އިންޑިއާގެ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ އަމިއްލަ ފިލްމު ކުންފުނިން، އަލަށް ތަޢާރަފުވާ ފަންނާނުންނަށް މަގުފަހިކޮށްދިނުމުގެ ގޮތުން "އޯޕަން މައިކް" ޕްލެޓްފޯމެއް ވުޖޫދަށް ގެނެސްފިއެވެ.
"ވަންސް އަޕޮން އަ މައިކް"ގެ ނަމުގައި ފެށި މި ޕްލެޓްފޯމުގެ ފުރަތަމަ ހުށަހެޅުމެއްގެ ގޮތުގައި ފެނިގެންދަނީ، މުމްބާއީގެ ގޯވާންޑީއަށް ނިސްބަތްވާ ރެޕަރެއް ކަމަށްވާ ސަނިޔާ އެމް.ކިއުގެ އުފެއްދުމެކެވެ. އޭނާގެ ހުށަހެޅުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާތަކާއި އިޙްސާސްތަކުގެ މައްޗަށެވެ.
މި މަޝްރޫޢަކީ އާންމުންގެ ތެރޭގައި ތިބި ހުނަރުވެރިންގެ ޅެންވެރިކަމާއި، ރެޕް، ބަސްމޮށުންތެރިކަން އަދި ވާހަކަ ކިޔައިދިނުމުގެ ހުނަރުތައް ފާޅުކުރުމަށް ފަހިކޮށްދެވުނު ޚާއްޞަ މާހައުލެކެވެ. މިކަމާ ގުޅޭގޮތުން އެ ޕްރޮޑަކްޝަން ހައުސްގެ އިންސްޓަގްރާމްގައި ބުނެފައިވަނީ، މިއީ ޅެންވެރިކަމާއި، ރެޕް، ބަސްމޮށުންތެރިކަމުގެ އިތުރުން ވާހަކަ ކިޔައިދިނުމުގެ ފަންނު ކުރިއެރުވުމަށް އަލަށް ތަޢާރަފުކުރި ޕްލެޓްފޯމެއް ކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އާމިރުގެ ޓޯކީޒް ޗެނަލް މެދުވެރިކޮށް، ވާހަކަ ކިޔައިދިނުމުގެ ފަންނަށް ޚާއްޞަ ޕްލެޓްފޯމެއް ކަމަށްވާ "ކޮމިއުން"އާ ގުޅިގެންނެވެ. އާމިރު ޚާން ޕްރޮޑަކްޝަންސްއިން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ތަފާތު ދާއިރާތަކުގެ ފަންނާނުންގެ އަޑު އުފުލައިދިނުމާއި، އާންމުކޮށް ފެންމަތިނުވާ ވާހަކަތަކާއި ތަފާތު ވިސްނުންތައް މުޖުތަމަޢާ ހަމައަށް ގެނެސްދިނުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ.
އާމިރުގެ ކުރިއަށް އޮތް ފިލްމު "ސިލްކްޔާރާ 41"ގެ ޕްރޮޑަކްޝަން ޓީމާއެކު އެކްޓަރު--ފޮޓޯ/ފިލްމުފެއައާމިރުގެ ފަހުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، އޭނާ އެންމެ ފަހުން ޕްރޮޑިއުސްކޮށްފައިވަނީ "ބަޓްވާރާ 1947"އެވެ. އަދި އެންމެ ފަހުން އެކްޓަރެއްގެ ގޮތުގައި އޭނާ ފެނިގެން ގޮސްފައިވަނީ ލޯކޭޝް ކަނަގަރާޖްގެ ފިލްމު "ކޫލީ"ގެ ހާއްސަ ފެނިލުމަކުންނެވެ. އުމުރުން 61 އަހަރުގެ އެކްޓަރު މިހާރު ތައްޔާރުވަމުން އަންނަނީ، 2023 ވަނަ އަހަރު އުއްތަރަޚަންޑްގެ ސިލްކްޔާރާ ޓަނަލްގައި ތާށިވި 41 މަސައްކަތްތެރިން ސަލާމަތްކުރި ޙަޤީޤީ ޙާދިސާގެ މައްޗަށް ބިނާކޮށް އުފައްދާ "ސިލްކްޔާރާ 41" ޕްރޮޑިއުސް ކުރުމަށެވެ.
ކަބީރު ޚާން ޑައިރެކްޓްކުރާ މި ފިލްމަކީ އާމިރު ޚާން ޕްރޮޑަކްޝަންސްގެ އިތުރުން، އޮސްޓްރޭލިއާގެ މައިންޑް ބްލޯވިންގް ފިލްމްސް އަދި ކަބީރު ޚާން ފިލްމްސް ގުޅިގެން ގެނެސްދޭ އުފެއްދުމެކެވެ.