ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ 49 މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ހުޅުވައިލާނެކަން އެ ޕާޓީން ހާމަކޮށްފިއެވެ.
ޕީއެންސީން މިރޭ ނެރުނު އިއުލާނެއްގައިވަނީ، އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށާއި މެންބަރުންގެ މަޖިލީހުގެ މެންބަރުކަމަށާއި އަންހެނުންގެ ހަރަކާތުގެ މަގާމުތަކަށާއި ޒުވާނުންގެ ހަރަކާތުގެ މަގާމަށް ކުރިމަތިލާން އަންނަ އަންގާރައަށްވާ ސެޕްޓެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް ހުޅުވައިލާނެކަން ހާމަކޮށްފައެވެ.
އެ އިއުލާނުގައިވާ ގޮތުން، ޕީއެންސީން އެ ޕާޓީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސްގައި އިންތިޚާބުކުރަނީ:
- ހަ ނައިބު ރައީސުން
- މެންބަރުންގެ މަޖިލީހަށް 35 މެންބަރުން، އޭގެ ތެރެއިން ޒުވާނުންނަށް ހަތް ގޮނޑި، އަދި އަންހެނުންނަށް 10 ގޮނޑި ވަނީ ޚާއްސަކޮށްފައި
- އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތަށް ރައީސަކާއި ނައިބު ރައީސަކާއި އަމީންއާންމަކާއި ޚަޒާންދާރެއް
މަގާމުތަކަށް ކުރިމަތިލާ ޕީއެންސީ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި، ޖިނާއީ ބޮޑު ކުށެއްގެ ރެކޯޑު އޮތް މީހަކަށް ވެގެން ނުވާނެއެވެ.
މަގާމުތަކަށް ކުރިމަތިލާން އެދޭ ޕީއެންސީގެ މެންބަރުން އެ ކަމަށް ޚާއްސަ ޕޯޓަލް މެދުވެރިކޮށް މަގާމުތަކަށް ކުރިމަތިލުމަށް އެ ޕާޓީން އެދެއެވެ. އެގޮތުން މަގާމުތަކަށް ކުރިމަތިލާން އެދޭ މެންބަރުން ހުށަހަޅަންވާނީ އެއް މަސް ނުވާ ކުށުގެ ރެކޯޑާއި ފުލުސް ރެކޯޑު ކަމަށް ވެސް އިއުލާނުގައިވެއެވެ.
ޕީއެންސީގެ ކޮންގްރެސް އޮންނާނީ މި ފެށޭ ސެޕްޓެންބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން 18ވަނަ ދުވަހުގެ ނިޔަލަށެވެ.
ފާހަގަކުރެވޭ ގޮތުގައި ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަން އަށް ބޭފުޅަކު ވާދަކުރައްވަން ވަނީ ނިންމަވައިފައެވެ. އޭގެ ތެރޭގައި މިހާރު ވެސް ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލާއި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހިމެނެއެވެ. އެ މަގާމަށް ދެން ވާދަކުރައްވާނެކަން ހާމަކުރައްވައިފައިވަނީ:
- ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢު
- މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)
- ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ