މަސައްކަތް ނިންމާލާނީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް އެކުގައި، މި ރާއްޖެއަށް ކޮންމެހެން ގެންނަން ޖެހިފައިވާ 'ބޮޑު ބަދަލު' ގެނައުމަށް ފަހު ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.
ފައްޔާޒު އެފަދައިން ވިދާޅުވީ ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ގިނަ މެންބަރުން ގޮވާލުމާ ގުޅިގެން 'ބޮޑު ބަދަލު' ވަޓްސްއެޕް ގްރޫޕުން ނުކުންނަވާފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އޭނާއާއި ރައީސް ނަޝީދާއެކު އަދި ދެ ޓީމުގެ މަސައްކަތް ނިންމާލާނީ މި ރާއްޖެއަށް ކޮންމެހެން ގެންނަން ޖެހިފައިވާ 'ބޮޑު ބަދަލު' ގެނައުމަށްފަހު ކަމަށެވެ.
އަދި މީގެ ތިން ހަފުތާ ކުރިން 'ބޮޑު ބަދަލު'ގެ ނަމުގައި ހަދާފައި އިން ވަޓްސްއެޕް ގްރޫޕަކުން ނުކުތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ރަސްމީ ގްރޫޕެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން 'ސަން' އަށް މައުލޫމާތު ދެއްވައި ފައްޔާޒު ވިދާޅުވީ އޭނާއާ ރައީސް ނަޝީދާ ދެމެދު އެއްވެސް ޚިޔާލުތަފާތުވުމެއް ނެތް ކަމަށެވެ.
މީގެ ކުރިން އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ވެސް ރައްދުކުރެއްވި ދެ ބޭފުޅުން އެކުގައި މަސައްކަތްކުރައްވާތާ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައެވެ.
ދެ ބޭފުޅުން އެކުގައި 'ބޮޑު ބަދަލު'ގެ ނަމުގައި ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގިނަ ބަދަލުތަކެއް ހުށަހެޅުއްވިއެވެ.
އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާ ގުޅޭ ގޮތުން ވެސް ގިނަ ބަދަލުތަކެއް ވަނީ ހުށަހަޅާފައެވެ.
އެކަން އިއުލާނުކުރެއްވި ދުވަހު ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކުރައްވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ޕާޓީގެ ރިޔާސީ ޓިކެޓަށް ފައްޔާޒު އެންޑޯސްކުރައްވައިފައެވެ.
ނަމަވެސް މިހާރު ޕާޓީގެ އެތެރޭގައި ފައްޔާޒުގެ ބަދަލުގައި ނަޝީދު ރިޔާސީ ރޭހަށް ނުކުންނެވުމަށް ގޮވައިލާ އަޑުތައް ވަނީ ގަދަވެފައެވެ.