ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދިމާއަށް ސިނަމާލެ ބުރިޖު މަތިން ހިނގާފައި ދިޔަ ބިދޭސީންތަކަކަށް ފުލުހުން އެހީވެ، ޓެކްސީއެއް ހަމަޖައްސައިދީފިއެވެ.
މީސްމީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަނީ، ދެ ފިރިހެނަކު ސިނަމާލެ ބުރިޖު މަތިން ހިނގާފައިދާ މަންޒަރެވެ. ދެ މީހުން ވެސް ތިބީ ފޮއްޓެއް ހިފައިގެނެވެ. އެހެންވެ، ބޮޑަށް ބެލެވެނީ ތަނަކަށް ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ކަމަށެވެ.
މި ކަމާ ގުޅިގެން ފުލުހުން ބުނީ، މިއަދު ހަވީރު 05:00ހާއިރު ސިނަމާލެ ބުރިޖު މަތިން އެއާޕޯޓާ ދިމާއަށް ހިނގާފައި ދިޔަ ދެ ބިދޭސީއަކަށް ފުލުހުން އެޓެންޑުވެފައިވާ ކަމަށެވެ.
މިގޮތުން، އެ ސަރަހައްދަކީ ހިނގާފައި ދިޔުން މަނާ ސަރަހައްދެއްކަން އެ މީހުންނަށް އަންގައި، ނަސޭހަތްދިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި، އެ މީހުންގެ ދަތުރުކުރިއަށް ގެންދިޔުމަށް ޓެކްސީއެއް ހަމަޖައްސައި، ފުލުހުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.