3 އިޑިއަޓްސް"ގައި އާމިރު ކުޅުނު ކެރެކްޓާގެ ބައެއް ކަންކަމަށް އަސަރުކޮށްފައި ވާނެ ކަމަށް ގަބޫލުކުރާ ސަބަބު ވަންގްޗުކް ތަފްސީލުކޮށްދިނެވެ.
"މިއަށް މި ކިޔަނީ އަސަރުކުރުމާއި އިންސްޕިރޭޝަން. ފަހަރެއްގައި އޭނާ އަހަރެންގެ ހަޔާތުގެ ބައެއް ބައިތައް ނަގައިގެން ސްކްރިޕްޓަށް އިތުރުކުރީ ކަމަށް ވެސް ވެދާނެ. އަދި އޭނާގެ ޓީމަށް، އަހަރެންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު މީގެތެރެއަށް މި ކަންކަން އިތުރުކުރި ވާހަކަ ނުބުނަނީ ކަމަށް ވެސް ވެދާނެ. އޭނާ ބުނެފާނެ މިއީ ހަމައެކަނި އަމިއްލައަށް އިތުރުކުރި ކަންތައްތަކެކޭ. އެހެންވެ ލިޔުންތެރިންނާއި ޑައިރެކްޓަރަށް ވެސް އެނގިފައެއް ނޯންނާނެ އާމިރު މީހަކާ ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު މިއިން ކަމެއް އިތުރުކުރި ކަމެއް. އަހަރެންނަކަށް މީގަ މައްސަލައެއް ނެތް،" ސޯނަމް ވަންގްޗުކް އިތުރަށް ބުނެފައި ވެއެވެ.
ވަންގްޗުކްގެ މި ވާހަކަތަކާ އެކު، ފިލްމު އުފެއްދުމުގެ ކުރިން އާމިރުއާ ބައްދަލުވި ކަމަށާއި، ދެމީހުންގެ މެދުގައި ގިނަ ޚިޔާލުތަކެއް ހިއްސާކުރެވުނު ކަމަށް އޭނާ ތަކުރާރުކޮށް ބުނަމުންދާތީ، މި ބަހުސް އަނެއްކާ ވެސް ވަނީ ފެންމަތިވެފައެވެ.
މި މައްސަލައިގައި އާމިރު ވާހަކަދައްކާފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެއީ އާމިރުގެ ކާމިޔާބު ފިލްމު "3 އިޑިއަޓްސް"ގައި "ޗަތުރު"ގެ ރޯލު ކުޅުނު އޯމީ ވައިދިޔާ، އާމިރުގެ ކެރެކްޓަރަކީ ސޯނަމް ވަންގްޗުކްގެ ހަޔާތުން އިންސްޕަޔާވެގެން އުފައްދާފައިވާ ކެރެކްޓާއެއް ކަމަށް ބުނި ދަނޑިވަޅެއްގައެވެ. އެ ދުވަސްވަރަކީ އިންޑިއާގެ 'ނީޓް' އިމްތިހާނުގެ ޕޭޕަރު ލީކުވުމާ ގުޅިގެން ދަރިވަރުން ކުރި މުޒާހަރާތަކުގައި ސޯނަމް ވަންގްޗުކް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށް ގެންދިޔަ ދުވަސްވަރެކެވެ.